ads
ދިވެހި ޓީމުގެ ކޯޗު މޮރިއޭރޯ
ގައުމީ ކޯޗަށް މުސާރަ ނުދޭތާ 10 މަސް: ކުރީގެ އެސިސްޓެންޓް ކޯޗު
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންސިސްކޯ މޮރިއޭރޯއަށް އެފްއޭއެމުން މުސާރަ ނުދޭތާ 10 މަސް ވެއްޖެ ކަމަށް، އޭނާގެ އެސިސްޓެންޓަކަށް ކުރި މަސައްކަތް ކުރި ޕޯޗުގަލްގެ ސިމާއޮ ކޮސްޓާ ބުނެފިއެވެ.

ކުރީގެ އެސިސްޓެންޓް ކޯޗު ސިމާއޯ މިހެން ބުނެފައިވަނީ މިއަދު ފޭސްބުކްގައި ޖެހި ދިގު ޕޯސްޓެއްގައެވެ. މޮރިއޭރޯއަށް މުސާރަ ނުދޭތާ 10 މަސް ވެއްޖެ ކަމަށް ސިމާއޯ ބުނި ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ކޯޗު މޮރިއޭރޯ ބޭނުމެއް ނުވެއެވެ. ތަކުރާރުކޮށް އެހުމުންވެސް އެކަން ދޮގު ނުކޮށް ކޯޗު ބުނީ އޭނާ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގޮތަކަށް ލިބުނު މައުލޫމާތެއްތޯ ކޯޗު ސުވާލު އުފެއްދިއެވެ. 

ތިއީ ކިހިނެތް ލިބުނު މައުލޫމާތެއް؟ އަހަރެންގެ ޒާތީ ކަންކަމާ ގުޅޭ ގޮތުން އަހަރެން ބޭނުމެއް ނޫން ވާހަކަ ދައްކާކަށް. އަހަރެންގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ސުވާލެއް އޮތް ނަމަ ތި ސުވާލެއް އަހަރެންނާ ނުކުރާނެ. އަހަރެންނަށް މާފު ކުރޭ. ތި ވާހަކ ދައްކާކަށް އަހަރެން ބޭނުމެއް ނޫން.

ކޯޗުގެ މުސާރައިގެ އެއްވެސް މައްސަލައެއް އުޅޭތޯ ސުވާލު ކުރުމުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުވެސް ވިދާޅުވީ މުސާރަައިގެ މައްސަލައެއް އުޅޭހެން ހީނުވާ ކަމަށެވެ. އަދި ކޯޗާއެކު އެކަހަލަ ކަންތަކާ ގުޅޭ ފުރިހަމަ އެގްރީމެންޓެއް އޮންނާނެ ކަމަށާއި މުސާރައިގެ އިޝޫއެއް އުޅޭނެއޭ ކޯޗުވެސް ނުބުނާނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ. 

ގައުމީ ކޯޗުގެ މުސާރައިގެ މައްސަލައެއް އުޅޭހެން ހީނުވާކަމަށް ޖަވާޒް ވިދާޅުވިއިރު، ކުރީގެ ގައުމީ ކޯޗާ، އެސިސްޓެންޓް ކޯޗު އަދި އަންހެން ގައުމީ ޓީމުގެ ކޯޗަށް މުސާރަ ނުދީގެން އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެފްއޭއެމަށްވަނީ އަންގާފައެވެ. އަދި މޮރިއޭރޯގެ އެސިސްޓެންޓަކަށް ހުރި ސިމާއޯ ދާދި ފަހުން މަގާމުން އިސްތިއުފާ ދިނީވެސް މުސާރަ ނުދޭ ކަމަށް ބުނެއެވެ. 

އެފްއޭއެމްގައި ފައިސާގެ ސީރިއަަސް މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ކްލަބުތަކަށް ދޭން އެއްބަސްވެފައިވާ ފައިސާވެސް ނުދޭ ކަމަށް ބައެއް ކްލަބުތަކުންވަނީ ބުނެފައެވެ. އަދި ބައެއް ކުުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދީގެން ކޯޓުން ހުކުމްވެސް މި ފަހުން ކޮށްފައިވެއެވެ. އަދި ފައިސާ ނުދޭތީ ގައުމީ އެއަލައިނުންވެސް އެފްއޭއެމަށް ޓިކެޓް ވިއްކުންވެސްވަނީ ހުއްޓާލާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް