ads
މިނިސްޓަރު އަބްދުﷲ މައުސޫމް
ރާއްޖެ ޓުއަރިޒަމް ބޭރު އެއްޗަކަށް އެބަވޭ، ދިވެހީންގެ އެއްޗަކަށް އަލުން ހަދަންޖެހޭ
ރާއްޖެއިން އަމިއްލަ މަސައްކަތުން ބިނާކުރި ފަތުރުވެރިކަމުގެ ސިނާއަތު މިހާރު ބައްޓަންވެގެން މިދަނީ ބޭރުގެ ޕްރޮޑަކްޓެއްގެ ގޮތުގައި ކަމަށާއި، ސިނާއަތުން އަލުން އަމިއްލަ ކުރަންޖެހޭ ކަމަށް ޓްއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު މައުސޫމް ހާޒިރުކުރުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އައްޑޫ އާއި ބޮޑުތިލަދުން މައްޗަށް އިވެންސްޓުކުރި އިންވެސްޓަރުންނަށް ވީ ކިހިނެތްތޯ އާއި، އިންވެސްޓްރުން ބިންވެެރިކުރުވުމަށް ވިސްނަވަންތޯ ސުވާލުކުރައްވާފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރުވީއިރު ހަނދާނަށް އަންނަނީ ހަމައެކަނި މިދިޔަ ދެތިން އަހަރު ކަމަށާއި، އޭގެކުރިން މީހުން ކޮށްފައިވާ މަސައްކަތްތައް ހިތަށް ނާރާ ކަމަށެވެ.

އޭރު އެއްގޮތަކަށްވެސް އިންވެސްޓުނުކުރެވޭނެހެން ހީވާ ރަށްރަށަށް އިންވެސްޓުކޮށް، ހއ. އާއި އައްޑޫ ފަދަ ތަންތަނަށް ފަތުރުވެރިކަން ގެންދިއުމަށް ކޮށްފައި ހުރި ކަންކަންވެސް ބައެއް މީހުން ހަނދާނުގައި ނެތް ކަމަށެވެ.

އެފަދަ ހިންގުންތެރި މީހުންނަށް ވިޔަފާރިއަށް ފަހިކޮށްދޭންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މި ޒަމާނުގައި ވިޔާފާރީ އަކީ ސަރުކާރުން ކުރާ ކަމެއް ނޫންކަމަށާއި، ވިޔަފާރި ކުރާނީ ވިޔަފާރި ވެރިން ކަމަށެވެ.

ޓްއަރިޒަމް މިނިސްޓްރީ އަކީވެސް ފަހިކޮށްދޭ ތަނެއް ކަމަށާއި، ގޮތެއް ހަދައިނުލެވިގެން އުޅެނީ އިންވެސްޓަރުންނަށް ފައިނޭންސް ކުރުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ބޭރު އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭތީ ދުވަހެއް ދުވަހަކަށް ބޭރު ޕްރަޑަކްޓެއްގެ ގޮތުގައި ރާއްޖޭގެ ޓްއަރިޒަމް ބައްޓަންވެގެން މިދަނީ. އެ ވިސްނުން ބަދަލުކޮށް، ރާއްޖޭގެ ޓްއަރިޒަމް އަކީ ދިވެހީންގެ ޕްރޮޑަކްޓެެއް[ކަމަށް ހަދަންޖެހޭ]،“ މިނިސްޓަރު ވިދާޅުވި އެވެ.

ހާއްސަކޮށް ދިވެހި އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެެެއްވި އެވެ. ރިސޯޓަރުންގެ މެނޭޖަރުންގެ ގޮތުގައި ދިވެހީން ގެންގުޅޭތީ އެކަން ފާހަގަކޮށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އިންވެސްޓަށް ފަހިކުރާއިރު ދިވެހީންނަށް އެ ދާއިރާގައި ވަޒީފާގެ ފަހިކަންވެސް އޮންނަންޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް