ads
ގާލްސް ޓު ކޯޑް 4 ވަނަ ޕްރޮގްރާމް އޮންނާނީ ލ. އަތޮޅުގައި
"ގާލްސް ޓު ކޯޑް" ސީރީޒްގެ 4 ވަނަ ޕްރޮގްރާމް ލ. އަތޮޅުގައި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ހަތަރުވަނަ ޕްރޮގްރާމް ލ.އަތޮޅުގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ. މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. 

މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެއެވެ. އަދި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެވެ.

ގަރލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިންގ ސީރީސްއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގައެވެ. އަދި މިޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ.ތިނަދޫގައިވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމަ އެއަހަރު ފަހުކޮޅު ސީރީސްގެ ތިން ވަނަ ޕްރޮގްރާމް ހދ.ކުޅުއްދުއްފުށީގައި ކުރިއަށް ގެންދެވުނެވެ.

ލ.އަތޮޅުން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://www.womenintechmv.org މި ވެބްސައިޓްއަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 22 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް