ads
ފޮޓޯ: ރައީސް އޮފީސް
ދެ ގައުމެއްގެ ސަފީރުން, ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުއްވައިފި
ދެ ގައުމެއްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގެމްބިއާއާއި ގާނާގެ ސަފީރުން ވަނީ ރައީސް ސޯލިހު އަށް ސަފީރު ކަމުގެ ފަތްކޮޅު އަރުއްވައިފަ އެވެ. 

ގާނާގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ހިޒް އެކްސަލަންސީ ކުވާކޫ އަސޫމާ ޝެރަމޭ އެވެ. އަދި ގެމްބިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ހިޒް އެކްސަލަންސީ މުސްތަފާ ޖަވާރާ އެވެ.

މިބައްދަލު ކުރެއްވުމުގައި ގާނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ގާނާގެ އާ ސަފީރުގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުއަދާކުރެއްވި އެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ގައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. 

ރައީސް ސޯލިހު އާއި ގެމްބިޔާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި، ދެގައުމުން ހިއްސާކުރާ، އިސްލާމީ އަދި ތާރީހީ ގުޅުންތަކާއި، ދިމިގުރާތީ އަސާސްތަކުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.

މީގެ އިތުރުން ދެބޭފުޅުން ވަނީ، ދެގައުމަށް ފައިދާހުރި، ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރުމާއި ގުޅޭ ގޮތުން މުހިއްމު މައުލޫއުތަކަށް ވާހަކަފުޅުދައްކަވާފަ އެވެ. 

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ގެމްބިޔާއިން ހުށައަޅާފައިވާ މައްސަލައަށް، ރާއްޖެއިން ތަދައްހުލްވެފައިވުމަކީ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާ ގެމްބިޔާއިން ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި ވިދާޅުވި އެވެ.

މިބައްދަލު ކުރެއްވުމުގައި، ގެމްބިޔާ ސަފީރު މުސްތަފާ ޖަވާރާ ވަނީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން، ދެގައުމުގެ މެދުގައި މައުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް، ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުގުވެރިިކަންވެސް ފާޅުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް