ads
ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެންމެ އިސް ސިޔާސަތަކީ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން: ރައީސް
މިސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ދިވެހި ގައުމީ ދިފާއީ ބާރުގެ "ކޮމާންޑާސް ކޮންފަރެންސް 2020" އިފްތިތާހުކޮށްދެއްވުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ.



ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ބައްލަަވާލައްވަމުން ރައީސް ވަނީ އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުންދިވެހި އަސްކަރިއްޔާ އިތުރަށް ތަރައްގީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި އަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި، އުޅަނދުފަހަރު ހޯދުމަށް ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ އެ ގައުމެއްގެ ސިފައިން ކަމުގަ އެވެ. އެހެންކަމުން ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަކީ މެދުކެނޑުމެއް ނެތި އަބަދު ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދޅާުވި އެވެ. އެ މަގުސަދުގައި ސިފައިންގެ ހުރިހާ ކޮމާންޑަރުން އެއްތަންކޮށް، މިފަދަ މަހާސިންތާއެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. 

މަހާސިންތާގައި ހުށަހެޅިގެންދާ ދިރާސާ ކަރުދާސްތަކާ މެދު މަޝްވަރާކުރާއިރު ގައުމީ މަސްލަހަތުތައް ހިމާޔަތްކޮށް، ގައުމީ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ނެގެހެއްޓޭނެ ފަދަ ނިންމުންތަކަކަށް އަމާޒު ހިފުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އެއީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތައް ކަމަށާއިއި، ބައިނަލްއަގްވާމީ މަޝްރަހުގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި މިހާރު އަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުން ކަމަށާއި، މިމުހިންމު ބަދަލާއެކު ކޮމާންޑަރުންގެ ވިސްނުންވެސް އެމިސްރާބަށް އަމާޒުކުރުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދިވެހި ސިފައިން ވަމުންދާ ޤުރުބާނީއަށް، މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. އަދި ސިފައިންގެ ހިދުމަތަކީ އިނާމަކުން، މުދަލާއި ފައިސާއިން ނުވަތަ ތައުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވެ ސިފައިންވަމުންދާ ޤުރުބާނީއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް