ads
އަނެއްކާވެސް އަލީ ވަހީދުގެ އޯޑިއޯއެއް؟
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ކަމަށް ބުނެ ގިނަ އޯޑިއޯ ކްލިޕްތަކެއް އާންމު ކުރަމުންދާ މިދުވަސްކޮޅު އަނެއްކާވެސް އިތުރު އޯޑިއޯއެއް މިރޭ އާންމު ކޮށްފި އެވެ.

"ލީކްސް އެމްވީ" ނަމަކަށް ކިޔާ ޓުވިޓާ އެކައުންޓަކުން މިރޭ އާންމުކުރި އޯޑިއޯގައި ދެކެވެނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހާ އިންވެސްޓަރެއްކަމަށް ބެލެވޭ މީހަކާއި ވާހަކަ ދައްކާ އަޑެވެ.

އޯޑިއޯގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ބުނާ މީހާ އިންވެސްޓަރު ކައިރީ ދިމާކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. އަދި ރައީސް ކައިރީ ޖަޒީރާ ރާއްޖޭގައި އާޓީފިޝަލް ރަށެއް ހަދައިގެން މިކަމެއް ނުވާނެކަމަށް ދެންނެވި ކަމަށާއި އަދި ރައްޔިތުންގެ ލޯބި ލިބޭ ކަހަލަ ނިންމުން ވެސް ބައެއް ފަހަރު ނިންމަން ޖެހޭނެކަމަށް އޭނާ ވިދާޅުވެ އެވެ.

އެއާއެކު "އައްޔަ ތިކަމާއި އުޅެބަލާށޭ، ދެން ހަމަ އުޅެނީ މި،" 

އޭގެ އިތުރުން ފޯނު ބޭއްވުމަށް ފަހު މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހާގެ ކައިރީ ހުރި އިތުރު މީހަކު ވަނީ، އިންވެސްޓަރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެނގޭތޯ ސުވާލުކޮށްފަ އެވެ. އަދި ޖަވާބުގައި އަލީ ވަހީދު ވަނީ މަޑަމަޑުން އެކަން ކުރިއަށް ގެންދާނީ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް އަލީ ވަހީދުގެ މިފަދަ އޯޑިއޯތަކެއް ވަނީ ލީކުވެފަ އެވެ. އެގޮތުން ކެބިނެޓްގެ ބައެއް މިނިސްޓަރުން ދެކެ ނުރުހުންވެ ވަޑައިގެން ހުންނަވާ، އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ ވަރަށް ހުތުރުބަހުން ވާހަކަ ދައްކަވާފަ އެވެ. 

އޭގެ ފަހުން ލީކުވި އޯޑިއޯގައި އިވިގެންދަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ވާހަކަ އެވެ. އެގޮތުން މިއޯޑިއާގައި އިވިގެންދަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަނެދޭ ވާހަކައެވެ. އަގު ހެޔޮކޮށް ބްރޭންޑް ނިއު ވެހިކަލްތަކެއް ގަނެދޭން ވިސްނަމުންދާ ވާހަކައެވެ. އަދި އޯޑިއޯ އިން އިވިގެންދަނީ އެކަން ފަނިކުރުމަށް ބަޔަކު އުޅޭކަމަށްބުނެ ދައްކާ ވާހަކައެވެ. އަދި އެކަން ފުލުހަށް ހުށަހަޅަން އުޅޭ ވާހަކަ އަކާއި އެކަމުގައި ސުޕްރީމް ކޯޓުގެ އެސްޖީ އަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށްފައިވެއެވެ. 

މީގެ އިތުރުން މި އޯޑިއޯގައި އިވިގެންދަނީ ކޮރަޕްޝަންގެ ގޮތުގައި ލިބޭ އަށްލައްކަ ރުފިޔާއިން ދަރަނި ފިލުވާނެ ވާހަކައެކެވެ. 

އޭގެ އިތުރުން ވެސް އިތުރު އޯޑިއޯތަކެއް އާންމުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަލާމާތް ރައްދުކޮށް އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކަވާ އަޑުވެސް އިވެ އެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ހުތުރު ވާހަކަދައްކަވަ އެވެ. 

އަދި ރިސޯޓަށް ނުވަތަ ސަފާރީއަކަށް ގޮސް ފާހިޝް ކަންކަން ކުރަން ރާވާ މޭރުމަކުން ވެސް އަލީ ވަހީދުގެ އަޑު ކަމަށް ދޭހަވާ އަޑުން ވާހަކަދައްކާފައި ވެއެވެ.

ލީކުވި އޯޑިއޯތަކާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އެގޮތުން އެ އޯޑިއޯ ދައުރުކުރަމުންދަނީ އޭނާގެ އަނބުރު ކަތިލުމުގެ ގޮތުން ކަމަށާއި ނަމަވެސް އެފަދަ އަމަލުތަކުގެ ސަބަބުން އަޒުމު ނުގުޑާނެ ކަމަށެވެ. އަދި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށެވެ. ނަމަވެސް މިފަހަރު އާންމުވި އޯޑިއޯއާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެކޭ އަދި ވިދާޅެއް ނުވެ އެވެ. 

މިމަހުގެ 17 ވަނަ ދުވަހު ފުލުހުން ވަނީ ލީކުވި އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން އެކަން އިތުރަށް ސާފު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.  

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
61%
ވަރަށް ސަލާމް
ކޮމެންޓްސް