ކުޅިވަރު ވަޒީރު، މަހްލޫފް، ކުރީގެ ވަޒީރު އަދީބް ، އެފްއޭމް ރައީސް ބައްސާމް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް ޝަވީދު
ފުޓުބޯޅަ ބަޖެޓް ކާޅަށް ކާންދިނުން!
Share
ދިވެހި ލީގް ރޫޅާލާ، ފުޓުބޯޅަ ބަޖެޓް ކާޅަށް ކާންދީފިއެވެ. ކުރީގައި ދަންޑު ފުރާލި ދިވެހި ލީގެއް އުފެދުނީ ޒަމާންވީ ކްލަބް ތަކެއްގެ ދިގު ތާރީހާއި ގިނަ ސަޕޯޓަރުންގެ ސަބަބުންނެވެ. ދަނޑުފޯރީގެ ސަބަބުންނެވެެ! ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ދެކްލަބް، ނިޔު ޜޭޑިއަންޓް އާއި ވިކްޓްރީ މިހާރު ދެވަނަޑިވިޒަންގައި އެއޮތީ ކީއްވެތޯ އެވެ؟ މި ދެޓީމް ދެވަނަ ޑިވިޒަނަށް ވައްޓާލީ ފުޓުބޯޅައިގެ މަސްލަހަތު ރައްކާކުރުމުގެ ނިޔަތުގައެއް ނޫނެވެ. މުޅިން އެހެން ނިޔަތެއްގައެވެ.
Advertisement

ދެހާސްބާރަ ވަނަ އަހަރުގެ ބަގާވާތަށް ފަހު އެފްއޭއެމްގެ ހިންގާ ކޮމިޓީ ބަދަލުކޮށްލި އެވެ. އާ ހިންގާކޮމިޓީގެ މަގްސަދަކަށްވީ ނިޔު އާއި ވިކްޓްރީ އެއްވަނަ ޑިވިޒަނުން ބޭރުކޮށް، ވެލެންސިއާ ހިސޯރުކުރުމެވެ. ވެލެންސިއާގެ މަޝްއޫލްވެރިޔާ، ހިޔަލީ މުހަންމަދު ރަޝީދު ވިދާޅުވީ، އެކްލަބް ވަގަށް ނެގީ އެފްއޭއެމްގެ ރިޔާސަތުން ކަމަށެވެ. އެފްއޭއެމްގެ އާ ރިޔާސަތުން ނިންމީ ފުޓުބޯޅަ ކުރިއަރުވާކަށް ނޫނެވެ. އެވެރިން ނިންމީ ފުޓުބޯޅަ ބަޖެޓުން އަމިއްލަ ވިޔަފާރި ފަށާށެވެ.

your imageއެފްއޭއެމްގެ ހިންގާ ކޮމިޓީ——

ދަންޑު ފޯރި ގެއްލުވާލީ އެފްއޭއެމްގެ ރިޔާސަތުން

ނުވަދިހައިގެ އަހަރުތަކުގައި ދަންޑުފޯރި، "ޕީކް" ވެ "އާ އުސްމިނަކަށް" އެރުމަށްފަހު، 2016 ވަނަ އަހަރުގެ ފަހުން ދަނޑުފޯރި ގެއްލުނީ ވިކްޓްރީއާއި ނިޔުރޭޑިއަންޓު، އަދި ވެލެންސިއާ ހިސޯރުކުރުމުން ކަމުގައި އެތައް ބަޔަކު ދެކެ އެވެ. ދަނޑުފޯރި ގެއްލުމުން ލިބުނު އިބްރަތަކީ، ކުޅިވަރު ކުރިއަރާނީ ބެލުންތެރިންގެ ސަޕޯޓާއި، ތާއީދާއި އެކުގައި ކަމެވެ. ދެވަނަ ޑިވިޒަންގައި އޮތް އިރުވެސް، މިއަހަރު ވިކްޓްރީ، ނިޔު ގެ މެޗް ބަލަން ތިންހާސް ބެލުންތެރިން ދަނޑަށް ވަނެވެ. އެހެން ނަމަވެސް، އެއްވަނަ ޑިވިޒަންގެ މެޗެއް ބަލާލަން ދަނޑަށް ވަންނާނެ މީހަކު ނުވެ އެވެ. 

ސްޓޭޑިއަމް އޮތީ ހުހަށެވެ! ކީއްކުރާ ސްޓޭޑިއަމެއް ތޯއެވެ؟ ކުޅިވަރު ވަޒީރު ވިދާޅުވަނީ މިހާ ގިނަ ސްޓޭޑިއަމް އެޅި ސަރުކާރެއް ނޯންނާނެ ކަމަށެވެ.

ކުރިން ބުނި އެތި ކެންސަލް!

ދަނޑުފޯރި އަކީ ކުޅިވަރުގެ އުންސުރެކެވެ. ސްޓޭޑިއަމް އެޅީ އެހެންވެ އެވެ. ދަނޑު ފުރާލުމުގެ ސިޔާސަތެއް އުފެދުނީ މިހެންވެ އެވެ. ދަނޑު ފޯރިއަކީ، ވާދަވެރިކަމާއި، މުނިފޫހި ފިލުވުމުގެ ހަތަރު އަންގޮޅި ކަންމަތީން އުފެއްދޭ ފޯރިއެކެވެ. ފުޓުބޯޅައަކީ ދުނިޔޭގެ ދަނޑުފޯރީގެ ރަސްގެފާނެވެ. ރާއްޖޭގެ 6،000 ގެ އެވްރެޖް ދަންޑުފޯރި ގެއްލުނުއިރު، އިންޑިއާގެ ދަނޑު ފޯރި، ދިޔައީ ގަދަވަމުން ނެވެ.

ސުޕަ ލީގުގެ ދަންޑުފޯރި 25 މިލިއަން ސަޕޯޓަރުންނަށް އަރައިފި އެވެ. 2013 ވަނަ އަހަރު ސުޕަ ލީގް އުފެއްދިއިރު އިންޑިއާގެ 250 މިލިއަން މީހުން ޔޫރޮޕްގެ ލީގްތައް ލައިވް ޓީވީން ބަލަ އެވެ. އިންޑިއާގެ ސުޕަ ލީގް އުފެދުނީ އިންޑިއާގައި ޔޫރޮޕިއަން ލީގް ބަލަބަލަ ތިއްބަ އެވެ. ޔޫރޮޕިއަން ލީގްތަކުގެ ސަބަބުންް، ޑޮމެސްޓިކް ލީގުގެ ދަނޑުފޯރި ނުގެއްލޭނެކަން މިއޮތީ ފެންނާށެވެ. ދަންޑު ފޯރި ގެއްލުނީ މުޅިން އެހެން ކަމަކާއި ހެދި އެވެ. 

ދަންޑުފޯރި ގެއްލުނީ ފުޓުބޯޅައިގެ މަސަލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރީމަ އެވެ. މޮޅު ޓީމްތައް ލީގުން ބޭރުކޮށްލީމަ އެވެ. އެފްއޭއެމްގެ ހަޒާނާ އިން ވައްކަންކުރަން ދޫކޮށްލީމަ އެވެ.

ދަންޑުފޯރި ގެއްލުނީ ލައިވް ޓީވީން ޔޫރޮޕިއަން ލީގް ބަލާތީކަމަށް  "ކުރިން ދެއްކި ވާހަކަ ކެންސަލް" އެވެ. 

your imageލިވަޕޫލް މެޗަށް ސަޕޯޓުކުރުމަށް ދިވެހީން---

ފުޓުބޯޅައިގެ އެންމެ ދަށް އަހަރު

އާދީއްތަ ދުވަހު ގަތަރުގައި ފުޓުބޯޅަ ވާލްޑްކަޕް ފެށޭއިރު، މިއީ، ރާއްޖެ އެންމެ ދަށް އަހަރުގޮތުގައި ވަނީ ސިއްކަ ޖެހިފަ އެވެ. ދަންޑު ފޯރިއެއް ނެތެވެ. މިއަހަރުގެ އުމުރު ފުރާ މުބާރާއްތަކާއި، އަންހެނުންގެ މުބާރާތްތަކާއި، ކްލަބާއި ގައުމީ ސީނިއަރ ޓީމްގެ މުބާރާތްތަކުން، ދިވެއްސަކު އިސްއުފުލާ ބަލާލަންޖެހޭވަރުގެ ނަތީޖާއެއް ނުލިބުނެވެ. 

އިންޑިއާ ބަލިކުރުމުގެ ގައުމީ ރޫހުގައި މިދިޔަ އަހަރު ސާފް ޗެމްޕިޔަންޝިޕް ގައި ދަންޑު ފުރާލީ، މީގެ ކުރިން އިންޑިއާ ބަލިކުރެވިފައި ވާތީ އެވެ. ރަށުގައި ކުޅޭތީވެ، "މިއީ އަހަރުމެންގެ ފަހަރު" ކަމުގެ ހުވަފެން ވެސް ދެއްކީމަ އެވެ. ސަޕޯޓަރުން ގެއަށް ދިޔައީ "މޮޅަށް ކުޅެ" ބަލިވެގެން ނެވެ. ނެތް ފެންވަރުގައި، މުބާރާތް ހޯސްޓުކުރަން ނޫޅޭނެ ނަމައޭ ހިތާ ހިތާ ބުނަމުން ނެވެ.

އެމުބާރާތާ ގުޅިގެން އެޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަނަށް ދަރާފައިވާއިރު، އިންޓަނޭޝަނަލް މެޗްއޮފިޝަލުންނަށް އަދިވެސް އެލަވަން ނުދެ އެވެ. ގައުމީ ޓީމް ކުޅުންތެރިންނަށް ވިޔަފާރިވެރިން ހަދިޔާކުރި ފައިސާކޮޅުވެސް ނުދެ އެވެ. އެފްއޭއެމްގެ ހިސާބުތައް ސިއްރުކޮށް، ދަރާ ވިކުނުއިރުވެސް ޖަމިއްޔާ އޮޑިޓެއް ނުކުރެވުނެވެ. ވަޒީރު ހުންނެވީ ހަނެވެ. ވަޒީރަކީ މުއައްސިސެވެ.

މުޅި އޮޑީގައި ހަސަނުގެ ދެފައި

ސްޕޯޓްސް މެނެޖްމަންޓްގެ މާހިރުން ބުނަނީ ކާމިޔާބު ލީގެއް އުފެދި ފައްކާވަނީ ތަފާތު ތިން ފަށަލައަކަށް އިންތިޒާމްތަކެއް ތަރުތީބު ކުރެވުނީމަ ކަމަށެވެ. އެއީ ކުޅިވަރުގެ "ގަވަނިން ބޮޑީ" (އެފެއޭއެމް)، އާއި، ކުވަރުގެ ހިދުމަތް ދޭފަރާތްތަކާއި (ކްލަބްތަކާއި) ދަނޑުފޯރި (އިވެންޓް މާކެޓިން) އެއް ނާރެހަކަށް އެރުވުމުން ނެވެ. 

ގަވަނިންގް ބޮޑީ އުފެއްދީ ސަރުކާރުންނެވެ. ކުޅިވަރުގެ ކްލަބްތައް އުފެއްދީ އަމިއްލަ ފަރާތްތަކުން ނެވެ. އިވެންޓް މާކެޓިން ހިދުމަތް ދޭން ތިއްބެވީ،  ވަޒީރާއި ހިންގާކޮމިޓީ މެމްބަރުންގެ މަސްލަހަތު އޮތް ކުންފުނިތަކުން ނެވެ. ވަޒީރު ހޯސްޓްކުރެއްވި ސްޕޯޓްސް އެވޯޑަށް އެތައް މިލިއަނެއް "އިސްރާފު" ކުރީ މިފަދަ ކުންފުންޏަކަށް ދީގެނެވެ.

ގަވަނިން ބޮޑީ އާއި، ކްލަބަތަކާ، އިވެންޓް މާކެޓިން ކުންފުނި އޮތީ އެއްބަޔެއްގެ ކޮންޓްރޯލްގެ ދަށުގަ އެވެ. މުޅި އޮޑިއަށް ހަސަނުގެ ދެފައި ލައިގެން ކުޅޭ ފިލްމް ބަލަން ވަންނާނެ މީހަކު ނުވި އެވެ. ކުޅިވަރުގެ ތިއޭޓަރު އޮތީ ފަޅަށެވެ. 

ގަވަނިން ބޮޑީ ގެ ކަރަޕްޝަން

ގަވަނިން ބޮޑީ އޮތީ ކަރަޕްޝަންގެ ތޫފާނެއްގެތެރޭ ގައެވެ. 2013 ވަނަ އަހަރަށްފަހު ގަވަނިން ބޮޑީގެ އިންތިހާބު ގަޑުބަޑުކުރި އެވެ. "އޮޅާލި" އިންތިހާބުން ހިންގާކޮމިޓީއަށް އައީ ކްލަބެއްގެ ބައެއް ނޫނެވެ. 

ހިންގާ ކޮމިޓީއަށް ގެނައީ މަޖިލިސް މެމްބަރުންނާއި، ސިޔާސީ އެޕޮއިންޓީންނާއި ސިވިލްސާވަންޓުން ނެވެ. ފުޓުބޯޅަ އާއި ގުޅޭ ބަޔަކު ނެތެވެ. އާ ހިންގާކޮމިޓީ އާއިއެކު ގަވަނިން ބޮޑީގެ ސިޔާސަތު ބަދަލުވެއްޖެ އެވެ. އާ ސިޔާސަތަކަށްވީ، ފުޓުބޯޅަ ކުރިއެރުވުމުގެ ބަދަލުގައި، އަމިއްލަ ފައިދާއަށް އެސޯސިއޭޝަން ގެ ބަޖެޓް ބަހާލުމެވެ.

ދެހާސްސޯޅަ ވަނަ އަހަރުގައި، ގޮތްނޭގޭ އިންތިހާބަކުން ހޮވި މިހާރުގެ ރިޔާސަތުން، ފީފާއިން ފަންޑުކުރި 11،250،000 މިލިއަން ޑޮލަރުގެ މަޝްރޫއު ހިންގައިފި އެވެ. އެއީ:

  • ދިވެހި ފައިސާއިން ނަމަ (ބޭންކް ރޭޓްގައި) 173،475،000 މިލިއަން ރުފިޔާގެ މަޝްރޫއު އެއް
  • އަހަރަކަށް 1،875،000 މިލިއަން ޑޮލަރު، ނުވަތަ 28،912،500 މިލިއަން ރުފިޔާއެވެ. 

މަޝްރޫއުތައް ނިމުނު ވަރާއި، މިފައިސާ ހަރަދުކޮށްގެން ފުޓުބޯޅަ އަށް އައި ކުރިއެރުމެއް ފެންނާކަށް ނެތެވެ. އެސޯސިއޭޝަނާއި ކްލަބަތައް މިވަނީީ ދަރާފައެވެ. މަޝްރޫއުތައް ވެސް އޮތީ ދަރުވާލާފަ އެވެ. ފައިސާކޮޅު ވީތަނެއް ނޭނގެ އެވެ. ދަންޑު އޮތީ ފަޅަށެވެ.  

ގަވަނިން ބޮޑީގެ ދަރަންޏާއި، ކަރަޕްޝަންގެ މައްސަލަތައް މިއަދާހަމައަށްވެސް ވަނީ ނުބެލި އެވެ. ފެންނަނީ އިތުރު ފައިސާ ހަރަދު ކުރާތަނެވެ. އެފްއޭއެމް އިން ބަޖެޓްކޮށްފައި އޮތީ ސަރުކާރު އެހީގޮތުގައި 3.7 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް، ސަރުކާރުން މިއަށްވުރެ އެތައްގުނަ މިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ. ގައުމީޓީމްތަކުގެ ހުރިހާ ހަރަދެއް އެދެނީ ސަރުކާރުން ނެވެ.

ސްޕޮންސަޝިޕުން މިއަހަރު 43.7 މިލއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓް ކޮށްފައި ވީ ނަމަވެސް އަމިއްލަ ކުންފުނިތަކުން ސްޕޮންސަޝިޕެއް ނުލިބެ އެވެ. ވީމާ، ފައިސާ ހޯދަނީ، ދައުލަތުގެ ކުންފުނިތަކުން ނެވެ. މިސާލަކަށް އުތުރު ލީގް އެމްޓީސީން ސްޕޮންސަ ކުރާއިރު، ދެކުނު ލީގް ސްޕޮންސަރަކީ އެސްޓީއޯއެވެ. ކުރީ އަހަރު ލިބުނު ސްޕޮންސްޝިޕްގެ އަދަދު ހާމަ ނުކުރާއިރު، މިއަހަރުގެ ސްޕޮންސަޝިޕްގެ އަދަދު ވެސް ހާމައެއް ނުކުރެ އެވެ. 

ސަރުކާރު ކުންފުނިތައް މެދުވެރިކޮށް، ކްލަބަކަށް 3،000،000 މިލިއަން ދޭން މީޑިއާ ކުރިމަތީ ކޮންޓްރެކް ސޮއިކުރިނަމަވެސް ކުޅުންތެރިންނަށް ފައިސާއެއް ނުލިބެ އެވެ. ވިޔަފާރިވެރިން ގައުމީޓީމަށް ހަދިޔާކުރި ފައިސާއަށް ވީގޮތެއް ނޭންގުނެވެ. ހީވެސް ނުވެ އެވެ! 

ގަވަނިންގް ބޮޑީގެ ހާލަތަކީ މިއީ އެވެ. މިހިސާބަށް ކަންކަން ދިއުމުން މުއައްސިސް މިހާރު މަސައްކަތްކުރަނީ ޒިންމާއިން ރެކޭށެވެ. ނޮވެމްބަރު 14 ވީ ހޯމަ ދުވަހު މަޖިލިސްއަށް ހާޒިރުކުރުމުން، ވަޒީރު ވިދާޅުވީ އެފްއޭއެމްގެ ދަރަންޏަށް ސަރުކާރުން ޒިންމާވާކަށް ނުޖެހޭނެ ކަމަށެވެ. 

މިދިޔަ ހަފްތާގައި، އެޗްޑީސީން ބުނީ، އެފްއޭއެމް އަށް ހުޅުމާލައިން ދޫކޮށްފައިވާ ބިމުން ރިއަލް އެސްޓޭޓް ވިޔަފާރިއެއް ނުކުރެވޭނެ ކަމަށެވެ. މިކަމުގައިވެސް "ކުރިން ބުނިއެތި ކެންސަލް" ކޮށްފިނަމަ، ހަޒާނާ ހުސްކޮށްލުމަށްފަހު، ދައުލަތުގެ ހަރުމުދާ ވިއްކަން ފެށީ ކަމުގައި ނޫނީ ނުވާނެ އެވެ. ކަން ހިނގާ ގޮތުން ދެންނެވެން އޮތީ، އެފްއޭއެމް އޯޑިޓް ކުރުމުގެ ބަދަލުގައި، ދިރުވާލި ފައިސާއިން ބަނޑު ފުރާލާ، ދެވަނަ ބުރަށް ނިކުންނަށް ހަރުމުދާ ވިއްކާނެކަމީ "ހީވެސް ނުވާ" ކަމަކަށް ވެދާނެ ކަމެވެ.

އެފްއޭއެމްގެ މުއައްސިސަކީ ސަރުކާރެވެ. އެފްއޭއެމް އުފެއްދީ 1982 ގައި ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ނެވެ.  

   

ހިދުމަތް ދޭ ކްލަބްތައް ހިސޯރުކުރުން

ނުވަދިހައިގެ އަހަރުތަކުގެތެރޭ ހަ ކްލަބްގެ ލީގަކުން ދަނޑު ފުރާލި ޓީމްތަކުގެތެރެއިން އެންމެ ކުރީގައި އޮތް ތިން ކްލަބް ހިސޯރުކޮށް ރޫޅާލުމަށްފަހު ލީގުގެ ސައިޒް އަށް ކްލަބުންް 12 ކްލަބަށް ބޮޑު ކުރިނަމަވެސް ކުރިއެރުމެއް ނުލިބުނެވެ.

މޮޅު ކްލަބެއް އުފެދި ފައްކާވާން އެތައް އަހަރެއް ނަގައެވެ. ގޮތެއް ފޮތެއް ނުދަންނާތީވެ، ދުވަސްވީ ކުޅިވަރު ކްލަބަތަކުގެ ދިގު ތާރީހް ފޮހެލެވިދާނެކަމަށްވެސް ހީކުރެވުނީ އެވެ. ލީގު އެވަނީ ފޭލް ވެފަ އެވެ. މޮޅު ކްލަބަތްއް ފޭލްކޮށްލުމަށްފަހު ހިންގާކޮމިޓީ އަމާޒުހިފީ ދެން ހުރި ކްލަބައްވެސް ހިސޯރުކޮށް ކޮންޓްރޯލްކުރުމަށެވެ. 

އެފްއޭއެމްގެ މިހާރުގެ ރިޔާސަތުން މަސައްކަތްކުރަނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ކްލަބްތައްވެސް ހިސޯރުކުރާށެވެ. ރަށު ކައުންސިލްގެތެރެއަށް  އަމިއްލަ ކްލަބަތައް ވައްދާ، ސިޔާސީ ހަތިޔާރެއްގޮތުގައި ބޭނުންކުރާށެވެ. ރަށަކުން އެއްކްލަބަށްވުރެ ގިނަ ކްލަބް ބައިވެރި ނުކުރާން ނިންމީ މިމަފްހޫމްގެ ތެރެއިން ނެވެ. އެފްއޭއެމް އިން ފެށި "މިނިވަން ޗެމްޕިޔަންޝިޕް" އަކީ މި ހީލަތްތެރި ރޭވުމުގެ ދަށުން ފެށި މަޝްރޫއު އެކެވެ. މަގްސަދަކީ ކައުންސިލްތަކާ ގުޅިގެން ކްލަބްތައް ކޮންޓްރޯލްކޮށް، ސިޔާސީ ހަތިޔާރު ގޮތުގައި ބޭނުންކޮށް އެސޯސިއޭޝަނުން ވައްކަން ކުރާށެވެ.

ކްލަބްތައް އޮތީ ގަވަނިން ބޮޑީގެ ދަށުވެފައި ކަމަށް ބުނެ ހުދު މުއައްސިސް ވެސް ވަނީ "ޝަކުވާ" ކުރައްވާފަ އެވެ. ވަޒީރު ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ނުލިބުނު ނަމަވެސް އެފްއޭއެމްގެ ރިޔާސަތަށް ކްލަބަތަކުގެ "ސަޕޯޓް" އޮތްކަމަށެވެ. އެހެންވީމާ މުއައްސިސް ކުރާނީ ވަކި ކީއްތޯއެވެ؟ މުޅި އޮޑިގައި އޮތީ ހަސަނުގެ ދެފައެވެ. ދަރަނިން ރެކެން އުޅޭ މުއައްސިސާއި ގަވަނިން ބޮޑީ ވެސް މިއޮތީ ލާމެހިފައެވެ. ކްލަބަތައް އޮތީ އެފްއޭއެމް އިން ހިސޯރުކޮށްފަ އެވެ. ކްލަބަތަކުގެ ވެރިން ތިއްބެވީ ހަމަޖެހިފައެވެ. ރަށުން ބޭރުގައި ޕައިލެޓްކޯސް ހައްދަވަމުންގެންދަވާ ވެރިންވެސް ކްލަބް ހިންގަވައެވެ. ކުޅުންތެރިންނަށް މުސާރައެއް ނުލިބެއެވެ.

ފުޓުބޯޅަ އިވެންޓް މާކެޓިން

ކުޅިވަރު އިވެންޓް މާކެޓިން އަކީ ރާއްޖޭގައި މާބޮޑަށް ތަރައްގީވެފައިވާ ފަންނެއް ނޫނެވެ. 2015 ވަނަ އަހަރު ގާނޫނެއްގެތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގެ ނަމުގައި މިކަމަށް ކުންފުންޏެއްވެސް ގާއިމްކުރި އެވެ. އެތައް ހަރަދެއް ކުރުމަށްފަހު އެކުންފުނި މިހާރު ވަނީ އުވާލުމުގެ މަގުމަތީގަ އެވެ. އިވެންޓް މެނެޖްމަންޓްގެ ވިޔަފާރިއަކީ، ވަޒީރާއި، އެފްއޭއެމް ވެރިންގެ ވިޔަފާރި އެކެވެ. 

މިއަހަރުގެ ސަރުކާރު ސްޕޯޓްސް އެވޯޑް ސްޓޭޖްކުރި އިވެންޓް މެނޭޖްމަންޓް ކުންފުންޏަކީ ކުޅިވަރު ވަޒީރާ "ގުޅުން" އޮތް ކުންފުންޏެއްކަމުގައި ތުހުމަތު ކުރެއެވެ. އަޑު އިވޭގޮތުގައި އިވެންޓް މާކެޓިން ކުންފުންޏަކީ ހިންގާކޮމިޓީ މެމްބަރުންގެ މަސަލަހަތު ވެސް އޮންނަ ކުންފުންޏެކެވެ.

އޭއެފްސީ އާއި ފީފާއިން ހިލޭ އެހީގޮތުގައި ދީފައިވާ ވަސީލަތްތައް މިފަދަ ކުންފުނިތަކުގެ އެސެޓަށް ބަދަލުކުރާ  ކަމަށް ތުހުމަތު ކުރެ އެވެ. ބުނަން މިއުޅޭ ވާހަކައިކީ، ކުޅިވަރުގެ ވެށި، ރެގިއުލޭޓްނުކޮށް، ކަރަޕްޝަނަށް ދޫކޮށްލީމާ ވާގޮތުގެ ވާހަކަ އެވެ. ފުޓުބޯޅަ، މާކެޓެއް ނުކުރެވެއެވެ. އެފްއޭއެމްްއަށް ލިބޭ ޑިވެލޮޕްމަންޓް އެހީ އަމިއްލަ ވިޔަފާރިއަށް ބަދަލުކޮށްލާގޮތްތައް އެނގޭނީ އޮޑިޓް ކުރީމައެވެ.    

ކުޅިވަރު ބަޖެޓް ކާޅަށް ކާން ދިނުން

ގަތަރު ވާލްޑްކަޕް ފެށެން ހަފްތާއަކަށް ވީ އިރު، ރާއްޖޭގެ ނޫސްތަކުގެ ހެޑްލައިނަކީ އެފްއޭއެމް ގެ ވައްކަމާއި ދަރަނީގެ ވާހަކަތަކެވެ. އެފްއޭއެމް ގެ ދަރަނި، ތިންމިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް މިހާރު ލަފާކުރެވެއެވެ. ފުޓުބޯޅަ އެސޯސިއޭޝަންގެ މުއަސިސަކީ ދިވެހި ސަރުކާރެވެ. ކުޅިވަރު ވަޒީރު އަދިވެސް ހުންނެވީ ހަނެވެ. 

ފުޓުބޯޅަ ލީގް ފޭލްވީ ކްލަބަތަކާއި އެސޯސިއޭޝަންތައް ރެގިއުލޭޓްނުކުރީމަ އެވެ. ކްލަބްތައް ހިންގަން ބޭނުންވާ ގާނޫނީ މާހައުލެއް ގާއިމްނުކުރީމަ އެވެ. ނިޔު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާގެ ހިންގާކޮމިޓީތައް ބަދަލުކޮށް، ކަމާ ނުބެހޭ މީހުން އައްޔަންކޮށް ދަރުވާލިއިރު ގާނޫނެއް ނުހިނގަ އެވެ. ކްލަބްތައް ދަރުވާލުމަށްފަހު އެވެރިންވެސް ފިލީ އެވެ. ދަރަނި ދައްކައިދިނީ މުއަސިސް އެވެ. ސަރުކާރުން ނެވެ. 

ކުޅިވަރު ރެގިއުލޭޓްކޮށް، އިންތިހާބު ކަށަވަރު ކުރެވޭ މާހައުލެއް ގާއިމްކުރުމަށް، ކުރީގެ ކުޅިވަރު ވަޒީރެއް ގާނޫނަށް އިސްލާހް ހުށަހެޅުއްވި އެވެ. އެއީ އެފްއޭއެމްގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބެލެހެއްޓުމަށެވެ. އަދި ދަނޑު އެޅުމުގެ ބަޖެޓް، މިނިސްޓަރު އަތްދަށުން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށް، ކުޅިވަރުގެ ދާއިރާ "ޑީރެގިއުލޭޓް" ކުރުމަށެވެ. މި އިސްލާހް ހުށަހެޅުއްވި މެމްބަރަށް ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެއްވި އެވެ. އިޖްތިމާއީ ކޮމިޓީން އަޑުއެއްސެވީ ކުޅިވަރު ވަޒީރާއި، އޮލިމްޕިކް ކޮމިޓީއާއި، އެފްއޭއެމް ގެ ވާހަކަ އެވެ. އެބޭފުޅުން ވިދާޅުވީ އެބޭފުޅުންނާ ބެހެން އުޅެފިނަމަ ރާއްޖެ ސަސްޕެންޑް ކުރާނެކަމަށެވެ. ވީމާ މަޖިލިހުން ފާސްކުރީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ސައްހަކުރަން އުޅުމަކީ ނުރައްކާތެރިކަމެއް ކަމުގައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ސައްހަކޮށް، އިދާރީ ހިންގުން އިސްލާހްކުރަން އުޅުމަކީ ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ނުފޫޒު ފޯރުވުން ކަމުގައި ރައްޔިތުންގެ މަޖިލިހުން 35 އިއްޒަތްތެރި މެމްބަރުން ވޯޓް ދެއްވުމުން، އެކުރީ، ކުޅިވަރު ބަޖެޓުން ކާޅަށް ކާންދިނުން ނޫން ވަކި ކޮންކަމެއް ތޯއެވެ؟

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް