ads
ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން-- ފޮޓޯ: ރައީސް އޮފީސް
ޖުޑީޝަރީ އިސްލާހު ކުރަނީ ހައްގުތައް ލިބޭނެކަމުގެ ޔަގީންކަން ހޯދަދޭން: ރައީސް ސޯލިހު
ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ފަށައިގެން އުޅެނީ އެންމެ ރައްޔިތެއްގެ ކުޑަ ހައްގެއް ގެއްލުނު ނަމަވެސް، އިންސާފުވެރިކަމާއެކު އެ ހައްގު އަނބުރައި ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމުގެ ނިޔަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ފަނޑިޔާރުން ކަމަށާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ލިޔެފައި ވަނީ އެހެންވެ ކަމަށެވެ. 

"ދައުލަތުގެ މަޤާމުތަކަށް ބަލާއިރު، ވަކި މުއްދަތެއް ނެތް ގޮތަށް، މަޤާމަށް ޢައްޔަނުކުރުމަށް ޤާނޫނުއަސާސީން ލާޒިމުކުރާ ބަޔަކީވެސް، ހަމައެކަނި ފަނޑިޔާރުން. މިފަދަ ދުސްތޫރީ ޢިނާޔަތްތައް ފަނޑިޔާރުންނަށް ލިބިދީފައި އޮންނަނީ، އެ ފަނޑިޔާރުންގެ ފަރާތުންވެސް ވަރަށް މަތިވެރި މަޤްޞަދުތަކެއް ޙާޞިލުކުރަން ބޭނުންވާތީ. އެއީ ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ޢަދުލު އިންޞާފު ޤާއިމުކޮށްދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތެދުވެރި، އިހުލާސްތެރި ނިޔަތެއްގައި ކަމަށާއި "އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ޙައްޤެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ޙައްޤެއް އަނބުރައި ހޯދައިދޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުން" ކަމަށެވެ. 

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ދައުލަތް ހިންގަމުން ދާއިރު، ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، އެފަދަ ކަމެއް ނުވެސް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޖުޑީޝަރީ އިސްލާހު ކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް، އިތުރަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖުޑީޝަރީގެ ހިދުމަތްތައް ފަސޭހަކުރުމަށް ކުރެވުނު މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމުގައި ވެސް ޖުޑީޝަރީއަށް ބޮޑު ދައުރެއް އަދާ ކުރެވޭނެ ކަމަށާއި، އެންމެ މުހިއްމު ކަމަކީ އެކަށީގެންވާ ވަގުތުގައި އިންސާފު ގާއިމްވެގެން ދިޔުން ކަމަށެވެ. 

"އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމުކުރުން. ޝަރުޢީ މަރުޙަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުން. ރައްޔިތުންގެ ހިތްތަކުން ފަނޑިޔާރުގެއާމެދު އިތުބާރު ގެއްލުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީވެސް، ޝަރީޢަތުގެ މަރުޙަލާތައް ދިގުލައިގެން ގޮސް، ޙައްޤުތައް ލިބުމަށް ހުރަސްއެޅުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގެ އިތުރު ޕޮއިންޓުތައް:

  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކެއް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމުމަކީ ރަނގަޅު ފާލެއް.
  • އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭތާ، 24 ގަޑިއިރުގެ ތެރޭގައި އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ. ޝަރީޢަތުގެ މަރުޙަލާ ފެށުމަށް ފަހު، ކޮންމެ ދެ އަޑުއެހުމެއްގެ ދެމެދު، 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ނުވާނެ. އެފަދަ މައްސަލަތައް ގިނަވެގެން ހަ މަސްތެރޭގައި ކޯޓުތަކުން ނިމޭނެ.
  • ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ވަނީ ފޮނުވާފައި.
  • ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެ. 
  • ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސްއަޅާ ކަންކަމަށް، ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު، ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ، ޢަދުލު އިންޞާފު ޤާއިމެއް ނުކުރެވޭނެ.
  • ކޯޓުތަކަށް ގިނަ ދަތިތައް ވަނީ ދިމާވެފައި.
  • ކޯޓު އެކުވެންޏެއް އެޅުމަށް ހުޅުމާލެއިން ކަނޑައެޅި ބިން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހަވާލުކުރެވިފައި.
  • ސުޕްރީމް ކޯޓު ފިޔަވައި މާލޭގެ ހުރިހާ ކޯޓެއް ހުންނާނީ އެތަނުގައި.
  • އިންސާފު ގާއިމް ކުރުމަށް ތަހުގީގު އަވަސް ކުރުން މުހިއްމު. ދައުވާ ކުރާ މުއައްސަސާގެ މަސައްކަތް ވެސް ހަލުވިވާން ޖެހޭ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް