ads
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ
ވަޒީފާ އަދާކުރާ މީހާ އާއި ހިދުމަތް ލިބިގަންނަ މީހާގެ ހައްގުވެސް ބޮޑު: އީސަ
ވަޒީފާ އަދާކުރާ މީހާގެ ހައްގަށް ބަލާއިރު ޚިދްމަތް ލިބިގަންނަން އަންނަ ދިވެހި ރައްޔިތު މީހާގެ ހައްގަށްވެސް ބަލަންޖެހޭ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވެއްޖެއެވެ.

ވަޒީފާ އާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ މެމްބަރު އީސައެވެ. ވަޒީފާ އާއި ބެހޭ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކައް ގިނަ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވާ އެއް މައްސަލައިގެ ގޮތުގައި ހިމެނެނީ ސަލާމް ބުނުމަށް ގެންނަން ހުށަހަޅާފައިވާ އިސްލާހެއެވެ. ސަރުކާރުން ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ މި އިސްލާހުގައިވާ ގޮތުން ސަލާން ބުނާ ކަމުގައި ވާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހެއެވެ.

މި އިސްލާހަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، އެ އިސްލާހާއި ގުޅޭ ގޮތުން ސީއެންއެމް ޓީވީގެ "އިތުރުކާފް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސަ ވިދާޅުވީ ހަމައެކަނި ސަލާމް ބުނުމުގެ ހައްގުދޭއިރު ވަޒީފާ އަދާކުރާ މީހާގެ ހައްގާއި އެއްވަރަށް ހިދްމަތް ލިބިގަންނަ ދިވެހި ރައްޔިތުމީހާގެ ހައްގައްވެސް ބަލަންޖެހޭ ކަމަށެވެ.

 އީސަ ވިދާޅުވީ ސަލާމުގެ މައްސަލައިގައި މަސައްކަތްތެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ވަޒީފާ ދޭ ފަރާތްތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

ސަލާމުގެ ކަންތަކަކީ ވަރަށް ބޮޑަށް ވާހަކަދައްކަންޖެހޭ މައްސަލައެއް ކަމަށާއި، އެކަމުގައި ދެ ފަރާތުގެ މައްސަލަ އެބައުޅޭ ކަމަށެވެ.

 މެމްބަރު އީސަ ވިދާޅުވީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ސަލާމުގެ ގޮތުގައި ދެމުން އަންނަ ދުވަސްތައް ގިނަ ކަމަށެވެ. މިސާލެއްގެ ގޮތުން އީސަ ނަންގަވާފައިވަނީ އޮސްޓްރޭލިޔާ އަދި  އިނގިރޭސިވިލާތެއެވެ. އިނގިރޭސިވިލާތުގައި ސަލާމުގެ ގޮތުގައި އަހަރަކު ދެނީ 6 ދުވަސް ކަން އީސަ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި އަހަރަކު 30 ދުވަސް  ރާއްޖެއިން ދެމުން އަންނަ ކަމަށާއި، މިއީ ނިސްބަތުން ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ބޮޑު އަދަދެއް ކަމަށެވެ. އަދި މި 30 ދުވަހުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި އެއް މަސް ދެމުން އަންނަކަން އީސަ ފާހަގަކުރެއްވިއެވެ.

 އީސަ ވިދާޅުވީ މެޑިކަލް ސެޓްފިކެޓް ހުށަނާޅާ ސަލާމް ބުނުމުގެ ލުއި ފަސޭހަ އޮތުމުގެ ސަބަބުން ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކުން މަގްބޫލް އުޒުރެއް ނެތި ސަލާމް ބުނެ، އެކަމުގެ ނާޖާއިޒް ފާއިދާ ނަގަމުން  އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިސާލަކަށް ސަލާމް ބުނެވޭތީ ބުދަ ދުވަސް ސަލާމްގައި، ބުރާސްފަތި ދުވަސް ސަލާމްގައި . ހުކުރުދުވަސް ބަންދު ހޮނިހިރު ދުވަސް ބަންދު . ތަކުރާރުކޮށް ހަމަ ސޯޝަލް މީޑިޔާގައި މަސައްކަތްތެރިން ސަލާމުގެ ކަންތަކުގައި ކަންބޮޑުވުން ފާޅުކުރާ ވަރަށް އަޅުގަނޑުމެން މަގުމަތީ ހިގާފައި ދާއިރުގައި ސަރުކާރުގެ އޮފީސްތަކުން ހިދްމަތް ލިބިގަންނަ މީހުންވެސް އެވަރަށް ޝަކުވާ އެބަކުރޭ. މުވައްޒިފުން ތިބެނީ ސަލާމުގައޭ އޮފީހަކަށް ނުނިކުމެއޭ، އެތަނުގައި ކިޔޫ ހަދައިގެން ތިބެ ބުނާނޭ މާދަމާ އަންނާށޭ. އަނެއް ދުވަހު އަންނާށޭ. މަސްދުވަސް ދެ މަސްދުވަސް ވެގެންދާއިރު ސަރުކާރުގެ އޮފީހަކުން ލިބެންޖެހޭ ހުއްދައެއް ލާފައި އޮންނަ ސިޓީއަކަށް ޖަވާބެއް ނުލިބޭ. އެހެންވީމަ ދަންނަވަން މިއުޅޭ ވާހަކައަކީ ދެ ފަރާތުގެ ވާހަކަވެސް މި ކަމުގައި ދައްކަން އެބަޖެހޭ" އީސަ ވިދާޅުވިއެވެ.

 އީސަ ވިދާޅުވީ ސަލާމުގެ ކަންތަކުގައި މެދުމިނުގެ ހައްލަކަށް އަންނަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

 އެގޮތުން ސަލާމުގެ ގޮތުގައި އަހަރަކަށް ލިބެމުން އަންނަ 30 ދުވަހުގެ ތެރެއިން 10 ދުވަސް ނުވަތަ 15 ދުވަސް އެއީ މެޑިކަލް ސެޓްފިކެޓް ހުށަނާޅާއި ނެގިދާނެ ދުވަސް ކަމުގައި ހެދިދާނެ ކަމަށެވެ. އަދި 30 ދުވަހުގެ ތެރެއިން ދެން  ބާކީއިން  15 ދުވަސް ބޭނުންކުރެވޭނީ މެޑިކަލް ސެޓްފިކެޓް ހުށަހަޅައިގެން ކަމަށް ހެދިދާނެ ކަމަށެވެ.

އެ ގޮތަށް ބަދަލުކުރުމުން ދޭތެރެ މެދުގެ ހައްލަކަށް އާދެވުނީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ވަޒީފާގެ ހައްގުގެ ވާހަކަދައްކާއިރު، ވަށައިގެން ދެން ތިބި އެންމެންގެ ހައްގުތަކައް ވިސްނަންޖެހޭ ކަމަށެވެ. ހަމައެކަނި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުން ނިންމާނުލެވޭނެ ކަމަށެވެ.

ވަޒީފާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ޕްރޮބޭޝަން ޕީރިއަޑް ތިން މަހުން ހަމަސް ދުވަހަށް ބަދަލުކުރުމުގެ އިސްލާހާއި، ސަލާމް ބުނާ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮތް އިސްލާހަށް ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް