ads
ފިނޭންސް މިނިސްޓަރު އަމީރު މާލިއްޔަތު ކޮމިޓީގައި -- ފޮޓޯ: މަޖިލިސް
އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ސަރުކާރުން ނިންމި ގޮތަށް ކުރިއަށްދާނެ: އަމީރު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)އަށް ހަވާލުކުރުމަށް މިސަރުކާރުން ނިންމާފައިވާ ގޮތަށް އެކަމުގައި ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އާސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގައި މިސަރުކާރުން ނިންމާފައިވަނީ އިންސާފުވެރި ރަނގަޅު ގޮތެއް ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނިންމުން ތަންފީޒުކުރަން އެމްއޭސީއެލްގައި އެދިފައިވާތީ އެކަން ތަންފީޒުކުރަން އެމްއޭސީއެލްގެ ބޯޑުގެ މެންބަރުން ދެކޮޅު ހަދާނަމަ ބޯޑު ބަދަލުކޮށްގެން ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތީ އާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭ އަށް ދިނުމަށް ކަމަށެވެ. އެކަމަށް އެމްއޭސީއެލް އިން ވެސް ތާއީދުކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލުކުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމުގައި ކޮރަޕްޝަންގައި އަމަލެއް އޮތް ޖިނާއީ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރުން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.

"އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލް ހިންގަން އުޅުއްވި އިސް ބޭފުޅުން އާ ޓާމިނަލް ދޭނެ ކަމުގެ ކޮމިޓްމަންޓް ދެއްވި،" އަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން ނިންމާފައިވާ ކަމަށް ވާހަކަތަކެއް ދެކެވުނު ނަމަވެސް އެކަމާ ގުޅޭ އެއްބަސްވުމެއް ޓީއެމްއޭއާ އެކު އެއްވެސް ފަރާތަކުން ހަދާފައި ނުވާ ކަމަށެވެ. އެހެންކަމުން ޓީއެމްއޭ އިން އާބިޓްރޭޝަނަށް މައްސަލައެއް ހުށަހެޅި ނަމަވެސް ބަދަލުދިނުމަށް އެކަމުގައި ގާނޫނީ ބުރަދަނެއް ހުންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. 

އަމީރު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ނުވި ނަމަ ދިވެހި ދައުލަތަށް އެންމެ ރަނގަޅު ނޫން ގޮތަށް އާ ސީޕްލޭން ޓާމިނަލް މިހާރު އޮންނާނީ ވަކި ބަޔަކަށްދީ ނިންމާފައި ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ އާ ސީޕްލޭން ޓާމިނަލްގެ 6300 އަކަމީޓަރުގެ ބިން މިހާރުވެސް ޓީއެމްއޭ އަށް ދީފައިވާ އަގުގައި ކުރިއަށް އޮތް ދެ އަހަރަށް ދިނުމަށެވެ. އެކަމަކު ޓީއެމްއޭއިން ބުނަމުންދަނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވީ ސިޓީތަކެއް ފޮނުވައިގެން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. މިކަމުގައި ޓީއެމްއޭ އަށް ފައިދާ ބޮޑު ކަމަށް ބުނެ ސީޕްލޭންގެ ހިދުމަތްދޭ އެހެން އޮޕަރޭޓަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް