ads
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ
ސްކޫލުގައި ޕްރިންސިޕަަލެއް ނެތީކީ ނޫން، ތިއްބެވީ ތަމްރީނަށް ބޭރަށް ވަޑައިގެން: މިނިސްޓަރު
ބައެއް ސްކޫލުތައް ޕްރިންސިޕަަލަކު ނެތި ހިންގަމުންދާ ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ރައްދު ދެއްވައިފި އެވެ.

މިއަަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރުދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ ވަނީ، މަތީ ތައުލީމް ހާސިލްކުރުމަށްޓަކައި ބައެެއް ޕްރިންސިޕަލުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެ ސްކޫލުތަކަށް ޕްރިންސިޕަލަކު ނުލައި ހިންގަމުންދާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން އޮތްގޮތެއް ސާފުކޮށްދިނުމަށް މިނިސްޓަރުގެ އަރިހުން އެދިފައެވެ.

އެކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކުގައި ތަމްރީން ލިބިފައިވާ ޕްރިންސިޕަލުން ނެތުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް ސްކޮލަޝިޕެއްގެ ދަށުން ތަމްރީން ކުރުމަށް 20 ބޭފުޅަކު މެލޭޝިއާއަށް ފޮނުވިފައިވާ ކަމަށެވެ. 

އޭގެތެރޭގައި ދެ ސްކޫލެއްގެ ޕްރިންސިޕަލުންވެސް ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ދެބޭފުޅުންގެ ތަމްރީންގެ އެއް އަހަރުގެ މުއްދަތު ހަމަވަންދެން ސްކޫލު ހިންގެވުމާއި ހަވާލުވެގެން އެހެން ބޭފުޅަކު އެ ސްކޫލުތަކުގައި ހުންނަވާނެ ކަމަށެވެ. ސިވިލް ސާވިސް ގާނޫނު އޮންނަގޮތުން އިތުރު ޕްރިންސިޕަލަކު އެމުއްދަތުގައި ނެނގުން ދަތިކަަމަށް ވެސް ވިދާޅުވި އެވެ.

”އެއް އަހަރުގެ ކޯހަކަށް ދާ ކަމުގައި ވެއްޖެއްޔާ ސިވިލް ސާވިސްގެ މުވައްޒަފުން ވުމުން އެބޭފުޅުންގެ މަގާމު އޮވޭ. އަދި ސްކޮލަޝިޕްގައި އެބޭފުޅުން އަޅުގަނޑުމެން ފޮނުވީ ހަމަ ޕެއިޑް ލީވެއްގައި. އެބޭފުޅުން އައިސް ހަމަ ސްކޫލުތަކުގައި ވަޒީފާ އަދާކުރާގޮތަށް. އެހެންވީމައި އެމުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަކަށް އިތުރު ޕްރިންސިޕަލެއް ސްކޫލަކަށް ލެވޭ ކަށެެއް ނޯވެ، “ މިނިސްޓަރު ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވީ، ޕްރިންސިޕަލުންގެ ތަމްރީން ފުރިހަމަ ކުރެވެންދެން ސްކޫލުތައް ހިންގުމާއި ހަވާލުވެގެން ތިބި ބޭފުޅުންނަށް އިތުރު އެލަވަންސެއްވެސް ހަމަޖައްސައި ދީފައިވާނެ ކަމަށެވެ. އެ ސްކޫލުތަކުގެ ހިންގުމާއި ހަވާލުވެގެން މިހާރު ތިބި ބޭފުޅުންގެ މައްސަލައެއް އުޅޭނަމަ މިނިސްޓްރީއަށް ހުށަހެޅުމުން އެކަމެއް ބަލައި، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އާ ޕްރިންސިޕަލަކު އެ މުއްދަތުގެ ތެރޭގައި އައްޔަން ކުރުމަށް ގާނޫނު ތަން ނުދޭ ކަމަށް ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް