ads
ކުޅުދުއްފުށީ ރޯހައުސްތައް - ފޮޓޯ: ސީއެންއެމް
11 އަހަރު ފަހުން ކުޅުދުއްފުށީގެ ރޯހައުސްތަކުގެ މަސައްކަތްނިމި، ހަވާލުކުރުމަށް ތައްޔާރުވަނީ
2011 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގެ ހިއްކި ބިމުގައި އިމާރާތް ކުރަން ފެށުނު 105 ރޯހައުސްގެ މަސައްކަތް ނިމި ތަން ހަވާލު ކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިއީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އަޅަންފެށި ރޯހައުސްތަކެކެވެ. 3 ކޮޓަރި، 3 ފާޚާނާ، ބަދިގެ، ސިޓިންގ ރޫމަކާއި އަދި ދޮންނަ މެޝިން ބަހައްޓަން ވަކި އޭރިޔާއެއް ހިމެނޭގޮތަށް މި ރޯހައުސްތައް އިމާރާތް ކޮށްފައިވަނީ 2 ފަންގިފިލާއަށެވެ. 

މި ހައުސިންގ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންޓްސްއާ އެވެ. އެ ކުންފުނީގެ ދަށުން ހިނގަމުންދިޔަ މި ޕްރޮޖެކްޓުގެ މަސައްކަތް ތަފާތު ގިނަ މައްސަލަތަކެއްގެ ތެރެއިން 2016 ވަނަ އަހަރުވަނީ ހުއްޓިފައެވެ. އޭރު ހަމައެކަނި ނިމިފައިވަނީ، ގެތަކުގެ ބޭރު އިމާރާތް ކުރުމާއި ހިޔާކުރުމުގެ މަސަައްކަތެވެ. 

އެއާއެކު، އެތަންތަން ލިބޭނެކަމުގެ އިންތިޒާރުގައި ތިބި ކުޅުދުއްފުށީގެ އެތައް އާއިލާއަކަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ. 

2016 ވަނަ އަހަރު މަސައްކަތް ހުއްޓުނު ގޮތަށް، އެތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވިއެވެ. އެކި ސަރުކާރުތަކުން މި މަސައްކަތް ފެށުމަށް މަސައްކަތް ކުރިޔަސް، މަސައްކަތް ފެށިފައެއް ނުވެއެވެ. އޭގެ ސަބަބުން އެތަން ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވަމުން ދިޔައެވެ. 

your imageރޯ ހައުސްއެއްގެ އެތެރެ

ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ މި ވެރިކަމުގައި، 2021 ވަނަ އަހަރުގެ އެޕްރީލް މަސްތެރޭ މި 105 ރޯހައުސް މަރާމާތުކޮށް، ތަނުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކުރެވުނެވެ. ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ، ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކުޅުދުއްފުށީގެ ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް މިތަނަށް ވަދެވޭނެ ކަމުގެ އުންމީދުގައި ތިބި އާއިލާތަކަށް ލިބިގެންދިޔަ އުފާވެރި ކަމުގެ ޚަބަރެކެވެ.

ރޯހައުސްތަކުގެ މަރާމާތު މަސައްކަތް އެއްކޮށް ނިމި، ކަރަންޓުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ. 

ދޮންބެޒް ޕްރައިވެޓް ލިމިޓެޑުން ކުރަމުންދިޔަ މަސައްކަތް މިހާރުގެ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދިޔައީ މޮނިޓަރކޮށް ބަލަމުންނެވެ. އަދި މައި ޕްރޮޖެކްޓުގެ ތެރެއަށް ކޮންމެހެން ބޭނުންވާ ގިނަ ކަންތައްތަކެއް ސިޓީ ކައުންސިލުން ކަމާބެހޭ މިނިސްޓްރީތަކާ މަޝްވަރާކޮށް އިތުރުކޮށްފައިވެއެވެ. ސިޓީ ކައުންސިލުން މަޢްލޫމާތު ދެއްވި ގޮތުގައި އެފަރާތުން މަސައްކަތް ކޮށްފައިވާނީ، ތަން ރައްޔިތުންނަށް ދޫކޮށްލާއިރު ވީހާވެސް ބޮޑަށް އެތަނަކީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް