ads
ބީލަން ހުށަހެޅުމުގެ ކަންކަން ކުރިއަށްދަނީ: ފޮޓޯ---އެޗްޑީސީ
ބީޗު ފްރަންޓުން ވިއްކާ 22 ގޯއްޗަށް ބިޑް ހުށަހެޅީ 18 މީހުން
ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފޭސް އިން ވިއްކުމަށް އިއުލާން ކުރި، ބިންތަކުގެ ތެރެއިން ބީޗު ފްރަންޓުގެ 22 ގޯއްޗަކަށް 18 މީހުން ބިޑް ކޮށްފި އެވެ.

އެޗްޑީސީއިން ވަނީ މިދިޔަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 22 ގޯތި، އަދި ބީޗް ސައިޑުން 52 ގޯތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. 

މިއަދު އެޗްޑީސީއިން ވަނީ، ބީޗް ފުރަންޓުން ވިއްކަން އިއުލާން ކުރި 22 ގޯތީގެ ބީލަން ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 11:00 އަށް ބީލަން ފޯމު ބަލައިގަތުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ އިރު، ބީލަން ހުށަހެޅުމުގެ ވަގުތު ހަމަވިއިރު، ބީލަން ހުށަހެޅި، 18 މީހުންނެވެ. 

އެހެން ނަމަވެސް އެޗްޑީސީއިން އެންމެ ފަހުން ބިން ވިއްކި އިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ބީލަށް ހުށަހަޅާފަ އެވެ. 

މިއަދު ބީޗް ފުރަންޓުން ވިއްކާ ބިންތަކުގެ ބީލަން ކުރިއަށް ދިޔަ އިރު، މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ބީޗް ސައިޑުން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ބީލަމެވެ. މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދުރު 11:00 އަށް ބީލަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ބީލަން ފޯމު ހުޅުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މެންދުރު 12:15 ގަ އެވެ. 

ބީލަން ފޯމު ބަލައިގަތުމާއި، ހުޅުވުން ކުރިއަށްދަނީ، ހެންވޭރުގައި ހުންނަ މީރުމާ އިމާރާތުގެ ދެވަނަ ފަންގިފިލާގަ އެވެ. 

އެޗްޑީސީއިން ބީލަން ފޯމު 1،000 ރުފިޔާ އަށް ވިއްކާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000،000 ރުފިޔާ ނަގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް