ads
ކުރީގެ ރައީސް ޔާމީން
ޔާމިނާ ދެކޮޅަށް ހުށައެޅި ޔައުމިއްޔާ ސައްހައެއް ނޫން: ހެކިވެރިން
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔެކިއުމެއް ސައްހަ ނޫން ކަމަށް، ކުރީގެ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ، އާރަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ޔައުމިއްޔާއެއް ހެކީގެ ގޮތުގައި މީގެ ކުރިން ހުށަހަޅާފަ އެވެ. 

ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި މިއަދު ކުރީގެ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވަނީ ހާޒިރުކޮށްފަ އެވެ. އެ ދެބޭފުޅުން ހާޒިރުކޮށް ދިފާއުން ވަނީ، ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އީވައިސީގެ ޔައުމިއްޔާ އާއި ގުޅޭ ގޮތުން ދެ ބޭފުޅުންނާއިވެސް ސުވާލު ކުރައްވާފަ އެވެ. 

އެ ދެބޭފުޅުންވެސް ޔައުމިއްޔާ ބެލުމަށްފަހު އެ ޔައުމިއްޔާ އަކީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޔައުމިއްޔާގައި އެ ދެބޭފުޅުން ސޮއި ކުރައްވާފައި ނުވާކަން އެ ދެބޭފުޅުން ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ޔައުމިއްޔާގައި ސޮއި ނުކުރާނަމަ އެ ޔައުމިއްޔާ ސައްހަ ނުވާނެކަމަށް ބުނަނީ ކީއްވެތޯ ދައުލަތުން ޒުހޫރު އާއި ސުވާލު ކުރުމުން ޒުހޫރު ވަނީ، އެއީ އީވައިސީ ހިންގާނެ ގޮތުގެ އުސޫލު ކަމަށާއި އެ އުސޫލު ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދައުލަތުން ވަނީ ސައީދު އާއި، އީވައިސީގައި ކޮންމެ ބައްދަލުވުމެއް ޔައުމިއްޔާއެއް އެ ބައްދަލުވުމުގެ ސެކްރެޓަރީން ގެންނަކަން ކަން ކަށަވަރުކުރަންތޯ ސުވާލު ކުރައްވާފަ އެވެ. ދައުލަތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ޔަގީނުންވެސް އެކަން ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. 

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ދައުވާއެވެ. މި މައްސަލަ ޔާމީންގެ މައްޗަށް ސާބިތުކުރަން ދައުލަތުން ވަނީ ކިތާބީ އަދި ކާފީ ހެކި ހުށަހަޅައިފައެވެ. ދެން މި މައްސަލައިގައި ބާކީ އޮންނާނީ ދެ އަޑުއެހުމެވެ. އަދި އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް