ads
މާލެ ސިޓީ، މަޖީދީމަގު
މަގުތަކުގެ ހާލަތު އަދިވެސް ހަމަ އެފަދަ!
ކޮންމެ ސަރުކާރަކުންވެސް މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކޮށްދޭނަމޭ ބުނެ ފޮނި ހުވަފެންތައް މާލޭގެ ރައްޔިތުންނަށް ދައްކައެވެ. ތިމަންނާމެން ވެރިކަމަށް އައިސްފިނަމަ މާލޭގެ މަގުތަކުގެ ހާލަތު މިއަށް ވުރެ ރަނގަޅު ކޮށްދޭނަމޭ ބުނެއެވެ. ސަރުކާރާއި ހަވާލުވުމުން މަގުތަށް މިހެން މިއޮތީ ކުރީ ސަރުކާރުގެ އިހުމާލުންނޭ ބުނެއެވެ. އެއްވެސް ސަރުކާރަކަށް އަދިވެސް މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ގެނެވޭތަނެއް ނާދެއެވެ.

މިހާރުގެ މި ސަރުކާރު ހިންގާ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ވަނީ ދާދި ފަހުން މާލޭގެ މަގުތައް ހަލާކުކުރީ ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުކަމަށް ވިދާޅުވެފައެވެ. މާލޭގެ މަގުތަކުގައި މިހާރު ގިނަވެފަ ހުރި ހޮޅިތަކަށް އިޝާރަތްކޮށް މިއީ  "ހޮޅި" މުއިއްޒުގެ ސަބަބުން މާލޭގެ މަގުތަކަށް ޖެހިފަ ހުރި ހާލެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރު އައުމުގެ ކުރިން މާލޭގެ މަގުތަކުގައި އެހާ ބައިވަރު ހޮޅި އަޅާފައެއް ނުހުރެއެވެ. ނަމަވެސް އެ ސަރުކާރުން މާލޭގެ މަގުތައް ތަރައްގީކޮށް މަގުތަކަށް ދިވާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ފެށި މަސައްކަތުގައި މާލޭގެ ވަށާ މަގުތަކުގައި ތާރު އަޅާ އެއާއެކު މާލޭގެ ހުރިހާ ހިސާބެއްގައި ހޮޅިވެސް އެޅިއެވެ.

ތާރު އެޅި މަގުތަކުގައި ދުއްވާ އެއްޗެއްސަށާއި ހިނގާމީހުންނަށް ފަސޭހަކާމާއެކު މަގުތައް ބޭނުންކޮށްލެވެއެވެ. އެކަމަކުވެސް މި ލިބުނު ކުޑަ ކުޑަ ހިންހަމަޖެހުމަށްވުރެ އެ ސަރުކާރުން މުޅި މާލޭގައި އެޅި ހޮޅިތަކުގެ އުނދަގޫ މާ ބޮޑުވިއެވެ. މިހާރުވެސް ތޮއްޖެހިފާ އޮތް މާލެ އިތުރަށް ތޮއްޖެހުނުހެން ހީވިއެވެ.

ދުއްވާއެއްޗެހިން ފުރި ބާރުވެފައި އޮތް މަގުތަކުގައި އެ އުޅަނދުތައް ޕާކް ކުރަން ހުރި ޖާގަތައް ކުޑަވެއްޖެއެވެ. ކިރިޔާ މީހަކަށް ހިނގާލެވެން އޮންނަ ދުވާރުތައް މަތިން މީހަކަށް ހިނގާނުލެވޭ ވަރު ވެއްޖެއެވެ. އަދި ނުވާތާކަށް ވާރޭ ކޮޅެއް ވެހެލާއިރަށް ފެން ބޮޑުވާ މަގުތައް އަދިވެސް ހަމަ އެހާލުގައެވެ.

އެ ސަރުކާރުގަ ވެސް މަގުތައް ހަމަ މިގޮތަށެވެ. މި ސަރުކާރުގަވެސް ހަމަ އެހާލަތުގައެވެ. ހައްލު ކުރަން ބޭނުންވާ އެއްވެސް ކަމެއް ހައްލެއް ނުވެއެވެ.

މާލޭގެ މަގަކުން ހިނގާލުމެކޭ ޖަންގައްޔެއްގެ ތެރޭގައި އޮތް ގާފުންޏެއްގެ ތެރެއިން ހިނގާލުމެކޭ އެއްފަދައެވެ. އެއް ތަންކޮޅުން ތަންކޮޅެއް އުސްކޮށް އޮންނަނަމަ ދެން ފިޔަވަޅު އަޅާލާއިރުން އޮންނާނީ ގަނބައިގަނެފައެވެ. ސައިކަލުގައި ދުއްވާލާފައި ދާއިރުވެސް ހީވާނީ އަހެއްގެ މަތީ ދަތުރުކުރެވޭހެންނެވެ.

ދުއްވާއެއްޗެހީގެ ބިރަށް މަގުމަތިން ހިނގާފައި ދާމީހާއަށް ދުވާރުމައްޗަށް އެރުމުގެ ފުރުސަތެއްވެސް ނުލިބެއެވެ. ދުރާވު ވަށާލާ އަޅާފަ އޮންނަ ސައިކަލު ގޭޓުގެ ސަބަބުންނެވެ. މި އުޅަނދުތައް ޕާކް ކުރާނެ ސަރަހައްދުތައް ވެސް ކޮންމެ ސަރުކާރަކުން ކަނޑައަޅައެވެ. އެކަމަކު، ދުވަހަކުވެސް މި އެއްޗެހި މަދުވާތަނެއް ނާދެއެވެ. މިއީވެސް ހަމަ ހައްލެއް ބޭނުންވާ ކަމެކެވެ. ދުއްވާ އެއްޗެހި އެތެރެކުރުން ހުއްޓުވައިގެން ވެސް މީހުންނަށް މަގު މަތީގައި ހަމަޖެހިލައިގެން ހިނގާލާނެ ފުރުސަތު ލިބޭނެގޮތް ހަދަން އެބަޖެހެއެވެ.

ދުވާރުމައްޗަށް އެރުމަށް އޮންނަ ސައިކަލު ގޭޓް ހުރަސްކޮށް ދުވާރަށް އެރުމުންވެސް ހިނގާލާނެ ޖާގަ ނުލިބެއެވެ. ޑިޒައިނެއް ފަދައިން އަޅާފައި އޮންނަ ހޮޅި ތައް އޮންނީ ދުވާރު ފުރާލާފައެވެ.

މިހުރިހާ ކަމެއް މިހެން ހުރި އިރު މަގުމަތީގައި ކުނި ގިނަވުންވެސް މިއީ ހައްލު ނުވެ އޮތް ބޮޑުކަމެކެވެ. 

މިއީ މިވެނި މީހެއްގެ ސަބަބުން ވީކަމެކޭ ނުބުނެ މިކަމަށް ދާއިމީ ހައްލެއް ގެނެސްދެވޭނީ ކޮން ސަރުކާރަކަށް ބާއެވެ. މި ހިނގާ ސަރުކާރުގެވެސް އެއް އަހަރު ފާއިތުވެ ދިޔައީއެވެ. އަދިވެސް މާލޭގެ މަގުތައް ހަމަ އެފަދަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް