ads
އަލަމްގީރް
އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ސާބިތުވެ އަލަމްގީރަށް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް
ކޮންމެ ދައުވާއަކަށް ކަނޑައެޅި އަދަބަކީ 27 ދުވަހުގެ ޖަލު ހުކުމެއް
އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ވެސް ސާބުތުވެ، އަލަމްގީރް ދެ އަހަރާއި ނުވަ މަަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް ސާބިތުވެ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒުކުރަމުންދާ އަލަމްގީރުގެ މައްޗަށް ދައުލަތުން ފަހުން އުފުލި އޯރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް ވެސް އޭނާ ވަނީ އިބްތިދާއީ މަރުހަލާގައާއި، އަވަސްނިޔާގެ ޝަރީއަތުގެ މަރުހަލާގައި ވެސް އިއުތިރާފުވެފަ އެވެ.

މިމަހުގެ 24 ވަނަ ދުވަހު އޭނާގެ މައްޗަށް ކޯޓުގައި އެ 40 ދައުވާ އިއްވުމުން ހުރިހާ ދައުވާއަކަށް އެއްބަސްވެފައިވާތީ މިއަދު ބާއްވާފައިވަނީ އަވަސް ނިޔާގެ ދަށުން ހުކުމްކުރުމުގެ އަޑުއެހުމެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ކޮންމެ ދައުވާއަކަށް ކަނޑައެޅި އަދަބަކީ، 27 ދުވަހުގެ ޖަލު ހުކުމެކެވެ. ޖުމްލަ 40 ދައުވާއަށް އަންނަ ޖުމްލަ އަދަބަކީ 1،080 ދުވަހުގެ ޖަލު ހުކުމެކެެވެ. އެއީ ދެއަހަރާއި ނުވަ މަހެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރުގެ މައްޗަށް އެންމެ ފުރަތަމަ ކުރި ތިން ދައުވާއަށްވެސް އިއުތިރާފުވުމުން މިދިޔަ އޮގަސްޓު 31 ވަނަ ދުވަހު ހަތްމަހުގެ ޖަލު ހުކުމަކާއިއެކު ތައުބާ ލާދީފައިވެއެވެ.

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފަ ވެއެވެ. 

އޭނާގެ ފޯނުން 50 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. 

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުން ތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން ތިބީ ދޫކޮށްލާފައެވެ. ދައުވާކުރި މީހުންގެތެރޭގައި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ހުރީ ދޫކޮށްލާފައެވެ. 

ޕީޖީން ބުނީ އެމީހުން ދޫކޮށްލީ ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވުމުން ކަމަށެވެ. 

މީގެތެރެއިން އެންމެ ފަހުން ހުކުމްކުރި ނާޒިމަށް އިއްވީ ތިން މަހުގެ ގޭބަންދު ހުކުމެކެވެ. އަދި ރަފީއު އަށް ވަނީ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް