ads
ފުރަތަމަ ފިޔަވަހީން އެފްއޭއެމް އިން ކުއްޔަށް ނަގާފައިވާ ބިން، މި ބިމުން 5000 އަކަފޫޓު އެޕޯލޯ އަށް ދެނީ ކުއްޔަކާއި ނުލައި
އެފްއޭއެމްގެ 13 މިލިއަން ދަރަނީގެ ބަދަލުގައި ހުޅުމާލޭ ޓްރޭނިން ފެސިލިޓީން ބިމެއް ދީފި
އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމް އިން ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭ ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީން 5000 އަކަފޫޓުގެ ބިމެއް ހިލޭ އެފޯލޯ އަށް ދީފި އެވެ.

އެޕޯލޯއިން އެފްއޭއެމްއާއި ދެކޮޅަށް ސިވިލްކޯޓުގައި ކޮށްފައިވާ ދައުވާގެ މައްސަލާގައި މިއަދު އެކޯޓުން ބޭއްވި ޝަރީއަތުގައި ބުނެފައިވަނީ، އެޕޯލޯއަށް އެފްއޭއެމްއިން ދޭންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި، ހުޅުމާލޭގައި ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީ ހިންގުމަށް އެފްއޭއެމްއިން ކުއްޔަށް ނަގާފައިވާ ޕްލޮޓު ނަންބަރު ޑީ-15 ބިމުން ޖުމްލަ 5000 އަކަފޫޓުގެ ބިމެއް ކުއްޔަކާއި ނުލައި އެޕޯލޯއަށް ދޭން އެފްއޭއެމް އިން އެއްބަސްވެފައިވާ ކަމަށެވެ.

އެފްއޭއެމް އާއި އެޕޯލޯ އާއި ދެމެދު މިގޮތަށް އެއްބަސްވުމަކަށް އައިސްފައިވަނީ ކޯޓުން ބޭރުން ނެވެ. އެމައްސަލާގައި ދެ ފަރާތުގެ ދެމެދުގައި އެެއްބަސްވުމަކަށް އައިސްފައިވާތީ އެމައްސަލަ ނިންމިފައިވާ ކަމަށް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ. 

އެޕޯލޯއަށް އެފްއޭއެމްއިން ދޭން އެއްބަސްވި ބިމަކީ ފުޓޯބަޅަ ޓްރެއިނިންނަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީން  އެފްއޭއެމްއިން ކުއްޔަށް ނަގާފައިވާ ބިމެކެވެ. ބިމުގެ ބޮޑުމިނުގަައި، ޖުމްލަ 250،000 އަކަފޫޓު ހުންނަ މި ބިމުން، 5000 އަކަފޫޓު އެޕޯލޯއަށް ދޭން އެއްބަސްވެފައިވަނީ، 25 އަހަރަށް އެއްްވެސް ކުއްޔެއް ނުނެގޭ ގޮތަށް އެޕޯލޯގެ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށެވެ.

އެޕޯލޯ އިން އެފްއޭއެމް އާއި ދެކޮޅަށް ސިވިލް ކޯޓުގައި މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު ދަައުވާކުރީ، ފުރަތަމަ ފިޔަވަހީން އެފްއޭއެމްއިން ކުއްޔަށް ހިފާފައިވާ ބިމުގައި އެޕޯލޯއިން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާ ނުދިން މައްސަލާގަ އެވެ.

ދެ ފަރާތުގެ ދެމެދުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމާއި އެފްއޭއެމްއިން ހިލާފުވިކަމަށް ބުނެ، އެޕޯލޯއިން ސިވިލް ކޯޓުގައި މިމައްސަލާގައި ފުރަތަމަ އެދުނީ:

  • އެ ކުންފުންޏަށް އެފްއޭއެމް އިން ނުދައްކާ އޮތް 2.3 މިލިއަން ރުފިޔާ ނަގައިދޭން
  • އެއްބަސްވުމުގެ ދަށުން ދޭންޖެހޭ 4 މިލިއަން ރުފިޔާ ނަގައިދޭން
  • އިތުރު މަސައްކަތްތައް ކުރުމުގެ އަގުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ނަގައިދޭން
  • ފަައިސާ ނުދައްކާ އޮތް މުއްދަތުގެ ތެރޭ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އަރަމުން ދިޔަ ފައިސާ ނަގައިދޭން

ޝަރީއަތައް މައްސަލަ ހުށަހެޅުމާއިއެކު އެފްއޭއެމްއިން ކުއްޔަަށް ނަގާފައިވާ އޮތް ބިން މައްސަލާގައި ގޮތެއް ނިމެންދެން އެފްއޭއެމްއަށް ބޭނުން ނުކުރެވޭ ގޮތަށް ކޯޓުން އޮތީ ވަގުތީ އަމުރެއްވެސް ނެރެފައެވެ. ނަމަވެސް މިއަދު އޮތް ޝަރީއަތުގައި ގާޒީ ވިދާޅުވީ، އެފްއޭއެމް އާއި ދެމެދު ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އެމައްސަލާގައި އާދެވިފައިވާ ކަމަށް ބުނެ އެޕޯލޯގެ ފަރާތުން މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު، ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި، އެފްއޭއެމް އާއި ދެމެދު ކޯޓުން ބޭރުން އެއްބަސްވުމަށް އާދެވިފައިވާ ކަމާއި، ފުޓުބޯޅަ ޓްރެއިނިންނަށް ހުޅުމާލެއިން އެފްއޭއެމްއިން ކުއްޔަށް ނަގާފައިވާ ބިމުން 5000 އަކަފޫޓުގެ ބިން، ކުއްޔަކާއި ނުލައި އެޕޯލޯގެ ބޭނުމަށް 25 އަހަރަށް ދޭން އެއްބަސްވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ބިން ދިނުމުން އެފްއޭއެމްއިން އެޕޯލޯއަށް ދަރާފައިވާ 13 މިލިއަނުގެ ދަރަނި ދެއްކުނީކަމަށް ބެލުމަށް އެއްބަސްވެވިފައިވާކަމަށް ބުނެފައިވެއެވެ. 

އެފްއޭއެމްއިން އެކިތަންތަނަށް ދައްކަންޖެހޭ ދަރަނިތަކުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. 

އެގޮތުން:

  • ސްޓެލޯކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް. މި ބިލު  ނުދައްކައިގެން އޮކްޓޫބަރު މަސްތެރޭ އެފްއޭއެމް އިން ވަނީ ކަރަންޓުވެސް ކަނޑާލާފައި
  • އޭޑީކޭއަށް ދައްކަންޖެހޭ 1.7 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް. އެއްމަސްދުވަހުތެރޭ އޭޑީކޭއަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ
  • ކޯޗުން ނާއި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ބޮޑު
0%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް