ads
ރައީސް ޔާމީން
ރައީސް ޔާމީންގެ ޕްރެސްކޮންފަރެންސްގައި ވިދާޅުވާން އޮތީ ކޮން ވާހަކައެއް؟
ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ފުރަތަމަ ފަހަރަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާނެއެވެ.

ރައީސް ޔާމީންގެ ޕްރެސް ކޮންފަރެންސް މިރޭ އޮންނައިރު، މި ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން ދައްކަވާނީ ކޮން ވާހަކަތަކެއްތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކެވެ. ވަކިން ޚާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ލީޑަރުގެ ގޮތުގައި ނުކުންނެވުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އެ މަނިކުފާނަށް އަރުއްވާފައި އޮތީމައެވެ.

ހިނގަމުންދާ ޝަރީޢަތްތައް

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ ޝަރީއަތާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަ ދައްކާނެކަމަށް ބެލެވެއެވެ. ވަކިން ޚާއްސަކޮށް ޒަމާންވީ މިތުރު- ހަތުރަކަށްވެ ޝަރީއަތުގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައިވުމުން އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ.

ޝަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގެ ވާހަކަތަކާއި، ޝަރީއަތުގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދެއްކުން ނުވަތަ މީޑިއާ ޝަރީއަތް ހިންގުމަކީ އުސޫލެއްގެ ގޮތުން އެންމެ ރަނގަޅު ގޮތް ނޫން ނަމަވެސް ދިވެހި ޕޮލިޓީޝަނުންގެ އެންމެ އާއްމު އެއް ކަމަކީ ޝަރީއަތުގެ ވާހަކަތައް ޝަރީއަތުން ބޭރުގައި ދެއްކުމެވެ. މި ހަމައިން ބަލާއިރު ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނާ ދެކޮޅަށް ކުރީގެ އެކުވެރިޔާ ނާޒިމް ދެއްކެވި ވާހަކަތަކަށް ޔާމީންގެ ޕްރެސްގައި ރައްދު ދެއްވާނެ ކަމަށް ބެލެވެއެވެ.

ސޯޝަލް މީޑިއާ ރިއެކްޝަން- ކާނަލް ނާޒިމަށް ރައްދު ދިނުން

ދާދި މިދާކަށް ދުވަހާ ޖެހެންދެން ރައީސް ޔާމީނަކީ ސޯޝަލް މީޑިއާގައި އާއްމު ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެ މަނިކުފާނުވަނީ ސޯޝަލް މީޑިއާ ބޭނުން ކުރައްވަން ފަށްޓަވާފައެވެ. ސޯޝަލް މީޑިއާގައި އެމަނިކުފާނު ވދަވެރި ސިޔާސީ ލީޑަރުންނަށް ފާޅުގައި ރައްދު ދެއްވަން ފަށްޓަވާފައިވާއިރު މި ފަހުން އެ މަނިކުފާނު ކުރެއްވި ޓްވީޓެއްވަނީ ސޯޝަލް މީޑިއާގައި ހޫނުވެފައެވެ.

ރައީސް ޔާމީންގެ ޓްވީޓަށް، އެ މަނިކުފާނުގެ ފުރަތަމަ ޑިފެންސް މިނިސްޓަރުވަނީ ހޫނު ރައްދެއް ދެއްވާފައެވެ. ނާޒިމްގެ ޓްވީޓްތަކަށް ރައީސް ޔާމީން ސޯޝަލް މީޑިއާގައި ރައްދު ނުދެއްވިނަމަވެސް ވާދަވެރި ސިޔާސީ ލީޑަރުންނަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން ރައްދު ދެއްވާނެ ކަމަށް ބެލެވެއެވެ.

އިންޑިޔާ އައުޓް ކެމްޕޭން

ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ފަށާފައިވާ އިންޑިއާ އައުޓް ކެމްޕެއިނަކީވެސް ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފާނެ ކަމަށް ބެލެވޭ މައުޟޫއެކެވެ. މި ވަގުތަށް އިންޑިއާ އައުޓް ކެމްޕެއިނުގެ އަޑު މަޑުވެފައިވީނަމަވެސް ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގެ ވަރުގަދަ އަދި ފޯރިގަދަ ކެމްޕެއިން ދުވަސްވަރު ކަމަށްވުމުން، އަދި ރާއްޖޭގެ އެތެރޭގެ ކަންކަމަކީ އިންޑިއާއިން އަބަދުވެސް ޝައުގުވެރިވާ ކަންކަންކަމުގައިވެފައި، އިންޑިޔާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމީންގެ ވަރުގަދަ ކެމްޕެއިނެއް ކަމުން އެ ކަމާމެދު ރައީސް ޔާމީން ވާހަކަ ދައްކަވާނެ ކަމަށް ބެލެވެއެވެ.

އިގްތިސާދީ ވާހަކަތައް ވަކިން ހާއްސަކޮށް ތިލަމާލެ ބްރިޖް

ރައީސް ޔާމީނަކީ އިގްތިސާދީ މާހިރަކަށް ވުމާއި އެކު އަދި މި ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ކަންކަން ހިގަމުންދާ މަގަށް ބަލާއިރު ރައީސް ޔާމީންގެ ޕްރެސް ކޮންފަރެންސްފައި އެ މަނިކުފާނު ފޯކަސް ކުރައްވާނެ ކަމަށް ބެލެވޭ އަނެއް މައުޟޫއަކީ އިގްތިސާދީ ކަންކަމެވެ. ވަކިން ހާއްސަކޮށް، ދާދި ފަހުން އިފްތިތާހް ކުރެވުނު ބްރިޖުގެ ކަންތަކާ ގުޅޭ ގޮތުން ރައީސް ޔާމީން ދެކެވަޑައިގަންވަނާގޮތް ސާފުކޮށް ވިދާޅުވާނެ ކަމަށް ބެލެވެއެވެ.

57%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް