ads
ނައިބު ރައީސް
ފަތުރުވެރިކަމުގެ ކާމިޔާބަކީ ޒުވާނުންގެ ބުރަ މަސައްކަތް: ނާއިބު ރައީސް
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުންއައި ބުރަ މަސައްކަތް ކަމމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން  ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގެ ނިމުނން ފާހަގަކުރުމަށް ރޭ  ރ. ދުވާފަރުގައި ބޭއްވި "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑްދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ކާމިޔާބުކަމާއެކު ގެނެސްދެއްވި ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށްގިނަ ބައެއްގެ ބުރަމަސައްކަތުންކަން ފާހަގަކުރައްވައި އޭގެ ތެރެއިން ވެސް ހާއްސަކޮށް ދިވެހި ޒުވާނުން އެމީހުންގެ އާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ އެ މަސައްކަތަކީ ފަތުރުވެރިކަމުގައި މިއަދު މިދެކޭ ކާމިޔާބީ ހޯދައިދިނުމަށް ވީ ގުރުބާނީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމުގައި ވިދާޅުވިއެވެ. އަދި، ހާއްސަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި އެ ދަތިއުނދަގުލުގެ ތެރޭގައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރ. ޓުއަރިޒަމް އެކްސްޕޯ 2022ގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ރަންވަނަ ހާސިލުކުރި ފަރާތްތަކަށް މި ރޭގެ ހަފްލާގައި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އަދި މި ހަފްލާގައި އަތޮޅު ރިސޯޓް އެވޯޑް ހާސިލުކުރި  ދެ ރިސޯޓުގެ އެވޯޑް ވެސް އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ހަފްލާގައި ރ. އަތޮޅު ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ވެދުމަށްއަރުވާފައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް