ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: ސަން/ ފަޔާޒް މޫސާ
ނަހުލާގެ ރައްދު އަލީ ވަހީދަށް: އޯޑިއޯ ހުރީ އެޑިޓުކޮށްފައި ކަމަށް ގަބޫލުކުރަން ދަތި!
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއްގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަލީ ވަހީދަށް ގުޅުއްވައި ހިތްހަމަނުޖެހުން ފާޅުކުރައްވާ އޯޑިއޯއެއް ވެސް ލީކުކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރިން ލީކުކުރި އޯޑިއޯތަކުގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވަނީ ހަޑި ހުތުރުކޮށް، ފާހިޝް ކަންކަމަށް ހިތްވަރުދޭ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. 

އެ އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ބަދުބަސް ރައްދުކޮށްފައި ވެއެވެ. 

އަދި އެތަނުން އެއް އޯޑިއޯގައި މިނިސްޓަރު ނަހުލާ، އަލީ ވަހީދަށް ގުޅުއްވުމުން، ފޯން ސްޕީކަރަށް ލައިގެން ވާހަކަ ދެއްކުމަށް ފަހު، ނަހުލާއަށް ރައްދުވާ ގޮތަށް ހުތުރު ވާހަކަދައްކާ ހަދަ އެވެ.

މިރޭ ސޯޝަލް މީޑިއާގައި ލީކުކޮށްލި އޯޑިއޯއަކީ އެ މައްސަލާގައި ނަހުލާ ހިތްހަމަޖެހިވަޑައިނުގެން، އަލީ ވަހީދަށް ފޯނު ކުރެއްވުމުން ލީކުކުރި އޯޑިއޯއެއް ކަމަށް ބެލެވެ އެވެ. 

ނަހުލާ އެންމެ ފުރަތަމަ ވެސް ވިދާޅުވަނީ އެއީ "މިނިސްޓަރު ވަރަށް ހަޑިކޮށް" ކުރެއްވި ކަމެއް ކަމަށެވެ. އެއާއެކު އަލީ ވަހީދު ވިދާޅުވަނީ ހަޑިކޮށް ކަމެއް ނުކުރާ ކަމަށާއި އެއީ އެޑިޓުކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ.

އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. ނަމަވެސް ނަހުލާ ވިދާޅުވީ އޭނާއަށް ގުޅައި، ސްޕީކަރަށް ލައި ހަޑިކޮށް ވާހަކަދެއްކުމަށް ފަހު، އެކަމަށް އިންކާރު ކުރުމުން "ގަބޫލު ކުރާނީ ކިހިނެއްތޯ" އެވެ. 

އޭގެ އިތުރުން ނަހުލާ ވިދާޅުވީ އެއީ އޭނާ ވާހަކަދެއްކެވި ކޯލެއް ކަމަށާއި، އެހެންކަމުން ފޯނު ބޭއްވުމަށް ފަހު ދެކެވުނު ވާހަކަތައް ހުރީ އެޑިޓުކޮށްފައި ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. 

އެ އޯޑިއޯތައް ލީކު ކުރުމާއެކު އަލީ ވަހީދު ކުރިން ވެސް ވިދާޅުވެފައި ވަނީ އެއީ އެޑިޓުކޮށްފައި ހުރި އެއްޗެއް ކަމަށެވެ. އަދި ތަހުގީގެއް ހިންގަން ގޮވާލެއްވި އެވެ. 

ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ، ނަހުލާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފަ އެވެ. 

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް