ads
ފޮޓޯ: ސޯޝަލްމީޑިއާ
އަނިޔާ ލިބޭމީހުން ކުށްވެރިކުރުން ހުއްޓޭނީ ކޮން އިރަކުން؟
ދިވެހި ރާއްޖޭގައި ރޭޕް އާންމުވެ "ރޭޕް" މި ބަސް އަޑުނީވޭ އެންމެ ދުވަހެއް މިފަހަކަށް އައިސް ނާދެޔޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ.

ހެނދުނު ހޭލާ އިރު އިވޭނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި ޒުވާން އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި އަޑެވެ. މެންދުރު ކައި ނިންމާލައިގެން ޓީވީ ހުޅުވާލާއިރަށް އަޑު އިވޭނީ ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި އުމުރުން ދޮށީ މީހެއް ގޭގައި އޮއްވާ އެގެއަށް ދިޔަ މީހާކު އޭނާ އަށް ގަދަކަމުން ޖިންސީ އަމަލު ހިންގަން އުޅުނު އަޑެވެ. ރޭގަނޑަށް އެޅޭ އިރަށް ދެކުނުގެ ރަށަކުން ތުއްތު ކުއްޖެއް ރޭޕްގެ ޝިކާއަރަކަށް ވީ ވާހަކަ އަޑު އިވޭނެއެވެ.

ރޭޕް އަކީ މިހާރު ދިވެހި ރާއްޖޭގެ މުޖުތަމައުގެ އެއްބަޔަށް ވެފައިވާ ކަހަލައެވެ. ރޭޕްގެ ވާހަކަ ދައްކާލެއް ގިނަކަމުން ހީވަނީ މީ އާދައިގެ ކަމެއްހެންނެވެ. މިހާވަރަށް މި ނުބައި އަމަލު މި މީސްކޮޅުން މަދު ކުޑަ ގައުމުގައި ގިނަވެގެން އުޅޭއިރުވެސް މި ކަމާ ދެކޮޅަށް އަޑުއުފުލަން ކެރެނީ މަދު ބަޔަކަށެވެ.

މި ނުލަފާ އަމަލު ހިންގާ ގިނަ މީހުން މުޖުތަމައު ތެރޭގައި މިނިވަންކަމާއިއެކު އުފަލުގައި އުޅެނީ ދެން މި އަނިޔާ ތިމަންނަ ދޭނީ ކާކަށްތޯ ވިސްނާލަ ވިސްނާލައެވެ. މި މީހުންނަށް ހަންގުވެގެންވާ އަދަބު ނުދެވިގެން މި އުޅެނީ ކީއްވެގެންބާ؟

ރޭޕްގެ ވާހަކަ އަޑު އިވޭ އިރަށް އެންމެ ފުރަތަމަވެސް މީހުން ބުނާނީ، "އޭނާ ގޭގަ އޮތް ނަމަ އަޅެ އެހެންނެއް ނޫވީހެއްނު"؟  ރޭޕްގެ ވާހަކަ އިވޭ ކޮންމެ ފަހަރަކު އެކުއްޖާއަށް އެ އަނިޔާ ދީފައިވަނީ މަގުމަތިން ހެއްޔެވެ؟ ކިތައް ކުދިންނަށް އެކުދިންގެ ގޭގައި، އެކުދިންގެ އާއިލާއާއި އެކު ހުއްޓާ މި ނުލަފާ މީހުންގެ ޝިކާރައަކަށް ވެފައި ވޭތޯއެވެ؟

އެންމެ ކަންބޮޑުވާ އެއް ކަމަކީ، ގިނަ ފަހަރަށް މިފަދަ އެއްޗެހި އަންހެނަކާއި ދިމާއަށް ބުނެލާއިރު އޭނާއަށް ލިބުނު އެ އަނިޔާއާއި މެދު އެއްވެސް ވަރަކަށް ވިސްނާނުލާ އެހެން ބުނާތީއެވެ. އިންސާނިއްޔަތު ކަމެއް ކުޑަކޮށް ވެސް ހުރި ނަމަ، އެ ނުލަފާ އަމަލުކުރި މީހާއަށް ކުޑަވެސް ހިމާޔަތެއް ދޭ ގޮތަށް މީހަކު ވާހަކަ ދައްކާނެ ހެނެއް ހިޔެއް ނުވެއެވެ.

އޭނާ އެގޮތަށް ހެދުން ނާޅާނަމަ އެ ލަނޑު އޭނާއަށް ނުލިބުނީހޭ، އެ ވައްތަރަށް އުޅެންޏާ ވާނީވެސް އެހެންނޭ، މިއީ ހައްތަހާވެސް މީހުންގެ އަނގައިން ރޭޕްގެ ވާހަކަ އަޑު އިވުމުން ނުކުމެފައި ހުރި ބަސްބަހެވެ. މިހެން މި ވާހަކަ ދައްކާ މީހުން ނިކަން ބުނެދީބަލާށެވެ.

އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް އެ އަނިޔާ ދިނީ އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުން ހެއްޔެވެ؟ އުމުރުން އެންމެ ހަތް އަހަރު ފުރިފައިވާ ކުއްޖާއާއި އޭނާގެ ބައްޕަ ނުވަތަ މަންމަގެ ގާތް ރަހުމަތްތެރިޔާ އެގެއަށް ގޮސް އެ އަނިޔާ ކުރަނީ އޭނާ ގެއިން ބޭރުގައި ފިރިހެނުންނަށް ތުއި ދެއްކެން އައުރުނިވާ ނުވާ ހެދުން އަޅައިގެން އުޅޭތީ ހެއްޔެވެ؟ މުސްކުޅި ހާލުގައި ގޭގައި އޮންނަ މީހަކަށް އޭނާ ނިދާ ތަންމަތީގައި އޮއްވާ އެ އަނިޔާ ދެނީ އޭނާ ކީއްކޮށްގެން ހެއްޔެވެ؟

ރޭޕް ކުރަނީ މީހަކު އަޅާ ހެދުމަކުން، އުޅޭ ގޮތަކުން ނުވަތަ ދާ ތަނެއްގެ ސަބަބަކުން ނޫނެވެ. ރޭޕް ކުރަނީ ރޭޕް ކުރާ މީހާގެ ނުބައި ކަމުންނެވެ. އޭނާގެ އެހުންނަށް ލާއިންސާނީ ކަމުންނެވެ. މި މީހުންނަށް އެކަށީގެންވާ އަދަބު ނުދީ މި ކަމެއް މުޖުތަމައަކުން ފުހެވިގެންއެއް ނުދާނެއެވެ. އަދި މަދެއް ވެސް ނުވާނެއެވެ.

މިހާރު ގޭތެރެއެއް، ތިމާގެ އާއިލާއެއް، ސްކޫލެއް، މުދައްރިސެއް މަގުމައްޗެއް އެންމެ ކުޑަ މިނުން ތިމާ ނިދާ ކޮޓަރިއެއްވެސް ތިމާއަކަށް އަމާނެއް ނޫނެވެ.

އެހެންނަމަވެސް އަދިވެސް ދައްކަނީ އެއް ވާހަކައެކެވެ. އަބަދުވެސް އިވޭނީ ތިމާގެ އަންހެން ދަރިފުޅު ކައިރީ ރޭގަނޑު ބޭރަށް ނުދާށޭ ބުނާއަޑެވެ. އޭނާ ކައިރީ ރީތިވެ ނަލަ ނުހެދޭށޭ ބުނާ އަޑެވެ. ގެއިން ބޭރަށް ގޮސް ހަދަން ނޫޅޭށޭ ބުނާ އަޑެވެ.

އަޅުގަނޑުމެންގެ ފިރިހެން ދަރިންނަށް އެމީހުންގެ ބެލުންތައް ތިރިކުރަން ދަސްކޮށްދޭނީ ކޮންއިރަކުން ހެއްޔެވެ؟ އެމީހުން ކައިރީ މަގުމަތިން ހިނގާފައިދާ އަންހެންކުދިންނާ ނުފޮށޭށޭ ބުނާނީ ކޮންއިރަކުން ހެއްޔެވެ؟ ރޭޕް އަކީ ރޭޕްވި ކުއްޖާގެ ސަބަބުން ވީ ކަމެއް ނޫންކަން ގަބޫލުކޮށް އެ އަމަލު ކުރާ މީހާއަށް އެ ކުށުގެ ތުހުމަތު ކުރާނީ ކޮން އިރަކުންހެއްޔެވެ؟

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް