ads
ފުލުހުންގެ ހިދުމަތް ތަރައްގީކުރަން އިންޑިއާ އާއެކު މަޝްވަރާކޮށްފި
ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން އިންޑިއާގެ ހޯމް މިނިސްޓަރު، އަމިތް ޝާހުއާއި ރާއްޖޭގެ ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ގެ މެދުގައި މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު އިންޑިޔާގެ ނިއުދިއްލީގައި ހުންނަ އެޤައުމުގެ ދާހިލީ ވުޒާރާގަ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި  ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ ދާހިލީ ސަލާމަތާއި ހަމަ ޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. 

އޭގެ އިތުރުން ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. 

މިނިސްޓަރު އިމްރާން އިންޑިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ މި ދަތުރުގައި އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓާ އަތުލް ކަރްވާލްއާއި ބައްދަލުކުރައްވާ އެހީތެރިކަން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކުން މަޝްވަރާކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވާ އެތަނުގެ ޑިރެކްޓާ ޖެނެރަލް ޑރ.ޖޭ.އެމް ވިޔަސްއާ ބައްދަލުކުރައްވާ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ވަނީ އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށްގެންދަވާފަ އެވެ. މިބައްދަލުވުމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއެކު މަޝްވަރާތައް ކުރިއަށްގެންދިޔަ އެވެ. މީގެއިތުރުން ނިއުދިއްލީގައި ހުންނަ އިންޑިޔާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލް ޝުރީ ވައި.ސީ މޯޑީއާވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ގުޅިގެން މަސައްކަތްކުރުމާއި، އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ހޯމް މިނިސްޓަރުގެ މި ދަތުރުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް އަލީ ނަޒީރާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބުދުއްރަހުމާން ބައިވެރިވެވަޑައިގަންނަވަ އެވެ.މި ދަތުރު ނިންމާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް