ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފޮޓޯ---ރައީސް އޮފީސް
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދޭނެ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ދުނިޔޭގެ ހުރިހާ ދިމާލަކާ ގުޅުވާލާނެކަމަށާއި ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް، އަލުން އިމާރާތް ކުރަން ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާރްޓީއެލްގެ ފެރީގެ ނިޒާމު ރަސްމީކޮށް ޒޯން އެކެއްގައި އިފްތިތާހު ކޮށްދެއްވުމަށް، ދިއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއާޕޯޓުގެ ވާހަކައަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަށް ދެންވާނީ ކުރިން ވީގޮތެއް ނޫން ކަމަށާއި، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ 2.1 ބިލިއަން ރުފިޔާ ހަމަޖެހިފައި ވާކަމަށެވެ. 

އަދި މީގެ ކުރިން ހަނިމާދޫގައި އޮތީ، 1.2 ކިލޯ މީޓަރުގެ ރަންވޭ އެއް ކަމަށާއި، އެހެން ނަމަވެސް އެއާޕޯޓް ތަރައްގީވެ ނިމޭއިރު، 2.46 ކިލޯ މީޓަރުގެ ރަންވޭއެއް ހަނިމާދޫ އެއާޕޯޓުގައި ހުންނާނެ ކަމަށެވެ. 

"އޭޝިއާގެ އިރުމައްޗާ، ދެކުނު އިރުމަތީ އޭޝިއާއިން، ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާ، އިރުމަތީ އެފްރިކާ، ބޮޑު ތިލަދުންމައްޗާ ގުޅުވާދޭނީ އެ ރަންވޭއިން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ރަންވޭއަށް އަންނަ ތަރައްގީ، ޓާމިނަލަށް ނުގެނެސް، ހަނިމާދޫ އިންޓަރނޭޝަނަލެއް ނުވާނެ ކަމަށާއި، ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް، އަލުން އިމާރާތް ކުރުން ކަމަށެވެ.

އަދި ރަންވޭ ދިގުކޮށް، ޓާމިނަލް އާކޮށް ބޮޑު ކުރާނަމަ، އެއާ ގުޅޭ ކޮންމެހެން ލާޒިމު، އަނެއް ބޮޑު ބަދަލު، ތިލަދުން މައްޗަށް އަންނަން ޖެހޭ ކަމަށާއި، މިސަރަހައްދުގައި ރިޒޯޓް، ހޮޓާ، ގެސްޓް ހައުސްގެ ގޮތުގައި 8000 ޓޫރިސްޓް އެނދު ގާއިމު ކުރުމުގެ އަމާޒު އެބައޮތް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިމަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓްކޮށް، އެވޯޑް ކުރެވިފައި ވަނީ، މާލެ ސަރަހައްދުން ބޭރުގައި ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށް ރައީސް ވިދާޅުވި އެވެ. 

މިޕްރޮޖެކްޓް ހިންގަނީ، ޖަޒީރާ ވަންތަ ވިޔަވަތި ދިރިއުޅުން، މިސަރަހައްދުގެ 41 ރަށަށް ލިބިދިނުމަށް ކަމަށާއި، ހަނިމާދޫ ވެގެންދާނީ، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑުބަދަލު، ވަދެގެން އަންނަ މައި ދޮރާއްޓަށް ކަމަށެވެ. އަދި މިފަހަރު، އެންމެ ފަހުކަމެއްގެ ގޮތުގާ ނޫނީ، ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓްގެ ނަންބޯޑު ހަރު ނުކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް