ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް
އަޅުގަނޑަށް ރިޝްވަތެއް ނުދެވޭނެ: ރައީސް ނަޝީދު
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ދައްކަމުންދާ ވާހަކަތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފި އެެވެ.

ރައީސް ނަޝީދަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައި މިވަނީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއާއި އެމްއޭސީއެލް އެއްބަސްވާ ގޮތަކަށް އަވަހަށް ހައްލުކުރުން މުހިއްމު ކަމަށާއި އެހެން ނޫނީ ދައުލަތުން ޓީއެމްއޭ އަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރެވުނު ތުހުމަތުތަކުގެ ސަބަބުންނެވެ. 

ޓީއެމްއޭގެ އެންމެ ބޮޑު ހިއްސާދާރު، އެމެރިކާގެ ބްލެކްސްޓޯންއަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދަށް މީގެކުރިން ގާނޫނީ ލަފާ ދެއްވާފައިވާ ޖެރެޓް ޖެންސަ ހިމެނޭ ކަމަށް ބުނެ ޓީއެމްއޭގެ މަސްލަހަތުގައި ރައީސް ނަޝީދު ވާހަކަދައްކަވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ގެންދިޔައީ ތުހުމަތުކުރަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީހަކު އެމަނިކުފާނަށް ރިޝްވަތު ނުދޭނެ ކަމަށާއި އެއްވެސް މީހަކު އެމަނިކުފާނަށް ރިޝްވަތު ދޭން މަސައްކަތް ވެސް ނުކުރާނެ ކަމަށެވެ. 

"]ރިޝްވަތު ދޭން އުޅެފިނަމަ[ އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވަރަށް ރަނގަޅަށް އެނގޭނެ. ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް. ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސް ނަޝީދު އިތުރަށް އެމަނިކުފާނު މެދުވެރިކޮށް ވަކި މީހަކު ވަކި ކަމެއް ކުރުމަށް އެމަނިކުފާނާ ގާތް ރަހްމަތްތެރި ކަމެއްވެސް ނުބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް "ސިއްރު" ޖަހާފައި ތަކެތި ފޮނުވުމަކީ އެމަނިކުފާނު ރުހޭ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްއޭސީއެލް އިން އިންވެސްޓްކޮށްގެން ހަދާފައިވާ އާ ސީޕްލޭންގެ މައްސަލައިގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އާސީޕްލޭން ޓާމިނަލް ނިމިދިޔަ ސަރުކާރުގައި ޓީއެމްއޭ އަށް ދޭން ނިންމި ނިންމުމަށް މިސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެބަދަލުތަކާ އެކު މިސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ސީޕްލޭން މައްސަލަ ހައްލުކުރުމަށް މިހާރު އޮތް އެންމެ ފަހު ގޮތް ކަމުގައިވެސް ވިދާޅުވި އެވެ. 

ސަރުކާރުން ނިންމާފައިވަނީ އާ ސީޕްލޭން ޓާމިނަލްގެ 6300 އަކަމީޓަރުގެ ބިން މިހާރުވެސް ޓީއެމްއޭ އަށް ދީފައިވާ އަގުގައި ކުރިއަށް އޮތް ދެ އަހަރަށް ދިނުމަށެވެ. އެކަމަކު ޓީއެމްއޭއިން ބުނަމުންދަނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވީ ސިޓީތަކެއް ފޮނުވައިގެން ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. މިކަމުގައި ޓީއެމްއޭ އަށް ފައިދާ ބޮޑު ކަމަށް ބުނެ ސީޕްލޭންގެ ހިދުމަތްދޭ އެހެން އޮޕަރޭޓަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް