ads
ނެދަލެންޑްސް ސަފީރު
މަސްވެރިކަމުގެ ދާއިރާއިން ނެދަލެންޑްސްއާ ގުޅުން ބަދަހިކުރަނީ
ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބޮނީ ހާރބޯކް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު، ނެދަލެންޑްސްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މި މަޝްވަރާކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންނަށް ވިސާގެ ލުއިތައް ދެއްވުމާއި ގުޅޭގޮތުން ނެދަލެންޑްސް ސަރުކާރުން ވިސްނަވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރެވި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ ނެދަލެންޑްގެ ސަފީރު މަޝްވަރާކުރެއްވި، ކަންކަމުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިވެހި ކިޔަވާކުދިންނަށް އިތުރު ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއާ، މޫސުމަށް އަންނަ ބަދަލުތަކާ، ސަރަހައްދީ ރައްކާތެރިކަމާ، ޓެރަރިޒަމާ، ވަގުފާރިއާ، އަދި ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލު ކުރެއްވުމުގައި ނެދަލޭންޑްސްގެ ސަފީރު ވަނީ ނެދަލެންޑްސްގެ އަމިއްލަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނެދަލެންޑް ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، އާ ސަފީރުގެ ދައުރުގައި، ދިވެހިރާއްޖެއާ ނެދަރލެންޑްސްގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް