ads
ބައެއް ބޮޑުން ރިސޯޓްތަކަށް ބޮޑު ތަކުލީފަކަށް!
މިފަހުން ސޯޝަލް މީޑިއާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ އޯޑިއޯތަކެއް ލީކުކޮށްލި އެވެ. އޭގައި ދައްކާފައިވަނީ ދީނާއި ދުރު އަދި ރާއްޖޭގެ އިޖުތިމާއީ މިންގަޑާއި ދުރު ވާހަކަތަކެކެވެ.

މިހިސާބުން އުފެދުނު ސުވާލަކީ ސަރުކާރުގެ ބައެއް އިސްވެރިންގެ އަމަލުތައް ހަމަ މިފަދަ ގޮތަކަށް ހުންނަނީބާއޭ އުފެދުނު ސުވާލެވެ. މިކަމުގެ އަޑިއަށް ފީނާ ބަލާލިއިރު ހާމަވެގެން ދިޔައީ ބޮޑެތި ވާހަކަތަކެކެވެ.

ކޮންމެ ހަފްތާ ބަންދަކު ރިސޯޓްތަކަށް ދިއުމަށް ގުޅާ ވާހަކައާއި، ރިސޯޓުން ދާއިރު އެ ބިލްތައް ނުދައްކާ ވާހަކަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސީއެންއެމް އަށް މައުލޫމާތު ދިން ރިސޯޓެއްގެ އިސް މުވައްޒަފަކު ބުނީ ސަރުކާރުގެ ބައެއް އިސްވެރިން  އެތަނަށް އައުމަށް ފަހު ތިބެން ބޭނުންވަނީ ރިސޯޓްގެ އެންމެ އަގު ބޮޑު ކޮޓަރީގައި ހިލޭ ކަމަށެވެ.

އެ ކޮޓަރި ތަކަކީ ދުވާލަކަށް އެތައް ސަތޭކަ ޑޮލަރެއްގެ ޚަރަދު ހިނގާ ކޮޓަރިތަކަކަށް ވާއިރު، ޓޮއިލިޓަރީޒް އާއި މިނީބާގައި ވެސް ހުންނަނީ އަގު ބޮޑެތި ތަކެތިކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް އެއްޗަކަށް ބެލުމެއް ނެތި އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރުމަށް އެ ކޮޓަރިތައް ދިނުމަށް ބުނާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. 

ސީޕްލޭންއަށާއި ލޯންޗަށްވެސް ލާރި ދައްކަން ޖެހެނީ ރިސޯޓުން ކަމަށާއި އެއްވެސް ބިލެއް ނުދައްކާ ކަމަށްވެސް މައުލޫމާތު ދިނެވެ.

މީގެ އިތުރުންވެސް ނަން ނުޖެހުމަށް ޝަރުތުކޮށް އެހެން ރިސޯޓެއްގެ މެނޭޖްމެންޓްގެ އިސް ފަރާތަކުން ސީއެންއެމްއަށް ބުނެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިން އެދެނީ ހިލޭ ކޮޓަރިތައް ދިނުމަށް ކަމަށާއި އަދި އެއީ ރިސޯޓްތަކަށް ތަކުލީފަކަށްވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ޑިސްކައުންޓެއް ދިނުމަށް އެދޭ ނަމަ ވެސް އެންމެ ރަނގަޅު ކަމަށް ފާހަގަކޮށްފައިވެ އެވެ.

މިގޮތަށް އަންނަ ބައެއް ފަރާތްތަކަށް ޑިސްކައުންޓް ދިނުމުންވެސް ވީކެންޑްގައި ބިލަށް 5000 ޑޮލަރުވަރު ހޭދަވާ ވަރަށް ހަރަދުތައް އިތުރުކުރާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. އަދި މި ޚަރަދަކީ ސީޕްލޭން އާއި ލޯންޗެ ހަރަދު ނުލާ އަރާ ވަރެއް ކަމަށާއި، އަންނައިރު އަންނަނީ މަދުބައެއް ނޫން ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. މިގޮތަށް ކަންތައް ކުރުމުން ރިސޯޓްތަކަށް ތަކުލީފަކަށް މިކަންވާ ކަމަށާއި، އެހެން ނަމަވެސް ވިޔަފާރިއަށް ބުރުލެއް އަރާފާނެތީ ފައިސާ ދައްކަން ނުބުނަނީ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

27%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް