ads
ހައްގުތައް ރައްކާކުރާ ގާނޫނާއެކު ކުޑަކުދިންނަށް ބޮޑު ހިތްހަމަޖެހުމެއް!
ޖިންސީ އަނިޔާގެ ހާއްޔެއްގައި ބޮޑުވަމުން އަންނަ އެތައް ކުދިންނެއް ރާއްޖޭގައި އެބަ އުޅެ އެވެ. އެކަން އެނގުނަސް އާއިލާގެ ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވަނީ މުޖުތަމައުގެ ތެރޭގައި އާއިލާ ފަޟީހަތްވެދާނެތީ އެވެ. ނޫންނަމަ ކަމެއް އަޑު އިވުނަސް އެކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވަނީ އެއީ ތިމާގެ ދަރިއަކަށް ނުވާތީ އެވެ. އެކަމަކު މިފަދަ މައްސަލަތައް ރިޕޯޓް ނުކުރުމަކީ މުޖުތަމައު އެކީ އެކަށް ފެއިލްވެފައިވާ ކަމުގެ ނިޝާނެކެވެ. ހަމައެކަނި ޖިންސީ ގޯނާގެ މައްސަލަތަކެއް ނޫނެވެ. ކުޑަކުދިންނަށް ކުރާ ތަފާތު އެކި ބާވަތުގެ އަނިޔާތައް މިފަހަކަށް އައިސް އިތުރުވެފައިވާކަން ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެ އެވެ. މިކަމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ކުށްވެރިޔާއަށް އެކަށީގެންވާ އަދަބެއް ނުލިބުމެވެ. މުޖުތަމައުގެ ތެރެއަށް އޭނާ ދޫވެފައި ހުރުމުގެ ނަތީޖާއަކީ އެފަދަ ކުށްތައް ތަކުރާރުކުރުން ކަމެވެ.

ކޮންމެއަކަސް އިއްޔެއަކީ މިމައްސަލައަށް އުއްމީދީ ދުވަހެކެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންނަށް އަމާންވެއްޓެއް ގާއިމުކުރުމަށް އެޅުނު އިތުރު ހަރުފަތެކެވެ. މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށި، މިއީ ކުޑަކުދިން އަނިޔާގެ ހާއްޔަކަށް ވައްޓާލުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ކަރުގައި އެޅުނު ވަރުގަދަ ދަންމަޅިއަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މި ގާނޫނުގެ މަގުސަދަކީ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމެވެ. އަދި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ގާނޫނުގެ މަގްސަދެކެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތައް:

ވެކްސިން ދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމު ކަމެއް:

އެގޮތުން މިކަންކަން ހާސިލުކުރުމަށްޓަކައި ގާނޫނަށް ފާހަގަކޮށްލެވޭ އިސްލާހުތަކެއް ގެނެސްފައިވެ އެވެ. މީގެތެރެއިން އެއް ކަމަކީ ވެކްސިން ދިނުން ލާޒިމުކުރުމެވެ. މިގާނޫނުގައި ބުނެފައިވާ ގޮތުން ސިއްހީ ހިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާ އެކެވެ. އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫނެވެ. 

ބަލިތަކުން ދުރުވެ ތިބުމަށް ބޭނުންވާނެ މައުލޫމާތާއި، ވަސީލަތްތަކާއި ޚިދުމަތްތައް ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތެއްގައި ލިބުމާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ އަށާއި އެކުއްޖާގެ މައިމީހާއަށް ލިބެންވާ ދަރިމައިވުމާ ގުޅޭ ސިއްހީ ފަރުވާއާއި އެނޫންވެސް ސިއްހީ ފަރުވާ ލިބުމުގެ ހައްގު ހިމެނެ އެވެ. އެގޮތުން ސިއްހީ ހިދުމަތްތައް ގާއިމުކޮށް އެކަންކަމަށް ވާސިލުވުމުގެ މަގުފަހިކޮށްދިނުމާއި އެ ހިދުމަތްތަކަށް ވާސިލުވުމުން މަހްރޫމްވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާ އެކެވެ.

ކުޑަކުދިން ކައިވެނިކޮށްދިނުން މަނާ: 

ކުޑަކުދިން ކައިވެނި ކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި އޮތަސް އުމުރުން 16 އަހަރުވުމުން ކުއްޖާ ބޭނުންވާނަމަ، ކައިވެނިކުރުމުގެ ފުރުސަތު ކުރިން އޮވެ އެވެ. ނަމަވެސް އިއްޔެ އަމަލުކުރަން ފެށި ގާނޫނުގައި އެ ފުރުސަތެއް ނެތެވެ. އެގޮތުން ގާނޫނުގައި ބުނީ ކުޑަކުދިންނަކީ، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާއި އެއް މިންވަރަކަށް ހެދި ބޮޑުވެފައިވާ ބައެއް ނޫން ކަމުން އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި އޮތުމުން 18 އަހަރުން ނުވާ ކުދިންނަށް ކައިވެނި އަގުދުކޮށްދީގެން ނުވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.

ރަޙުމްކުޑަ، ލާއިންސާނީ އަދަބު ދީގެން ނުވާނެ:

މި ގާނޫނުގައި ބުނެފައިވަނީ އެއްވެސް ކުއްޖަކަށް، އެކުއްޖާ ދިރިއުޅެމުންގެންދާ ގޭތެރޭގައިވެސް ނުވަތަ ތައުލީމުދޭ  މަރުކަޒެއްގައިވެސް ނުވަތަ ކުއްޖާ ބަލަހައްޓާ މަރުކަޒެއްގައިވެސް ނުވަތަ އެކުއްޖާ ދިރިއުޅޭ އެނޫންވެސް މާހައުލެއްގައި، ރަހުމްކުޑަ، ލާއިންސާނީ، ނުވަތަ ކުއްޖާ ލަދުގަންނާނެ ފަދަ އަދަބެއް ދީގެންނުވާނެ އެވެ. ނުވަތަ އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެ ކަމަށް މި ގާނޫނުގައިވެ އެވެ.

މައްސަލަ ރިޕޯޓްކުރާ ފަރާތައް ހިމާޔަތް:

މިގާނޫނުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، ރިޕޯޓުކުރާ ފަރާތުގެ ނަން ނުވަތަ އޭނާއަކީ ކާކުކަން އެނގޭނެ ފަދަ އެނޫންވެސް މައުލޫމާތެއް، ތިންވަނަ ފަރާތަކާ ހިއްސާކޮށްގެން ނުވާނެ އެވެ. 

ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށް:

- މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވުން.

- މަަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުން.

- ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން.

- ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުން ނުވަތަ ގްރޫމްކުރުން.

މިކުށްތައް ކޮށްފިނަމަ އެ މީހެއްގެ އަދަބަކީ ތިން އަހަރަށް ޖަލަށް ލުމެވެ. އެކަމަކު އެކުށްތައް ކުރީ ކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހެއް ކަމަށްވާނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރު ކަމަށްވެސް ގާނޫނުގައިވެ އެވެ.

ގުރޫމްކުރަކީ ކުށެއް:

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެކެވެ. އެގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރުމަކީ ކުށެކެވެ. 

ކުޑަކުއްޖަކު ގްރޫމްކުރުން ކަމަށް ބުނެފައި ވަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް އެކުއްޖާއާމެދު ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.

ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭނެ:

ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައި ނުވާތީއާއި، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ އެއްވެސް ކުއްޖަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އަދި އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށަކާ ގުޅިގެން ވެސް މަރުގެ އަދަބެއް ނުލިބޭ އެވެ.

އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ އޯލްޓަނޭޓިވް ކެއާއަށް ބަދަލުނުކުރުން:

އޯލްޓަނޭޓިވް ކެއާއަށް ކުއްޖަކު ބަދަލުކުރުމުގެ ކުރިން، ވީވަރަކުން ބަލަންވާނީ އެކުއްޖެއްގެ އާއިލީ މާހައުލުން އެކުއްޖާ ދުރުނުކޮށް ނުވަތަ ނުނަގާވޭތޯ އެވެ. އަދި ފުރަތަމަ ހާލަތުގައި ބަލަންވާނީ ކުއްޖާގެ އާއިލާގެ އެހެން ފަރާތަކާ އެކުއްޖާ ހަވާލުކުރުމަށެވެ. މިމާއްދާގެ (ހ) ގެ ދަށުން ކުއްޖެއްގެ އާއިލާގެ އެހެން ފަރާތަކާ ހަވާލުކުރަން މަސައްކަތްކުރުމަށްފަހު، އެކަން މެދުވެރިވާން ނެތްނަމަ ދެން ބަލަންވާނީ މި ގާނޫނުގެ 99 ވަނަ މާއްދާގެ (ހ)ގެ ދަށުން އެކުއްޖާ ފޮސްޓަރކޮށްދޭނެ ފަރާތަކާ ކުއްޖާ ހަވާލުކުރެވޭތޯ ކަމަށްވެސް ގާނޫނުގައިވެ އެވެ. 

އޯލްޓަނޭޓިވް ކެއާއަކަށް ކުއްޖާ ބަދަލުކުރަންވާނީ އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމަ އަދި މި މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކުރާ ފަދައިން އަމަލުކުރެވެން ނެތް ހާލަތްތަކުގައި، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. 

ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށުގެ ރިޕޯޓް ނުކުރުމަކީ ކުށެއް:

މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާކަން އެނގިހުރެ އެކަށީގެންވާ ސަބަބަކާ ނުލައި އެކަން ހާއްސަކޮށް ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ނުވަތަ ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަކަށް ނާންގައި ހުރުމަކީ ކުށެކެވެ. ކުށެއްކޮށްފި މީހެއްގެ އަދަބަކީ ދެ އަހަރުގެ ޖަލު ހުމެކެވެ. އަދި އޭގެ އިތުރުން  އެ ކުށް ކޮށްފައި އެކުށް ރިޕޯޓު ނުކުރުމަށް އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިގަނެފައިވާނަމަ އެމީހެއްގެ އަދަބަކީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު 30 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހާއްސަވެގެން މަސައްކަތްކުރާނެ އިދާރާއެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ނަމުގައި އުފައްދަން ޖެހެ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން މި ގާނޫން ލާޒިމްކުރެ އެވެ. 

މި ގާނާނާއެކު ކުރެވޭ އުއްމީދުތައް ބޮޑެވެ. ގޭތެރޭގެ މާހައުލުގައި ނުވަތަ އެހެންވެސް ތަނެއްގައި ބިރުވެރިކަމާއެކު ދިރިއުޅުމުގެ ބަދަލުގައި ހިތްހަމަޖެހުމާއެކު މުޖުތަމައުގެ ތެރޭގައި ނިކުމެ އުޅުމުގެ ފުރުސަތު ފަހިވާނެ ކަމުގެ އުއްމީދާ ވެސް އެކު އެވެ. ކުޑަކުދިންނަށް އިހުމާލުވެ، ބިރުވެެރި މާހައުލަކަށް ވައްޓާލާ މީހުންނަށް މުޖުތަމައުގެ ތެރެއިން އެހެން ކުއްޖަކަށް އެކުށް ތަކުރާރު ކުރުމުގެ ފުރުސަތު، މި ގާނޫނާއެކު ނުލިބޭނެ ކަމުގެ ވެސް އުއްމީދާއެކު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް