އާޖެންޓީނާގެ ތިންވަނަ ޑިވިޝަންގެ މެޗެއްގެ ތެރޭގައި އަންހެން ރެފްރީއަށް ކުޅުންތެރިޔަކު ހަމަލާދިނީ، އެ ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދެއްކުމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުން އެ ކުޅުންތެރިޔާ ރެފްރީގެ މޫނު މަތީގައި ޖެހުމާއި އެކު ރެފްރީ ބިންމައްޗަށް ވެއްޓެއެވެ. އެކަމަކު ވެއްޓުމާއި އެކު ރެފްރީ ތެދުވެއެވެ. ފަހުން މި ރެފްރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހިފައިވެއެވެ.
އުމުރުން ތިރީސް އަހަރުގެ ރެފްރީ ޑަލްމާ ކޮޓާޑީއަށް ހަމަލާދީފައިވަނީ އުމުރުން ތިރީސް ހަތަރު އަހަރުގެ ކުޅުންތެރިއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ރެފްރީއަށް ހަމަލާ ދިނުމާއި އެކު ދަނޑު މަތިން އޭނާވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމަލާދިން މައްސަލަ ވަކިން ބަލަމުން އަންނަ އިރު، އޭނާއަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް އަންނާނެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުއެވެ.