ads
ސަރުކާރުގެ ބިލްތައް މަޖިލިސް ރައީސަށް ކަމުނުދަނީ ކީއްވެ؟
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށެވެ.

އެގޮތުގެ މަތިން، ޤާނޫނުއަސާސީއަށް ބަދަލުގެނައުމާއި ޤާނޫނު ހެދުމާއި ޤާނޫނަށް ބަދަލުގެނައުމާއި ޤާނޫނު ބާތިލު ކުރުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. ޤާނޫނެއް ހެދުމަށް ނުވަތަ ޤާނޫނެއް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް މެދުވެރިވެގެންނެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއް ނަމަވެސް ކަން އޮތީ ހަމަ މިގޮތަށެވެ. 

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލުތައް ހުށަހަޅުއްވާ އެއް ބޭފުޅަކީ ބަންޑާރަ ނައިބެވެ. ބަންޑާރަނައިބުގެ އޮފީހުން ބިލުތައް ޑްރާފްޓް ކުރުމަށްފަހު ރައީސް އޮފީހަށް ފޮނުވައެވެ. އަދި އެއަށްފަހު އެ ބިލްތައް މަޖިލީހަށް ހުށަހަޅަނީ މަޖިލީހުގެ މެމްބަރަކު މެދުވެރިވެގެންނެވެ. ބަންޑާރަނައިބަކަށް އިންނެވީ އިބްރާހިމް ރިއްފަތު އެވެ. 

ސަރުކާރުން ފޮނުވާ ބިލްތައް އެ މަޖިލީހެއްގައި ބަހުސްކޮށް އިސްލާހުކޮށް ފާސްކުރާ މަޖިލީހުގެ ރައީސް އަކަށް އިންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

ރިއްފަތަކީ މީގެ ކުރިން ރައީސް ނަޝީދުގެ ޤާނޫނީވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

"ބިލް ޑްރާފްޓް ކުރާނީ ރައްޔިތުންގެ މަޖިލީހުން"

ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތަކާއި މެދު ރައީސް ނަޝީދު ހިތްޕުޅާ ނުވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 

މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ބަންޑާރަނައިބު ރިއްފަތުގެ ބައެއް ވާހަކަތަކަށް ނުސީދާގޮތެއްގައި ރައްދުދެއްވާފައެވެ. ނަޒާހަތްތެރި މަޖިލީހަކުން ސަރުކާރަށް ބިލްތައް ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށް ބަންޑާރަނައިބް ރިއްފަތު ވިދާޅުވި ވާހަކައަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ، ނަޒާހަތްތެރި ކަމާއި ގުޅީފައި އޮންނާނީ މަޖިލީހުން ބިލްތައް ޑްރާފްޓްކޮށް ގާނޫނުތައް ހެދުމާއިކަމަށެވެ. 

"ބިލެއް ހެދުމުގައި ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާ މި މަޖިލިހުގެ ވަސީލަތްތައް އެމްޑީޕީ ނޫނީ އެހެން ޕާޓީތަކުން ބޭނުން ކުރާ ވާހަކަ. މަޖިލިހުގެ ވަސީލަތްތައް ބޭނުން ކުރެވެނީ ތިއިން އެއްވެސް ބޭފުޅެއްގެ ގެއަށް ލައިން ކާއެއްޗެއް ހޯދާކަށް ނޫން. ގާނޫނު ހަދަން!"

މަޖިލީހުން ބިލް ޑްރާފްޓް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަކީ ނުސީދާ ގޮތެއްގައި ބަންޑާރަނައިބާއި މެދު އޮތް ހިތްހަމަނުޖެހުން ހާމަކުރެއްވި ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

your image

އެމްޑީޕީ ބައެއް މެމްބަރުންގެ ފާޑުކިޔުން ބަންޑާރަނައިބަށް!

ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގައި އަޑުހަރު ބައެއް މަޖިލިސް މެމްބަރުންގެ ފާޑުކިޔުންވެސް ބަންޑާރަނައިބަށް ވަނީ އަމާޒުވެފައެވެ. 

އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ބަންޑާރަނައިބުގެ މައްސޫލިޔަތަކީ ޤާނޫނުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުންކަމަށާއި، އެހެން ނަމަވެސް އެކަންކަން ނުކުރާކަމަށެވެ. އަދި ހަމައެކަނި ކުރެވޭ ކަމަކީ ބަދަލު ދިނުންކަމަށާއި ބަދަލުދޭއިރުވެސް ދެނީ މުއްސަދިންނަށް ކަމަށެވެ. 

އަދި ރައްޔިތުންނަށް ހައްޤު މިންވަރު ނުލިބެނީ ވަޒީރުންނަށް މަސައްކަތްނުކުރެވޭތީ ކަމަށް ވެސް ވިދާޅުވި އެވެ. 

"ބިލުތަކަކީ އަންޒަމާނު ކަރައަށް ވައިއެރި އިރުގެ ބިލުތައް"

އެންމެ ފަހުން ރައީސް ނަޝީދު ވިދާޅުނުވާން ހުރި ބަސްވެސް ވިދާޅުވީ އެވެ. ސަރުކާރުން ފޮނުވާ ބިލުތަކަކީ އަންޒަމާނު ކަރައަށް ވައިއެރި އިރުގެ އެއްޗެހި ކަމަށް ވިދާޅުވީ އެވެ. 

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ސަރުކާރުން ފޮނުވާ ބިލުތަކުގައި ހުންނަނީ ސުރުހީ އެކަންޏެވެ. އެބިލުތަކުގައި އެއްވެސް އޮށްޓަރެއް ނުހުންނަކަމަށާއި، ސަރުކާރުން ފޮނުވާ ބިލުތަކުގައި އެމްޑީޕީގެ ސިޔާސަތުތައް ނުހުންނަވާހަކަ ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ޒިންމާތަކާއި މަސައްކަތް އޭޖީ އޮފީހުން ކުރައްވާކަމަށް ވިދާޅުވި އެވެ. 

"ސަރުކާރުން ބިލެއް ހުށަހަޅުއްވާއިރުގާ ގިނަފަހަރައް މަޝްވަރާ ކުރެވިފައި އޮންނާނީ އެހާބޮޑަށް ހާމަކަން މައްޗަކުނޫން. އަދި ސަރުކާރުގެ އެކިއެކި ކަމާބެހޭ ވުޒާރާތަކާ. އާންމުންގެ ބައިވެރިވުން ނުވަތަ މަޝްވަރާތައް އެޔައް ގެންނަން އޮންނަ މަޖިލީހަކީ މިއީ. އެހެންމަ މިމަޖިލިސް ޑުޕްލިކޭޓް ކުރުން [ނަކަލު ކުރުން] އެއީ މާބޮޑަށް ބޭނުންތެރިކަމެއް ނޫން. އަޅުގަނޑުމެނަށް އެތަން އެބަފެނޭ."

ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރިގޮތުން ދޭހަވަނީ އޭޖީ އޮފީހުން ބިލުތައް ޑްރާފްޓް ކުރުމަށްފަހު ފޮނުވުމުގެ މާބޮޑު ބޭނުމެއް ނެތްކަމަށެވެ. އަދި އެ މަސައްކަތް ރަނގަޅަށް ނުކުރާކަމުގެ ޝަކުވާ ރައީސް ނަޝީދު ކުރައްވައެވެ. 

ބައެއް ފަރާތްތަކުން ދެކޭގޮތުގައި މަޖިލީހުން އަންނަނީ އޭޖީ އޮފީހުގެ ބާރުތައް ނަގަމުންނެވެ. މިވީހާތަނަށް ރާއްޖޭގައި އަމަލުކުރަމުން އައިސްފައިވާ ގޮތަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުގެ މަޝްވަރާ އާއިއެކު ބަންޑާރަނައިބުގެ އޮފީހުން ބިލުތައް ޑްރާފްޓް ކުރުމަށްފަހު ފޮނުވުމެވެ. ބަންޑާރަނައިބު އޮފީހުން މިގޮތަށް ފޮނުވާ ބިލުތަކަކީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ފޮނުވޭ ބިލުތަކެވެ. އަދި އޭގެ އިތުރަށް އެ ބިލުތައް އިތުރަށް ފުރިހަމަ ކުރުމުގެ ޒިންމާއަކީ މަޖިލީހުގެ ޒިންމާއެކެވެ. މީގައި އޮތީ ދެބައި މީހުން ގުޅިގރން ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރުމެވެ. 

ރައްޔިތުންގެ މަޖިލީހާއި ބަންޑާރަނައިބުގެ އޮފީހާއި ދެމެދު އޮތް ވާދަވެރިކަމަކުގެ އަސްލަކީ ކޮބައިކަން ރައްޔިތުން އެގެން ބޭނުންވެއެވެ. ދުރުގައި ތިބެ ގާބުރި އެއްލުމުން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލު ގިނަވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް