ads
ރައީސް ސާލިހް
އިތުރު ދިވެހި ޝެފުން ފަތުރުވެރިކަމަށް ނުކުންނަން ޖެހޭ
ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަގުބޫލުކަން އިތުރުކުރުމަށްޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022" ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތައާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވާ މިންވަރަށް ދިވެހި ކަލިނަރީ ފަންނުވެރިން ނުއުފެދޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ފަންނަކީ ދިވެހި ޒުވާނުން ކުރިމަތިލާން ރަނގަޅު ފަންނެއް ކަމަށާ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު ރާއްޖޭގައި އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފެއްދުންފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމަށާއި ގައުމަށް ލިބޭ ކުރިއެރުމަކާއި ރީތި ނަމަކަށް ވާނެކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީހުގައިވެސް، ކަލިނަރީ ދާއިރާއިން ހާއްސަ އެވޯޑެއް ތައާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ހަފްލާގައި އެވޯޑް ހާސިލުކުރި ހުރިހާ ފަރާތްތަކަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އަދި މި ހަފްލާގައި "ޔަން ޝެފް އެވޯޑް"އާއި "ސޫ ޝެފްސް" އެވޯޑް" ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް