ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތް ފެއްޓުމަށް ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރައްޔިތުންގެ އަތުން ގެއްލިފައިވާ ބާރުތައް ރައްޔިތުންނަށް އަނބުރާ ހޯދާ ދިނުންކަމުގަ އެވެ. އަދި މިހާރު ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މާލީ ބާރުވެރިކަމާއި ބިމުގެ މުއްސަނދިކަން ގާނޫނުން ދެވިފައިވާކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
ސިޔާސީ ކަންކަމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ކައުންސިލްތަކުން ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަ ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ބަދަލުތަކަކީ ވެސް އެމްޑީޕީގެ ފިކުރާ ވިސްނުން ކަމަށެވެ. ކައުންސިލް ތަކުގެ ޒިންމާއަކީ، ރައްޔިތުންނާ ކައިރިން ތަރައްގީ މަޝްރޫއުތައް ކުރިއަންގެންގޮސް މޮނިޓާކުރުން ކަމަށްށާއި މިޒިންމާ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ވިސްނުން ހުރި ބޭފުޅުން ކައުންސިލްތަކަށް އައްޔަނު ކުރެވުމުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި މަރުކަޒީ އުސޫލުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ލިބުނު ހަމަ އެކަނި ގެއްލުމަކީ ރަށްތައް ފަޅުވެގެން ދިއުން ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވީ މިގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުން މާލެ ތޮއްޖެހި މާލޭގައި އިޖްތިމާއީ މައްސަލަތައް އިތުރުވެގެން ދިޔަކަމުގަ އެވެ. އަދި ތަރައްގީގެ ނަމުގައި ކުރަމުން އައި ކަންތައްތަކުން ފައިދާއެއް ނުލިބި ރަށްތަކާއި އަތޮޅު ތަރައްގީ އަށް އޮތް އުންމީދު ފަނޑުވެގެން ދިޔަކަމުގަ އެވެ.
މާލޭގައި ވެސް އެނބުރިދާނެ ތަނެއް ނެތް އެކި ރަށްރަށުގެ މީހުން އެބަތި ކަމަށާއި މިއީ ގައުމީ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މާލެއަށް ވެސް ހައްލު ހޯދޭނީ މި ސަރުކާރުގެ މަޝްރޫއުތައް ރަނގަޅަށް ތަންފީޒުކުރެވިގެން ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު ސަރުކާރުން ވައުދުފުއްދާ މިންވަރަށް ވިސްނާ ވޯޓުލުމަށް ރައީސް ވިދާޅުވި އެވެ.
މިހާތަނަށް ވަރަށް ގިނަ ހިތި ތަޖުރިބާތަކެއްވެސް ކުރެވިފައި ވާކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ވަރަށް ތައްޔާރު ކަމަށެވެ. އެމްޑީޕީގެ ފިކުރު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާ ކެނޑިޑޭޓުންނަށް ރައްޔިތުން ވޯޓް ލުމަށް ރައީސް ގޮވާލެއްވި އެވެ.
ރައީސްގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރާއި ހަމައަށް އައި އިރު ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރެވިފައި އޮތީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ 40 ރަށުގައި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމް ކުރާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ. މިހާރު މި ރަށްތަކުގެ މަޝްރޫއުތައް ކުރިއަށް ދާނެ ގޮތުގެ ޕްލޭންތައް ކުރެވި ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ކާމިޔާބުކުރަމަށް އެމްޑިޕީގެ ކެނޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބުވުން މުހިންމު ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބުކަމާއި އެކު ނިމިގެން ގޮސްފައި ވާއިރު އަދިވެސް އެންމެ ފުރިހަމަ ޑިމޮކްރަސީ ގާއިމް ކުރުމަށް އިސްލާހު ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި ކުރިއަށްއޮތް ތަނުގައި މިކަންތައްތައް ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.