ads
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ތާރީހުގައިވެސް ކެމްޕޭނަކަށް ތައްޔާރުނުވާ މިންވަރަށް ތައްޔާރުވެއްޖައިން:ޕީޕީއެމް

 އިންތިޚާބެއްގެ ކެމްޕޭނަކަށް ޕީޕީއެެމްގެ ތާރީޚުގައިވެސް ތައްޔާރުނުވާ މިންވަރަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ތާރީޚުގައިވެސް އިންތިކާބަަކަށް ތައްޔާރުނުވާ މިންވަރަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މި ޖަލްސާ ވެގެންދާނީ ވަރަށް ތަފާތު ޖަލްސާއަކަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ލޯކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ. އިދިކޮޅު ޕީޕީއެމްއިން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ބޭނުންކުރާނެ ޝިއާރަކީ "މިއީ މަގޭ ރާއްޖެ" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކެމްޕޭން ލޯންޗިން ޖަލްސާ އެހެން ޖަލްސާތަކައް ވުރެ ތަފާތުވާނެ ކަމަށާއި، ތަފާތު ގިނަ ކަންތައްތަކެއް އެ ޖަލްސާއިން ރައްޔިތުންނާއި ބައްދަލުކުރާނެ ކަމަށެވެ. ގައުމުދެކެ ލޯބިވާ އަދި ރާއްޖެ ދެކެ ލޯބިވާ ހުރިހާ ރައްޔިތުން މި ޖަލްސާއަށް އައުމަކީ ވަރަށް ބޮޑަށް އެދޭ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

"މި ޖަލްސާ އަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގަތުމަކީ މިއަދު މި ގައުމު އެދި ގޮވާ ވަރަށް ބޮޑު ގޮވުމެއް. މި ކަމަށް އިޖާބަ ދެއްވައި، މި ކެމްޕެއިން ޖަލްސާ އަކީ ފޯރިގަދަ، ކާމިޔާބު ޖަލްސާ އަކަށް ހެއްދެވުމަށްޓަކައި ހުރިހާ ކެންޑިޑޭޓުންނާއި އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން މިކަމަށް އެއްބާރުލުން ދެއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މި ގައުމުގެ ދީނާއި ، ގައުމިއްޔަތު ބީވެގެންދާ ދަނޑިވަޅުގައި ޕީޕީއެެމްއިން ދިވެހިރައްޔިތުނަށްޓަކާ މިއަދު ކުރަމުން މި އަންނަނީ  ވަރަށް އިޚްލާސްތެރި ތެދުވެރި މަސައްކަތެއް ކަމަށެވެ.

މި ޖަލްސާއަށް ވަކިން ޚާއްސަކޮށް ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އައުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ.އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޕީޕީއެމްގެ ޓީމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިންތަކުގައި ހަރަކާތްތެރިވަމުން އަންނައިރު،ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންވެސް މި ކަމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް