ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ވަންއޮންލައިން
އެމްޑީޕީއާއި ސަރުކާރަށް ފައިދާ ވާނީ އަޅުގަނޑު މޭޔަރަކަށް ހޮވައިގެން: މުއިއްޒު
މާލެއަށް ބޭނުންވާ ބަދަލު ގެނެސް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ބޭނުންވާނަމަ ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވެސް ވޯޓު ދޭންވީ މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށްފަހު ފުރަތަމަ ފަހަރަށް އާންމު ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެއަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ހުރި އެކަން ކުރެވޭނީ އޭނާ މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްގެން ކަމަށެވެ. 

 

މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރު ކަމުގައި މެދުނުކެނޑި ހަތް އަހަރު ހިދުމަތް ކުރުމުގެ ފުރުސަތު ލިބިފައި މާލޭގެ ގިނަ އަދަދެއްގެ ގެތަކަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާތީ އޭނާއަށް ވުރެ ރަނގަޅަށް މާލޭގެ ހާލަތު އެނގޭނެ ކެންޑިޑޭޓަކު ނުހުންނާނެ ކަމަށެވެ.

މާލޭގެ ރައްޔިތުން އުޅެމުންދާ ގޮތާއި އެމީހުންގެ ހާލަތު އެނގިވަޑައިގަންނަވާ ކަމަށާއި އޭނާއަށް މާލޭގެ މޭޔަރު ކަން ލިބިވަޑައިގެންފިނަމަ އެ މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުގައި އޭނާގެ ހައުސިން މިނިސްޓަރު ކަމުގައި ފަށާފައިވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައިވާނީ ހައްގުވެރިންނަށް ކަމަށެވެ. ފްލެޓް ލިބޭނެ ކަން އަންގާ ގާތްގަނޑަކަށް 9000 މީހަކަށް ލިޔުން ދީފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދައިދޭން ކުރި މަސައްކަތުގައި ލިޔުން ދީފައިވާ ބައެއް މީހުންގެ ހައްގުތައް ގެއްލުމުގެ ފުރުސަތު މިހާރުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އެބައޮތް ކަމަށެވެ. ނަމަވެސް އޭނާ އަށް މާލޭގެ މޭޔަރު ކަން ލިބިވަޑައިގެންފިނަމަ އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ. 

މުއިއްޒު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އިހްލާސްތެރިކަމާ އެކުގައި ކަމަށެވެ. ރައްޔިތުންގެ ހައްގު ހޯދައިދިނުމަށްޓަކައި މަޝްވަރާ ކުރަންޖެހުނު ކޮންމެ މީހަކާއި މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީ ފިކުރު ދޫކޮށް އެންމެން އޭނާ އަށް ވޯޓު ދެއްވުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. މުއިއްޒު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްފިނަމަ މާލެއަށް ހައްލު ހޯއްދަވައިދެއްވުމުން އެމްޑީޕީގެ މެންބަރުންނަށްވެސް އަދި މިސަރުކާރަށް ވެސް އެކަމުގެ ހަގީގީ ހިތްހަމަޖެހުން  ލިބޭނެ ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން އޭނާ އަށް މަސައްކަތް ކުރެއްވޭނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް