ads
ފޮޓޯ: އަވަސް
ލީކުކޮށްފައިވާ އޯޑިއޯތަކާއި ގުޅިގެން ޕާޓީ ކައުންސިލް މެމްބަރުން ކަންބޮޑުވޭ: ޖޭޕީ
ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކަމަށް ތުހުމަތުކުރެވޭ މީހަކު ދައްކާވައިފާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްފައިވާތީ އެކަމުގައި ޕާޓީގެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ކަންބޮޑުވުން އެބަހުރި ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

މިނިސްޓަރު އަލީ ވަހީދް ކަމަށް ތުހުމަތު ކުރެވޭ ބޭފުޅަކު ދައްކަވާފައިހުރި ވާހަކަތައް ސޯޝަލް މީޑިއާގައި ލީކުކުރަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކިބައިބަޔަށް ލީކު ކޮށްފައިވާ މި އޯޑިއޯތަކުގެ ތެރެއިން މިހާތަނަށް ޖުމުލަ ފަސް އޯޑިއޯ ލީކުކޮށްފައިވެއެވެ. 

އެމައްސަލައިގައި ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ވާހަކަތަކެއް ޕާޓީގެ ރައީސާއި ގުޅުވައި މީޑިއާގައި ފެތުރޭތީ ހިތާމަކުރާކަމަށެވެ. 

އޯޑިއޯގައި އިވޭ އަޑާއި އަލީ ވަހީދުގެ އަޑާއި ވައްތަރުކަން ފާހަގަ ކުރައްވާ އަލީ ސޯލިހް ވިދާޅުވީ ޔަގީންކޮށް އެއީ އަލީ ވަހީދުގެ އަޑުކަން ދަންނަވަން ދަތިކަމަށެވެ. އަދި އެކަން އިނގޭނީ ކަމާއިބެހޭ ފަރާތްތަކުން އެކަން ބެލުމުންކަމަށް ވިދާޅުވި އެވެ. 

އޯޑިއޯތަކުގައި މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތުކުރެވޭ މީހާ އެކި ވަޒީރުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުހާތަބުކުރުމާއި އާންމުއިޖުތިމާއި މިންގަނޑުތަކާއި ދުރު އަދި ދީނާއި ދުރު ވާހަކަތަކެއް ދެއްކި މައްސަލަ ޖޭޕީން ބަލާނެތޯ ސުވާލު ކުރުމުން އަލީ ސޯލިހް ވިދާޅުވީ، އެ މައްސަލަ ޕާޓީގެ އޮފީހަށް ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާކަމަށެވެ. އަދި އެ މައްސަލަ ރަސްމީކޮށް ޕާޓީ އޮފީހަށް ހުށަހެޅުމުން ބަލާނެ ކަމަށާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ. 

އަދި މި މައްސަލައިގައި ޕާޓީގެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާއި ގުޅޭގޮތުން ލީކުކޮށްފައިވާ އޯޑިއޯގައި އަލީ ވަހީދުކަމަށް ތުހުމަތު ކުރެވޭ މީހާ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އަލީ ސޯލިހް ވިދާޅުވީ، މިނިސްޓަރު ނަހުލާއަކީ ހުރިހާ މީހުނާއިވެސް ވަރަށް ގާތްކޮށް ވާހަކަދައްކަވާ ފަރާތެއްކަމަށެވެ. އަދި ވާހަކަ ދެއްކުމަކީ އަބުރު ކަތިލަންޖެހޭ ކަމެއް ނޫންކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

"މިނިސްޓަރު ނަހުލާ އާއި ގުޅޭގޮތުން ހިނގާފައިވާކަމަށް އެ އޯޑިއޯގައި ބުނާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް. އެއީ އެއްވެސް ވަރަކަށް ހިނގާފައިވާ ކަމެއްނޫން. އައީ އަސްލެއްނެތް ވާހަކަތަކެއް. އަބުރު ކަތިލުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއް."

ލީކުކޮށްފައިވާ އޯޑިއޯތަކާއި ގުޅިގެން ޖޭޕީން ވަރަށް ކަންބޮޑުވާކަމަށާއި، އަދި ހިތާމަކުރާކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ސުލޫކީ އަސާސްތަކެއް ހިފަހައްޓާ ޕާޓީއެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ. 

އޯޑިއޯ ތަކާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ، ދައުރުވަމުންދަނީ ސައްހަ އޯޑިއޯ ތަކެއް ނޫންކަމަށެވެ. އަދި އެއީ "އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާ އެއް" ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ. އޭނާގެ މައްޗަށް ތަހުގީގު ހިންގުމަށް ގޮވާލާ އަލީ ވަހީދު ބުނެފައިވަނީ، ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ހާމަވާނެ ކަމަށެވެ.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް