ads
ރައީސް ނަޝީދު އަދި ރައީސް ސޯލިހް--
ޕްރައިމަރީއަކާއި ނުލާ ކޮންގްރެސްގައި ރިޔާސީ ޓިކެޓު އެއްވެސް މީހަކަށް ނުދޭނެ: އެމްޑީޕީ
އަންނަ 2023 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ހޮވާނީ ޕްރައިމަރީއަކުން ކަމަށާއި، ޕްރައިމަރީ އަކާއި ނުލާ ރިޔާސީ ޓިކެޓު އެއްވެސް ކެންޑިޑޭޓަކަށް ނުދޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 21 އަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސް އާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޕްރައިމަރީއެއް ބާއްވައިގެން ނޫން ގޮތަކަށް، ރިިޔާސީ ޓިކެޓު ދެވޭނެ އުސޫލެއް އަސާސީ ގަވާއިދުގައި ނޯންނަ ކަމަށެވެ. އަދި އެފަދަ އިސްލާހެއް ހުށަހަޅާފައިވެސް ނުވާކަމަށެވެ. 

"ކޮންމެ ގޮތެއްވިޔަސް 2023 ގެ ޓިކެޓު ދޭނެ ކެންޑިޑޭޓެއް ހޮވަންޖެހޭނީ، އެއީ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅިފައި ނެތް. ހުށަހެޅުމުގެ ފުރުސަތުވެސް އޮތީ ބަންދުވެފައި، އެމްޑީޕީ އަސާސީ ގަވާއިދުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ބާއްވަން. އިތުރު ގޮތަކަށް ނެތް ޓިކެޓު ދެވޭކަށް،" އިބުރޭ ވިދާޅުވި އެވެ.

އިބުރޭ ވިދާޅުވީ، ފަސް މެމްބަރުންގެ ކޮމެޓީއެއް ނަގައިގެން ޕްރައިމަރީއެއް ބޭއްވުން ނޫން ގޮތެއް ގައުމީ މަޖިލީހަށް ނޯންނާނެ ކަމަށާއި، އަދި އެނޫން ގޮތަކަށް އެކަން ކުރުމުގެ ބާރެއް ގައުމީ މަޖިލީހެއްވެސް ނޯންނާނެ ކަމަށެވެ. 

"ޕްރައިމަރީއަކާ ނުލާ ޓިކެޓެއް ދިނުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން މިހާރު މި އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން" އިބުރޭ ވިދާޅުވި އެވެ.

ކޮންގްރެސްގައި އެފަދަ އިސްލާހެއް ހުށަހަޅައިގެން އަސާސީ ގަވާއިދު ބަދަލުކުރުމުގެ ހާލަތެއް އައިސްފާނެތީ ނޫސްވެރިއަކުން ސުވާލުކުރުމުންވެސް އިބުރޭ ވިދާޅުވީ އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ނުކުރެވޭ ގޮތް ހަދާފައިވަނީވެސް މާޒީން ލިބުނު ހިތި ތަޖުރިބާ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން 2023 ގެ ވެސް ރިޔާސީ ޓިކެޓު ކަނޑައެޅިގެން ދާނީ، ޕްރައިމަރީއަކުން ކަމަށް އިބުރޭ ވިދާޅުވި އެވެ. ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ހަމައެއް ނުޖައްސައެވެ. ނަމަވެސް ވަރަށް އަވަހަށް 

"އަޅުގަނޑުމެން 2010ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި އެގޮތަށް އަމަލުކޮށްގެން ވަރަށް ދެރަ ހިތި ތަޖުރިބާ ތަކެއް އަޅުގަނޑުމެންނަށް ކުރަން ޖެހުނު، އޭގެފަހުން އަޅުގަނޑުމެން އެގޮތަށް އަމަލެއް ނުކުރަން، ކޮންގްރެސްގައި އިސްލާހު ހުށަހަޅައިގެން އަސާސީ ގަވާއިދަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ އިގޭތޯ" އިބުރޭ ވިދާޅުވި އެވެ.

ޕާޓީގައި ވަރަށް ބޮޑަަށް ހިޔާލުތަފާތުވެފައި ވުމުން އެމްޑީޕީގެ ޓިކެޓު ޕްރައިމަރީއަކާއި ނުލާ ދޭން ވިސްނަފާނެ ކަމަށް މީގެ ކުރިން އޮތީ ބެލެވިފަ އެވެ.   

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ތާއިދުކުރައްވާނީ ރައީސް ސޯލިހް އަށް ކަމަށް ފައްޔާޒް ވިދާޅުވިއިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަންވެސް ރައީސް ސޯލިހް މިހާތަނަށް ހާމައެއް ނުކުރައްވައެވެ.

ރައީސް ވިދާޅުވަމުން އައީ އެމަނިކުފާނު ފޯކަސް އޮތީ މިދައުރުގެ ވައުދުތައް ފުއްދުމަށް ކަމަށާއި، އެހެން ދައުރެއްގެ ވާހަކަ ދައްކަވަން ވެސް ވާނީ އެކަން ކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވާދަކުރައްވާނެ ކަން ވަނީ އިއުލާންކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް