ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ކ)ގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ އެކު -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެންފި
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައެޅުމާ ގުޅޭގޮތުން ލަފައެއް ދެއްވުމަށް މިނިސްޓަރު ފައްޔާޒު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް ވަނީ މިމައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު ފައްޔާޒު މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ފޮނުއްވި ލިޔުންތަކުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ސަރުކާރަށް ލަފާދިނުމަށް އެކުލަވާލި ސެލެރީ އެންޑް ވޭޖް އެޑްވަޒީ ބޯޑުން އެކުލަވާލާފައިވާ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ރިޕޯޓަކާއި، މިނިމަމް ވޭޖާ ގުޅުންހުރި ފަރާތްތަކާ އެކު މިނިސްޓަރު ބޭއްވި ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ކަންކަން ހިމަނުއްވާފައިވާ ކަމަށެވެ. 

ވަޒީފާ އަދާ ކުރާ މީހަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް މިނިސްޓަރު ފައްޔާޒު އެދިވަޑައިގެންފައި މިވަނީ މިނިމަމް ވޭޖު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާންކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ. 

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ލިބިފައިވާ ލަފާއާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ އަދަދަކާ އެކު މިމަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭނެ އަދަދު އިއުލާންކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީފާ އަދާ ކުރާ މީހަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ވެސް ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިއިސްލާހުގައި ވަނީ މިއިސްލާހު ފާސްވުމުން "މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދާ ބޯޑުގެ ލަފާގެ މަތިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރު ކަމަށެވެ.

މިއިސްލާހު ފާސްވާތާ އެއް މަސް ދުވަސް ތެރޭގައި ލަފާދޭ ބޯޑު އެކުލަވާލުމަށް އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ. ބޯޑުގެ ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކުޑަ އުޖޫރަ ދިނުމާއި ގުޅޭ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ދިރާސާކޮށް މިނިސްޓަރަށް ލަފާ ދިނުމާއި، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާކުރުމާއި އެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން ހިމެނެ އެވެ. ދިމާވާ އިގްތިސޯދީ ހާލަތަކާ ގުޅިގެން ދެ އަހަރު ކުރިންވެސް އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރެވިދާނެ ކަމަށްވެސް އިސްލާހުތަކުގައިވެ އެވެ.

އެންމެ ކުޑަ އުޖޫރަ ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޓޫރިޒަމްގެ ދާއިރާ، ތައުލީމީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ. 

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިމަސައްކަތް އަވަސްކުރުމުގެ ގޮތުން ރައީސް ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ލަފާދޭނެ ބޯޑެއް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެކުލަވާލައްވާފަ އެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް