ads
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް އާއި ރައީސް ނަޝީދު--
444 ރުފިޔާގެ މައްސަލައަކީ މެންބަރުކަން ގެއްލޭ ވަރުގެ ކުށެއް: ހައިލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރެއްވި ދަތުރުފުޅެއްގައި އަރިހުގައި އުޅުއްވި ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މަޖިލީހަށް އަންގާފައިވަނިކޮށް އެއީ ރައީސް ނަޝީދުގެ މެމްބަރުކަން ގެއްލިގެންދާނެ ފަދަ ކުށެއް ކަމަށް ކުރީގެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު އެކަން ކޮމިޝަނަށް އެންގުމަށް އޭސީސީން ވަނީ މަޖިލީހަށް އަންގާފަ އެވެ. 

އެކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 513 ވަނަ މާއްދާގެ (ށ) ގައި، ރަސްމީ
ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށައި އެގޮތުން އަމިއްލަ ދަތުރެއްގެ ކަންކަމަށް ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވަނީ ހަމަގޮތުގައި ނޫންކަމަށް އޭސީސީން ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް އެކަން އެގޮތަށް ކުރެއްވުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު އެމަނިކުފާނުގެ ކިބައިގައި އޮތުމުންކަން ފާހަގަކުރައްވަމުން ހައިލަމް ވިދާޅުވީ އެކަންކުރުމުގެ ނަތީޖާއަކީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ ދަތުރު ހަރަދު ސަލާމަތްކޮށް މަންފާއެއް ނެރުން ކަމަށެވެ. ކުށް ފުރިހަމަވުމަށް މަންފާއެއް ނުކުމެފައި އޮތުމަކީ ޝަރުތެއް ވެސް ނޫނެކަމަށާއި ޝަރުޠަކީ މަންފާއެއް ހޯދުމުގެ ނުވަތަ ހޯދައިދިނުމުގެ ނިޔަތް އޮތުން ކަމަށް ވެސް ވިދާޅުވި އެވެ. 

"މަންފާއެއް ވެފައި އޮތްކަން ސާބިތުވުމަކީ އެ ނިޔަތް އޮތްކަން ހާމަޔަށް ފެންނާން އޮތް ހެއްކަކަށް ޝަރުޢީ ކޯޓެއްގައި ފުދޭނެ ކަމެކެވެ. އެހެންވީމާ އޭސީސީން ރައީސް ނަޝީދަށް ފައިސާދެއްކެވުމަށް އެންގެވި އެންގެވުމަކީ ވަރަށް ބޮޑު އެންގެވުމަކެވެ. އަޅުގަނޑު މިދެންނެވި ފަދައިން އެއެންގެވުމަށް ބެލުމުން އެނގެނީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހްގީގަށް ސާބިތުވެއްޖެކަމެ،" ހައިލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ހައިލަމް ވިދާޅުވީ އެއްވެސް މީހަކު ކޮރަޕްޝަންގެ ކުށެއް ކޮށްފިކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސާބިތުވެއްޖެނަމަ، އެކުށުގެ މަދަނީ ގެއްލުން ފޫބެއްދުމަށް އޭސީސީން ކުރަންޖެހޭ އަމުރުތައް ކުރާނެ ކަމަށާއި އެއާއެކު އޭސީސީން ކުރަންޖެހޭ އަނެއް ކަމަކީ އެމައްސަލައިގެ ޖިނާއީ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ކަމަށެވެ. 

ކޮރަޕްޝަންގެ ޢަމަލެއް ހިނގައިފިކަން އޭސީސީގެ ތަހްގީގަށް ސާބިތުވެ މައްސަލައިގެ ޖިނާއީ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފޮނުވައިފިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް އެކުރެވެނީ ގާނޫނު އަސާސީގެ 511 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށެއްކަން ވެސް ހައިލަމް ފާހަގަކުރައްވަ އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މައްސަލައިގެ ތަހްގީގަށް ކޮރަޕްޝަންގެ އަމަލު ސާބިތުވުމުން، އެކަން ރައީސް ނަޝީދުގެ މަންފާގައި އިހުމާލުކޮށްލައިފިނަމަ ކޮންމެވެސް އެއް ދުވަހަކުން އެކަމާ ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.

ހައިލަމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ތަހްގީގަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝަރީއަތަށް ސާބިތުވެއްޖެނަމަ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެކެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުޠު ގެއްލިގެންދިއުން ނަތީޖާއަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

"ފަހަރެއްގައި މީހަކު ސުވާލުކޮށްފާނެ ކަމަކީ އެންމެ 444 ރުފިޔާގެ މައްސަލައެއް މިހާ ބޮޑު ކަމަކަށްވަނީ ކީއްވެތޯއެވެ؟ މި ސުވާލަށް ކިތަންމެ ގޮތަކަށް ޖަވާބުދެވިދާނެއެވެ. ކޮރަޕްޝަނަކީ އެންމެ ލާރިޔަކުން ހިންގިޔަސް ބޮޑު ކަމެކެވެ. އެއް މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވަނީ 1 ރުފިޔާއަށް ޚިޔާނާތްތެރިވުމަށް ފަހުއެވެ. އެހެން ނޫނަސް ރައީސް ނަޝީދުގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުގައި ޖިނާއީ ކުށެއްގެ ކުޑަބޮޑުމިން ކަނޑައަޅާ މިންވަރަކީ އަބަދުވެސް ވަރަށް އާދައިގެ ކުދިކުދި މިންވަރުތަކަށްވުމަކީ އާދަޔާ ޚިލާފު އިއްތިފާޤަކަށްވެދާނެއެވެ. އެފަހަރު ވެލާނާގޭ ގޯތި ތެރޭ އޮތް ކަރުދާސް ކޮޅެކެވެ. މިފަހަރު ކޮފީ ބިލެއް ހަމަނުވާ ފައިސާ ކޮޅެއް،"

މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އޭސީސީގެ ނިންމުމަށް އެމަނިކުފާނު ގޮންޖައްސަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއަށްފަހު ވިދާޅުވީ މަޖިލީހުގެ މެންބަރަކު އެމަނިކުފާނަށް އެ ފައިސާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމާ އެކު އެމްޑީޕީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވަނީ އެ ފައިސާ ރައީސް ނަޝީދަށް ދެއްވުމަށް ހުށަހަޅުއްވާފަ އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވިދާޅުވީ އޭނާ އަކީ ވިޔަފާވެރިއަކަށް ވާތީ އެ ފައިސާ އެއްކޮށް ދެއްކުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. 

މިމައްސަލައިގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އޭސީސީގެ ނިންމުން ރައީސް ނަޝީދާ ދެކޮޅަށް އައުމުގެ ޒިންމާ ޑިފެންސް މިނިސްޓްރީން ނަގަންޖެހޭނެ ކަމަށެވެ. މަޖިލީހުން އެކަން ބަޔާންކޮށް ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވުމަށްވެސް ޝިޔާމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ޝިޔާމް ވަނީ ކޮންމެހެން ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ތަންތަނަށް ރައީސް ނަޝީދު ވަޑައިނުގަތުމަށްވެސް އެދިވަޑައިގެންފަ އެވެ. 

47%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް