ads
ބެންގަލޫރު އެފްސީ ކެޕްޓަން ސުނިލް ޗެތްރީ
އޭއެފްސީކަޕް: މާޒިޔާއާ ދެކޮޅަށް މާލޭގައި ޗެތްރީ ނުކުޅޭނެ
އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅެން، ބުދަ ދުވަހު، އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުގައި، އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެއް ނުކުޅޭނެއެވެ. ބުދަ ދުވަހުގެ މެޗު ކުޅުމަށް މިއަދު ބެންގަލޫރު އެފްސީ މާލެ އައިއިރު، އެ ޓީމުގެ ކެޕްޓަން ޓީމާ އެކު ނުވެސް އާދެއެވެ.

ބެންގަލޫރު މާލެއަށް އައީ ކޮޗިންގައި އިންޑިއަން ސުޕަރ ލީގުގެ މެޗެއްވެސް ކުޅެފައެވެ. މި މެޗުގައިވެސް އަނިޔާގެ ސަބަބުން ކެޕްޓަން ޗެތުރީ ނުކުޅެއެވެ. އަދި އޭއެފްސީ ކަޕުގެ ޕްރިމިލިނަރީ ބުރުގައި ބޫޓާންގެ ޕާރޯ އެފްސީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ކުރެ އެއް މެޗުގައިވެސް ޗެތްރީ ނުކުޅެއެވެ.

ބެންގަލޫރު އެފްސީއާ މާޒިޔާއާ ވާދަކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ. މާޒިޔާއާ ދެކޮޅަށް މީގެ ކުރިން ހަތަރު ފަހަރު އޭއެފްސީ ކަޕުގައި ބެންގަލޫރުން ކުޅެފައިވާއިރު، މި ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވަނީ ބެންގަލޫރުންނެވެ. ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީވަނީ މި ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި މާޒިޔާ ކޮޅަށް ލަނޑު ޖަހާފައެވެ.

މާލޭގައި ބެންގަލޫރާ މާޒިޔާ ކުޅުމަށް ފަހު، ހަފުތާއެއް ފަހުން ބެންގަލޫރުގައި މި ދެޓީމުގެ ދެވަނަ ލެގު މެޗު އޮންނާނެއެވެ. ދެ މެޗަށް ފަހު އެގްރިގޭޓުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ރާއްޖޭގެ ޓީސީއާ، އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސްއާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު ފެށޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް