ads
ރާއްޖޭއާ ޗައިނާ ވާދަކުރާ މެޗު ކުޅޭނީ ތައިލެންޑްގައި
ވޯލްޑްކަޕް އަދި އޭޝިއަންކަޕް ކޮލިފައިންފައި ރާއްޖެއާ ޗައިނާއާ ދެމެދު ކުޅެވޭ ދެވަނަ ލެގު މެޗު ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާގައި ނުކުޅެ، ތައިލެންޑްގައި ކުޅުމަށް އޭއެފްސީން ނިންމައިފިއެވެ.

އޭއެފްސީން މިކަން ނިންމާ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާގައި ކުޅެން އޮތް މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅުމަށް ފީފާގެ ލަފާއާއި އެކު ނިންމައި، އެ މެޗު ތައިލެންޑްގައި ކުޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި މެޗު އޮންނާނީ މާރިޗު މަހުގެ ސައްބީސްވަނަ ދުވަހުއެވެ. މެޗު ކުޅުމަށް ހަމަ ޖައްސާފައިވަނީ، ތައިލެންޑްގެ ބުރިއަމް ޕްރޮވިންސްގެ ޗޭންގް އެރީނާގައެވެ. މިއީ ބައްތިރީސް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

ޗައިނާއާ ރާއްޖެ މާލޭގައި ކުޅުނު މެޗު ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ޗައިނާއިން ކާމިޔާބުކޮށްފައިވާއިރު، ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ އައު ކޯޗުގެ ފުރަތަމަ އިމްތިހާނެވެ. މި މެޗަށް އައު ކޯޗު ކޫޕްމަން މިހާރު ތައްޔާރުވާން ފަށާފައިވާއިރު، ތައިލެންޑްގައި ޓްރެއިނިންގ ކޭމްޕެއް ބޭއްވުމަށްވެސް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ޗައިނާ ހިމެނޭ ގްރޫޕުގެ އެއްވަނައިގަ އޮތީ ސީރިއާ އެވެ. އެއީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން ހޯދި ފަނަރަ ޕޮއިންޓުންނެވެ. ޗައިނާ ދެވަނައިގަ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގަ ފިލިޕީންސްވެސް ހަތް ޕޮއިންޓް ހޯދާފައިވާއިރު ހަތަރު ވަނަ ރާއްޖެއަށް ލިބެނީ ހަ ޕޮއިންޓާ އެކުއެވެ. ގްރޫޕުގެ ފުލުގައި ގުއާމް އޮތީ އެއްވެސް ޕޮއިންޓެއް އަދި ނުލިބިއެވެ. ރާއްޖޭން ހަ ޕޮއިންޓް ހޯދާފައިވަނީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް