ads
ދިރާގް އެޕްރެންޓިސްޝިޕް ޕްރޮގްރާމް--
ދިރާގް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިހާތަނަށް 214 ޒުވާނުން ވަނީ ބައިވެރިވެފައި
ދިރާގުން އިސްނަގައިގެން 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިހާތަނަށް 214 ޒުވާނުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ކިޔަވާ ނިންމުމަށް ފަހު މަސައްކަތުގެ މައިދާނަށް އަހުލުވެރި ކުރުވާ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ހާސިލް ކޮށްދީ ޒުވާނުން ބާރުވެރިކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. ދިރާގުގެ މި ޕްރޮގްރާމަކީ މިގޮތަށް ރާއްޖޭގައި ފެށުނު އެންމެ ފުރަތަމަ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.

މިދިޔަ އަހަރު ހިންގި ޕްރޮގްރާމުގައި ބައިވެރިވި ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާ، 2020 ވަނަ އަހަރު މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންނަށް މަރުހަބާ ކިޔުމުގެ ހާއްސަ ހަފްލާއެއް ދިރާގުން ވަނީ ހޯމަ ދުވަހު ހޮޓެލް ޖެންގައި ކުރިއަށް ގެންގޮސްފަ އެވެ. 

މި ޕްރޮގްރާމްގެ ބޭނުމަކީ ދިވެހި ޒުވާނުން މަސައްކަތުގެ މާހައުލަށް ތައްޔާރު ކުރުން ކަމުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދް ވަނީ އެ ހަފްލާގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.

ސީއީއޯ ވިދާޅުވީ، ދިރާގަކީ ވަރަށް ގިނަ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެހެން ނަމަވެސް ގިނަ ފަރާތްތަކަކަށް ކޮންމެ އަހަރަކު ވަޒީފާގެ ފުރުސަތު ދެވެން ނެތުމުން އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެޕްރެންޓްސްޝިޕް ޕްރޮގްރާމް ފެށީ ކަމަށެވެ. 

މި ޕްރޮގްރާމް އަކީ ކާމިޔަބު ޕްރޮގްރާމެއްކަން އެނގިގެންދަނީ މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުން ޕްރޮގްރާމް ނިންމުމަށް ފަހު ކާމިޔާބު ރަނގަޅު ވަޒީފާތަކުގައި މަސައްކަތް ކުރަމުން ދާތަން ފެންނަމުން ދާތީ ކަމަށް ސީއީއޯ އިސްމާއީލް ރަޝީދް ވިދާޅުވި އެވެ.

އިސްމާއީލް ރަޝީދު ވަނީ ޕްރޮގްރާމްގައި ލިބުނު މައުލޫމާތާއި ތަޖުރިބާ އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި އަލަށް 2020 ވަނަ އަހަރު މި ޕްރޮގްރާމާ ގުޅުނު ކުދިންނަކީ މިހާރު ދިރާގު ޓީމުގެ ކުދިން ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މި ކުދިން ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.  

ދިރާގު އެޕްރެންޓްސްޝިޕް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ތަޖުރިބާކާރު މޮޅު ޓީމަކާއި އެކު މަސައްކަތްކޮށް މަސައްކަތާއި ގުޅޭ އިލްމާއި ހުނަރު އަދި ތަޖުރިބާ ލިބިގެން ދާނެ އެވެ. އަދި ޕްރޮގްރާމްގެ ދަށުން ސޮފްޓް ސްކިލްސް ޓްރެއިނިންގް ޕްރޮގްރާމް އާއި އެތިކްސް، ޓައިމް މެނޭޖްމެންޓް، ކޮމިއުނިކޭޝަން ސްކިލްސް އަދި ވަޒީފާތަކަށް ކުރިމަތިލާން ފަސޭހަ ވާނެ ގޮތަށް ރަނގަޅު ސީވީއެއް ތައްޔާރުކޮށް ޖޮބް އިންޓަވިއު ސްކިލްސް ޓްރެއިނިންގް ބައިވެރިންނަށް ދެވޭނެ އެވެ.

އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފުލްޓައިމް ވަޒީފާއެއް އަދާ ނުކުރާ ޖީސީއީ އޯލެވެލް ތިން މާއްދާއިން ފާސްވެފަވާ ޒުވާނުންނަށް ބައިވެރިވެވޭނެ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރު ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮންނަ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އޮންލައިންކޮށް އެޕްލައި ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް