ads
ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އަށް 189 މިލިއަން ޑޮލަރުގެ ކްރެޑިޓި ފެސިލިޓީއެއް
މުޅި ދުނިޔޭގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން، 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްލާމިކް ޓްރޭޑު ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓަލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެސްޓީއޯގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސޮއި ކުރެއްވި އިރު، އައިޓީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ސީއީއޯ ހާނީ ސާލިމް ސޮންބޮލް އެވެ. 

މީގެ އިތުރުން މި ރަސްމިއްޔާތުގައި، އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) ގެ ގަވަރުނަރު އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

މުރާބަހާ ފައިނޭންސިންގެ ދަށުން ހަމަޖައްސާފައިވާ މި ފެސިލިޓީގެ ދަށުން، އެސްޓީއޯއަށް ބޭނުންވާ މުދާ ސަޕްލަޔަރުން އަތުން ގަތުމަށްފަހު އައިޓީއެފްސީއިން ވިއްކުމަށް ހަމަޖެހިފައިވަނީ، ކުޑަ ފައިދާއެއް ލުމަށް ފަހު އެވެ. މި ފެސިލިޓީގެ ދަށުން އެސްޓީއޯއިން ގަތުމަށް ހަމަޖެހިފައިވަނީ، ކާޑުގެ ބާވައްތަކާއި، ތެލާއި، ބޭހުގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނެވެ. 

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އައިޓީއެފްފީގެ ސީއީއޯ ހާނީ ސާލިމް ސޮންބޮލް ވަނީ ރަސްމީކޮށް އެ ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސާފައިވާ ކަން  އިއުލާނު ކުރައްވާފަ އެވެ. 

މިއަދު ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމުގެ ދަށުން ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތް ވުމަށް އިތުރު އެހީއެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މިއަދު ވަނީ، މިފްކޯ އާއި، އައިޓީއެފްސީ އާއި ދެމެދުވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، ވިޔަފާރީގެ ދާއިރާ ތަކުން މިފްކޯއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެކްނިލަކް އެސިސްޓެންސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މިފްކޯގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރެދިނުމަށް އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް