ads
ކްރިމިނަލް ކޯޓު----
ގުޑުގުޑާއެއް ތަޅާލި މައްސަލަ ނިމުނީ 13 އަހަރު ފަހުން
މާލޭގައި 2009 ވަނަ އަހަރު، މީހަކަށް މަރުގެ އިންޒާރު ދީ އެ މީހާއަށް ހަމަލާ ދިނުމަށް ގުޑުގުޑާއެއް ނަގައި އެއްލުމުން، އެ ތެޅި ހަލާކުވެފައި ވާތީ އަދަބެއްގެ ގޮތުން 13 ދުވަހަށް ޖަލަށް ލާން ހުކުމްކޮށް އެ އަދަބު ޖޫރިމަނާއަކަށް ލުއިކޮށްދީފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި މި ހުކުމް މި ކުރީ ހާދިސާ ހިނގިތާ 13 އަހަރު ފަހުންނެވެ. ހުކުމް އައި މީހާގެ މައްޗަށް ކުރީ ބިރު ދެއްކުމުގެ ދައުވާއަކާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެކެވެ. މި ދެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީ އަލީ ނަދީމްއެވެ.

ކްރިމިނަލް ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާ މަރުގެ އިންޒާރު ދިނީ އޭނާ އޭރު އުޅުނު ގޭތެރޭގައި ހުރެ އެވެ. މަރުގެ އިންޒާރު ދިނުމަށް ފަހު ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއެއް ހިފައިގެން ހަމަލާ ދޭން އުޅެނިކޮށް އެ ވަޅި ވެއްޓުމުން ދެން އޭނާ މަސައްކަތް ކުރީ ސިޓިންރޫމްގައި އަންހެނަކު ބޯން އިން ގުޑުގުޑާ ނަގައި އެއިން ހަމަލާދޭށެވެ.  ހަމަލާ ދިނުމުން ގުޑުގުޑާ އެއްލުމުން އޭގެ ސިލުނބާއި ފުޅި ތަޅައިގެންދިޔައީ ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި އޮތެވެ.

ގުޑުގުޑާ ހަލާކުކޮށްލި މައްސަލާގައި އެ މީހާގެ މައްޗަށް އަންނަ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް އެކަން ކުރި މީހާ ކުށަށް އިއުތިރާފް ވެފައި ވާތީ، ގާނޫނުގައި ބުނާ ގޮތަށް ކުށުގެ ދަރަޖަ ލުއިކުރުމުން އަންނަނީ 27 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް މި ދައުވާ ލިބުނު މީހާގެ މައްޗަށް އެހެން ދައުވާއެއް ވެސް ކޮށް އެ ދައުވާ ސާބިތުވާތީ އަމަލުކުރާ އުސޫލުން އަދަދު ދެ ބައިކުޅަ އެއް ބަޔަކަށް ކުޑަކުރުން އައީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި މި ޖަލު ހުކުމް 2،600ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައިވަނީ މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި ކުށުގެ ވެށިން ދުރުވުމަށް މަގު ފަހިކުރުމުގެ މަސްލަހަތު އޮތް ކަމަށް ކަނޑައަޅުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް