ads
އައިޖީއެމްއެޗް-- ފޮޓޯ: އަވަސް
ގޫގުލްކޮށްގެން ބޭސް ދޭވާހަކަ ބުނެ ފާޑުކިޔުމުން، އެތައް ބަޔަކު ޑޮކްޓަރުގެ ދިފާއުގައި
ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ދިއުމަށް ފަހު ސޯޝަލް މީޑިއާއަށް މީހަކު ދޫކޮށްލި ފޮޓޯއެކެވެ. އޭގެ ކެޕްޝަނުގައި ވަނީ ގޫގުލްކޮށްގެން ޑޮކްޓަރު ބޭސް ދޭން އުޅޭ ވާހަކައާ އެއްވެސް ފެންވަރެއް ނެތް ޑޮކްޓަރުން މި ސަރުކާރުން ނަގަމުންދާކަމަށް ބުނެ ކަންބޮޑުވުމެވެ. ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އެތައް ބަޔަކު ވަނީ އެ ޑޮކްޓަރުގެ ދިފާއުގައި ނިކުމެފަ އެވެ.

މިހާރު އެ ޕޯސްޓް ޑިލީޓްކޮށްލާފައިވީނަމަވެސް އާންމުންނާއި ޑޮކްޓަރުން ވަނީ އެކަމާއި ގުޅިގެން ވާހަކަ ދައްކާފަ އެވެ. އެގޮތުން ޑޮކްޓަރުގެ ދިފާއުގައި ތެދުވެ ކުޑަކުދިންގެ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވީ އިންސާނާއަކީީ ހުރިހާއެއްޗެއް ބޮލަށް ލައިގެން އުޅެވޭނެ މީހެއް ނޫން ކަމަށާއި އަދި މީހާ މޮޅުވަނީ ސައްހަ މައުލޫމާތު ހުރިތަން ގޫގުލްކޮށްގެން ވިޔަސް ހޯދައި އެކަމުގެ މައުލޫމާތު ބޭނުންވާ މީހަކަށް ފޯރުކޮށްދެވުމުން ކަމަށެވެ.

އޭގެ އިތުރުން އިތުރު އައިޖީއެމްއެޗުގެ ޑޮކްޓަރެއް ކަމަށްވާ، މުހައްމަދު އަލީ ވިދާޅުވީ، ބަލި މީހާގެ ރައްކާތެރިކަމަކީ ޑޮކްޓަރުން އެންމެ ބޮޑަށް ސަމާލުވާ އެއް ކަންތައް ކަމަށެވެ. އެގޮތުން ބޭހެއްގެ ނަން ނުވަތަ ދޭން އިން ޑޯޒުގެ މިންވަރު ޔަގީންނުވާ ކަމަށްވާނަމަ އޭނާ ވެސް ގޫގުލްކުރާ ކަމަށެވެ. އަދި ޔަގީން ނުވާނަމަ އެކަން ކުރުމަށް އެއްބާރުލުންދޭ މޭރުމަކުން އޭނާ ވަނީ ވާހަކަ ދައްކަވާފަ އެވެ. 

އެ ޕޯސްޓާ ގުޅިގެން ގިނަ ޑޮކްޓަރުން ނުކުމެ، ވަނީ އެމީހުން ވެސް ގޫގުލް ކުރާ ކަމަށާއި އަދި އެއީ މީހާ ދަށްކޮށްލައި މުޖުތަމައުގެ ތެރޭގައި ބަދުނާމުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވެފައެެވެ.

އެކަމާއި ގުޅިގެން އާންމުން ވެސް ކަންބޮޑުވެ، ވަނީ ވާހަކަ ދައްކާފަ އެވެ. އެގޮތުން މީހަކު ބުނީ ޑޮކްޓަރު ގޫގުލް ކުރަނީ ވެސް ބަލި މީހާއަށް ރަނގަޅަކަށް ކަމަށާއި އެގޮތުން ކޮންމެ މީހަކު ވެސް އާންމު ދިރިއުޅުމުގައި އެގޮތަށް ގޫގުލް ކުރާ ކަމަށެވެ. 

އިތުރު މީހަކު ބުނީ، އޭނާ ވެސް ޑޮކްޓަރަށް ދައްކަން ދިއުމުން ޑޮކްޓަރު ވަނީ ގޫގުލްކޮށް އޭނާއަށް ބޭހުގެ ސައިޑްއެފެކްޓްސްތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ކަމަށާއި އެކަން ވަރަށް ބޮޑު އެހީއަކަށްވި ކަމަށެވެ. މިހެންކަމުން ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި އެގޮތަށް ކުރާ ކަންކަމަށް ބަދުނާމުކުރުމުން ބަލައި ނުގަނެވޭ ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައިވަނިކޮށް ރޭގެ ވަގުތެއްގައި އެ ޑޮކްޓަރު ނިސްބަތްވާ އައިޖީއެމްއެޗުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެގޮތުން ބަޔާނުގައި ބުނީ މި ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީ ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކުން ގަބޫލުކުރާ ތައުލީމާއި ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކަމާބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާނުތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، ކައުންސިލްތަކުގައި ރަޖިސްޓާ ވެފައިވާ ގާބިލް، ފަންނީ މުވައްޒަފުން ކަމަށެވެ.

އެގޮތުން ބޭހެއް ދިނުމުގެ ކުރިން ޑޯޒް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ނުވަތަ އެނޫންވެސް ކަމެއް ކަށަވަރު ކުރުމުގެ ގޮތުން ސިއްހީ ހިދުމަތްތެރިން ރިއާޔަތްކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަރއެޕް ތަކާއި މެޑިކަލް ކަލްކިއުލޭޓާ ފަދަ ވަސީލަތްތައް ހުންނަ ކަމަށާއި މިއިން ވަސީލަތެއްގެ ބޭނުން މުވައްޒަފެއް ހިފުމަކީ އެއްގޮތަކަށްވެސް އެ މުވައްޒަފެއްގެ ގާބިލްކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައި ފާހަގަ ކުރެ އެވެ. 

އޭގެ އިތުރުން ބަޔާނުގައި ވަނީ މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާކަމުގެ ހެއްކެއް ކަމަށާއި އަދި މިއީ ހޮސްޕިޓަލްތަކުން އަބަދުވެސް ތަރުޙީބުދޭ ކަމެއް ކަމަށެވެ. 

"މި ހޮސްޕިޓަލުން ރައްޔިތުންނަށްދޭ އެއްވެސް ޚިދުމަތަކާއި މެދު ޝަކުވާއެއް އޮތްނަމަ ނުވަތަ މުވައްޒަފެއް ޢަމަލުކުރި އެއްވެސް ގޮތަކާއި މެދު ސުވާލު އުފެދޭ ކަމެއް އޮތްނަމަވެސް އެކަމެއް މި ހޮސްޕިޓަލަށް ނުވަތަ ރާއްޖޭގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގިނަ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފަ،" ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ބުނީ ސިއްހީ ހިދުމަތްތެރިންނަކީ ވަރުބަލިކަމެއް ނެތި އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އިންސާނީ ގައުމީ ހިދުމަތުގައި ތިބޭ ބައެއްކަމުގައި ވީހިނދު، އެއްވެސް ކަހަލަ އަސާސެއް ނެތި މިފަރާތްތަކުގެ ގާބިލިއްޔަތާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި، އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކީ އަދި މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަކުރުމުގެ ގޮތުން ކުރާ އެއްވެސް އަމަލަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. 

އިތުރަށް ބަޔާނުގައި ވަނީ ހުއްދަނެތި މުވައްޒަފެއްގެ ނުވަތަ އެނޫންވެސް ފަރާތެއްގެ ފޮޓޯ ނަގައި އާއްމު ނުކުރެވޭނެ ކަމަށާއި ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން ރޫމް ފަދަ ތަންތަނުގެ ފޮޓޯ ނެގުން ފަދަ ކަންކަމަކީވެސް، ދުނިޔޭގެ ގިނަ ހޮސްޕިޓަލްތަކުގައި ވެސް މިކަން އޮންނަ އުސޫލުން، ޒަމާނުއްސުރެ އަބަދުވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް