ads
ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާހާނާ ބަރިއެއް ހަދިޔާކޮށްފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާގެ ސީމެކް ކުންފުނިން ފާހާނާ ބަރިއެއް ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާހާނާބަރި ނިންމައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މި ތަން ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން މިތަނާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޗެއާމަން ސުހައިލް އަހުމަދެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާހުރި ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށެވެ. ހާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިން ޕްރޮޖެކްޓްތައް އޭނާ ފާހަގަކުރެއްވި އެވެ. 

ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ސިޓީއެއް ފޮނުއްވިކަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއި އެކުކަން ހާމަކުރައްވައި މެސެޖެއް ފޮނުއްވިކަން ލިއު ފާހަގަކުރެއްވި އެވެ. 

ހަމައެއާއިއެކު ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދިވެހިންނާއި ޗައިނާއިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ލިއު ވިދާޅުވި އެވެ.

އައިސޮލޭޝަން ފެސިލިޓީގައި ގާއިމްކުރި ފާހާނާތަކުގެ އިތުރުން މިރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފަ އެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި އެރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް