ads
ފޮޓޯ: ސޯޝަލް މީޑިއާ
"ރަހާ" ދޯނިން ފިޔޯރީ ރައްޔިތުންނަށް ހިލޭ މަސް ބަހަނީ
މަސް ކިރުވާ ވަރު ލިމިޓް ކުރުމާއި، ގުޅިގެން ނުކިރުވި ބާކީ ހުރި މަސްކޮޅު އުކާލުމުގެ ބަދަލުގައި "ރަހާ" ދޯނިން ގދ. ފިޔޯރީ ރައްޔިތުންނަށް މަސް ބަހަން ފަށައިފި އެވެ.

މަސްވެރިކަން ރަނގަޅުވެ، ގިނަ ދޯނި ތަކަކުން ގިނަ އަދަދެއްގެ މަސް ބާނަމުން އަންނަ އިރު، މަސް ކިރުވާ ފަރާތްތަކުން ވަނީ، ދޯންޏަކުން ވަކި ވަރެއް ކިރުމަށް ނިންމާފަ އެވެ. އެކަމާއި ގުޅިގެން ގިނަ މަސްވެރިން ހިތް ހަމަނުޖެހުން ފާޅު ކުރަމުން އަންނަ އިރު، ބައެއް ދޯނި ފަހަރުން އަންނަނީ، ނުކިރުވޭ މަސްތައް ކަނޑަށް އުކާލަމުންނެވެ. 

އެހެން ނަމަވެސް މިރޭ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާ ވީޑިއޯ އަކުން ފެނިގެން ދަނީ، މިއާ ދިމާ އިދިކޮޅު މަންޒަރެކެވެ. 

ނުކިރުވި ބާކީ ހުރި މަސްކޮޅު، ރަށުގެ ރައްޔިތުންނަށް ހިލޭ ބަހަމުން ގެންދާ މަންޒަރު މިރޭ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އަކުން ވަނީ ފެނިގެން ގޮސްފަ އެވެ. 

"ރަހާ" ނަމަކަށް ކިޔާ ދޯނިން ބޭނި މަސްތަކުން ނުކިރުވި ބާކީ ހުރި މަސްކޮޅު ފިޔޯރީ ރައްޔިތުންނަށް ބަހަމުން އަންނަ މަންޒަރު ވީޑިއޯ އިން ފެންނަ އިރު، މަސް ބަލާ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދުގައި ޖަމާވެފައި ތިއްބެވެ. 

މިކަމާއި ގުޅިގެން ފިޔޯރީ އިން "ސީއެންއެމް" އަށް މައުލޫމާތު ދިން މީހަކު ބުނީ، މިރޭ "ރަހާ" ދޯނި ބަނދަރާއި ކައިރި ކުރުމަށް ފަހު ދޯނީގައި ހުރި މަސްތައް ރައްޔިތުންނަށް ބަހަން ފެށި ކަމަށެވެ. އަދި މަސްތައް ބަހަން ނިންމީ، ބޭނި މަސްތައް އަނބުރާ ކަނޑަށް އުކާނުލާ އޭގެ ފައިދާ އެހެން ބަޔަކަށް ދިނުމަށް ކަމަށް ދޯނިން ބުނި ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ. 

މި ވީޑިއޯ އާއްމު ވެފައި ވާއިރު، ވީޑިއޯ އަށް ކޮމެންޓު ކުރަމުން އަންނަ ގިނަ ފަރާތްތަކުން ދަނީ އެ ދޯނީގެ ފަޅުވެރިންނާއި ކައްޕި އަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި އެހެން ދޯނި ތަކުންވެސް މަސް އުކާލުމުގެ ބަދަލުގައި ރަށެއްގެ ރައްޔިތުންނަށް ބެހުމަކީ މާ ފައިދާ ވާނެ ކަމެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް