ads
ފުވައްމުލަކު މެދު ދާއިރާ މެމްބަރު ހުސެއިން މުހައްމަދު
ކޯލިޝަން ބައިވެރިން ސަރުކާރަށް އެއްބާރުލުންދޭ ތަނެއް ނުފެނޭ:ހުސެއިން
މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކޯލިޝަންގެ ޕާޓްނަރުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގައި ތިބެ ކޯލިޝަން ޕާޓީތަކުން އަމަލުކުރަމުން އަންނަ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ތާއީދް ދުވަހުން ދުވަހަކަށް ގެއްލެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ ސީއެންއެމް ޓީވީގެ "އިތުރުކާފް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވީ ކޯލިޝަން ޕާޓްނަރުން ހެޔޮނިޔަތުގައި ތިބެ މި ސަރުކާރު ރަނގަޅަށް ހިންގަން ފުރުސަތުދީ މި ފަސް އަހަރު ޕާފޯމް ކުރުމުގެ ވިސްނުން ހުރި ތަނެއް ނުފެންނަ ކަމަށެވެ.

"އަސްލު ހަގީގަތުގައި ހެޔޮ ނިޔަތެއްގައި މުޅި އަކުން ސަރުކާރު ހިންގާ މުޅި މި ފަސް އަހަރު ޕާރފޯމް ކުރުމުގެ ވިސްނުން ހުރި ތަނެއް ނުފެނޭ" މެމްބަރު ހުސެއިން ވިދާޅުވިއެވެ.

މެމްބަރު ހުސެއިން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވައުދުވި ގޮތަށް ކޯލިޝަން ޕާޓްނަރުންނާއެކު ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން އައި ނަމަވެސް ކޯލިޝަން ޕާޓްނަރުންގެ ފަރާތުން އެ ކަމުގައި އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން އަންނަތަން ނުފެންނަ ކަމަށެވެ.

ހުސެއިން ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވާ މަޖިލިސްގައި ތަމްސީލް ކުރަމުން އަންނަ އިތުރު ޕާޓީއަކީ ޖޭޕީ ކަމަށާއި، ނަމަވެސް އެ ޕާޓީގެ އެއްވެސް އެއްބާރުލުމެއް މަޖިލިސް ތެރެއިން ލިބެމުން ނާންނަ ކަމަށެވެ.

"އޭގެ ހެއްކެއް އަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން ސަރުކާރުން މި ހުށަހަޅާ ބިލްތަކައް ކޯލިޝަން ސަރުކާރު ހިންގުމަށް ކުރަންޖެހޭ ކަންކަމަށް އެ ބޭފުޅުންގެ ފަރާތުން މަޖިލިސް ތެރެއިން އެއްބާރުލުން ނުލިބޭ. އާންމު ގޮތެއްގައި ވޯޓްގައި ބައިވެރިނުވާނެ އެހެން ނޫނީ ވޯޓް އިދިކޮޅަށް ދޭނީ . ޖޭޕީގެ ލީޑަރު މުޅިން ގޮތަކަށް ފެންނަނީ ހުށަހަޅާ ބިލްތަކާއި އިދިކޮޅަށް ނޫނީ ވޯޓް ނުދެއްވާ ނޫނީ ވޯޓް ގައި ބައިވެރިނުވާ މަންޒަރު" ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް އެކަށީގެންވާ އެއްބާރުލުމެއް ދެމުން ނާންނަނީ، ރައްޔިތުން އެމްޑީޕީއަށް ކުރަމުން އަންނަ ތާއީދް ގެއްލުވާލަން ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް އޭގެ ގޮތުގައި ކުރިއަށް ގެންގޮސްފިނަމަ، 2023 ގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކައް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށެވެ.

" މި 5 އަހަރުތެރޭގައި އެމްޑީޕީން ކަންތައް ރަނގަޅަށް ގެންގޮސްފިއްޔާމު އެމީހުންނަށް ޗެލެންޖަސްތަކާއި ދިމާވާނެ"  ހުސެއިން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއްގެ ގޮތުގައި އެކުގައި ވާދަކުރުމަށްފަހު އޭގެ ފަހުން އައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުން ވާދަކޮށްފައިވަނީ ވަކިވަކިންނެވެ. އަދި ކުރިއަަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ކޯލިޝަން ޕާޓީތަކުން ވާދަކުރަނީ ވަކިވަކިންނެވެ.

ކޯލިޝަން ޕާޓީތަކުން އެކުގައި މަސައްކަތް ކުރަމުން އަންނަތަން ނުފެންނައިރު، އަވަސް މުސްތަގްބަލެއްގައި ކޯލިޝަން ރޫޅިދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް