ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ، މުއިއްޒު، އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީ ބޭއްވި ޖަލްސާއެއްގަ އެވެ. ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު، މުއިއްޒު ވިދާޅުވީ ނޫމަޑި މައްސަލައާ ގުޅިގެން އޭނާއަށް ތުހުމަތުތައް ކުރަމުން އަންނަތާ އެތައް ދުވަހެއްވެފައިވީ ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް ޗިޓް ފޮނުވީ މޭޔަރުކަމަށް ކުރިމަތިލާން ފޯމް ހުށަހެޅުއްވިތާ ދެ ދުވަހެއްގެ ތެރޭގައި ކަމަށެވެ.
އެގޮތުން އެ ފޮނުވި ޗިޓަކީ ސިޔާސީ ގޮތުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރިކަމެއްގެ ގޮތުގައި މުއިއްޒު ސިފަ ކުރައްވަ އެވެ. ނަމަވެސް ވިދާޅުވީ ތުހުމަތުތަކެއް ހުރިނަމަ އެކަން ބަލަން ޖެހޭ ކަމަށާއި އަދި މި ސަރުކާރު ވެރިކަމަށް އައީ ޑިމޮކްރަސީގެ ރީތި ސިފަ ރައްޔިތުންނަށް ދެއްކުމަށް ނަމަވެސް މި ސަރުކާރުން އެގޮތަށް ކަންކަން ނުކުރާ ކަމަށެވެ.
މިކަމުގެ ސަބަބެއް ކަމަށް މުއިއްޒު ވިދާޅުވީ އިންތިހާބެއް ކުރިމަތިވެފައިވަނިކޮށް އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ނުދީ އިންތިހާބުން އެކަހެރިކޮށްލުމަށް އެކި މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ރީތި ސިފައެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. މުއިއްޒު މިރޭ 20:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު ދޭން ޖެހުން މައްސަލައާ ގުޅިގެން މުއިއްޒުގެ މައްސަލަ ފިނޭންސް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާތީ ކަމަށެވެ.