ads
އައިޖީއެމްއެޗް--
ޕެޓިޝަނާއި ގުޅިގެން ނަރުހުން އެކި ވޯޑުތަކަށް ބަދަލެއް ނުކުރަން: އައިޖީއެމްއެޗް
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އީއާރުގައި މަސައްކަތް ކުރަމުންދާ ނަރުހެއް އެ ޑިޕާޓްމަންޓުގެ އެހެން ނަރުހުންނަށް ބިރުދައްކާ، ނުފޫޒު ފޯރުވާކަމަށް ބުނެ ނަރުހުން ހުށަހެޅި ޕެޓިޝަނާއި ގުޅިގެން ނަރުހުން އެހެން ވޯޑުތަކަށް ބަދަލު ކުރަމުން ނުދާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ އީއާރުގައި މަސައްކަތް ކުރާ 31 ނަރުހަކު ވަނީ އީއާރުގެ އިންޗާޖުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޖަބީން މުހައްމަދު ނަމަކަށް ކިޔާ ނަރުހެއްގެ ފަރާތުން ލިބެމުން އަންނަ އަނިޔާތަކާއި، އުނދަގޫތަކާއި ގުޅިގެން އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްދިނުމަށް އެދި ހޮސްޕިޓަލުގެ އެޗްއާރް އަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. 

ނަރުހުން ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ، އިންޗާޖުގެ ގޮތުގައި ހުރެ އޭނާ ނަރުހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ސަލާމާއި، އިމެޖެންސީ ލީވް ނަގާއިރުވެސް އޭނާގެ ފަރާތުން އުނދަގޫތައް ކުރިމަތި ވަމުން އަންނަ ކަމަށެވެ. އަދި ބައެއް ފަހަރު ސަލާމް ބުނެފިނަމަ އެދުވަހު އޮފީހަށް ނާންނަ ދުވަހެއް ކަމަށް ހަދާ، އެޗްއާރް އަށް ސަލާމް ނުފޮނުވާ ޖަބީން ހިފަހައްޓަމުން އަންނަ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

އަދި އީއާރުގައި މަސައްކަތް ކުރަމުން އަންނަ މާބަނޑު ނަރުހުން ސަލާމް ބުނެފިނަމަ، ނުވަތަ ސިކް ލީވް ނަގާފިނަމަ، އެފަރާތްތައް ވަޒީފާއިން ކެނޑެން އަންގާ ކަމަށާއި، އަދި އިތުރަށް އެތަނުގައި މަސައްކަތް ކުރާ ނަރުހުން ބަނޑުބޮޑުވާން ޖެހޭނީ، އޭނާ އަންގާ ތާވަލް އަކަށް ކަމަށްވެސް ބުނެފައި ވާކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ޕެޓިޝަނުގައި ބުނެފައިވަނީ، ޖަބީން އެއްބަސް ނުވުމުން ސިކް ލީވް ނުނަގާ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ޖެހުމުން، ބައެއް މާބަނޑު ނަރުހުންގެ ދަރިން ބައިގެން ގޮސްފައި ވާކަމަށާއި، މިކަންކަމުގެ ޝަކުވާ ކުރުމުން، އެކަމާއި މެދު ހާސް ނުވާ ކަމަށާއި، އެއްވެސް ފިޔަވަޅެއްވެސް ނޭޅޭނެ ކަމަށް އޭޏާ ބުނެފައި ވާކަމަށް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. އަދި ވަޒީފާގެ ކުރިއެރުންތަކަށްވެސް ޖަބީން ހުރަސް އަޅަމުން އަންނަ ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.

ޕެޓިޝަން ހުށަހެޅި ބައެއް ނަރުހުން ބުނާ ގޮތުގައި، އެ ޕެޓިޝަން ހުށަހެޅުމުން، ހޮސްޕިޓަލުން އެ ނަރުހުންގެ ޑިޕާޓްމަންޓުތައް ބަދަލު ކުރަމުން ގެންދާ ކަމަށާއި، ޖަބީން އާއި މެދު ފިޔަވަޅު ނާޅާ ފިޔަވަޅު އަޅަމުންދަނީ އެ ޕެޓިޝަން ހުށަހެޅި ނަރުހުންނަށް ކަމަށެވެ. އަދި މިކަން ކަމާއި ބެހޭ ހުރިހާ އިދާރާތަކާއި ހިއްސާ ކުރާނެ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ.  

މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ދުވަސްވަރު އެ ހޮސްޕިޓަލުގެ ނަރުހުން އެކި ޑިޕާޓްމަންޓުތަކަށް ބަދަލުކުރަމުން ދަނީ، ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެން ނޫން ކަމަށާއި، އެ ޕެޓިޝަނުގައި ސޮއި ކުރި ނަރުހުންނަށް ފިޔަވަޅު އަޅަމުން ދާކަމަށް ބުނެ ފަތުރަނީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. 

އަދި ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް ފުރިހަމަ ކުރަންޖެހޭ އިޖްރާތްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް