ads
ކްރިމިނަލް ކޯޓު
ތިން ފުޅި ރާ ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި
ފަސް ސަތޭކަ އެމްއެލްގެ ހުސް ތިން ފުޅީގައި ބަނގުރާ ގެންގުޅުނު މީހަކު ނުވަހަސް ހަ ސަތޭކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި ހުކުމްކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.

މިއީ ދެހާސް ވިހިވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެންވޭރުކޮޅު، ގެއަކުން ނުކުތް މީހެއްގެ އަމަލުތައް ހުރި ގޮތުން އެ ސަރަހައްދު ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ޝައްކުވެގެން ހުއްޓުވި މީހެއްގެ މައްޗަށް ކުރި ހުކުމެކެވެ. ހުކުމުން އެނގޭ ގޮތުގައި އެ މީހާ، ފުލުހުންނަށް ފެނުމުން މަގުމައްޗަށް ވައްޓާލި ކޮތަޅަކުން ތިން ފުޅިއަށް ބަނގުރާ އަޅާފައި ހުރިކަން ފާހަގަ ކުރެވެނެވެ. އެ މައްސަލައިގައި އޭރު އެ މީހާ ހަ ދުވަހު ބަންދުކޮށްފައި ބެހެއްޓިއެވެ. އަދި ފަހުން މައްސަލަ ޝަރީއަތަށް ފޮނުވުމުން އޭނާވަނީ އެ ކަމަށް އިއުތިރާފުވެފައެވެ.

އަދަބު ކަނޑައެޅުމުގައި ކުށްވެރިޔަގެ މައްޗަށް ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ގާނޫނުލް އުގޫބާތުން ފަނޑިޔާރަށް ދީފައިވެއެވެ. އެހެންކަމުން ފަނޑިޔާރަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އޭނާ ތަންފީޒު ކުރަން ޖެހޭ އެއް މަހާއި އަށާރަ ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ޝަރީއަތުން ކަނޑައަޅަމެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އާދިއްތަ ދުވަހު ކުރި މިހުކުމުގައި ބުނެފައިވާ ގޮތުން، ބަނގުރާ ގެންގުޅުނު މީހާވަނީ އޭނާގެ އަދަބު ވީހާވެސް ލުއިކޮށްދިނުމަށް އެދިފައެވެ. އަދި ހުކުމުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ނުކުރީ، ޖަލު ހުކުމެއްކޮށްފިނަމަ، ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި އަދި އޭނާ ކުށުގެ ވެށިން ދުރުކުރުމަށް ރިއާޔަތްކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް