ads
ކަސްޓަމްސް ސަރަހައްދު: ސިޔާސަތުތައް ރާވަން ޖެހޭނީ ދުރު މުސްތަގްވަލަށް ރާވައިގެން--
ދުރު މުސްތަގްބަލަށް ވިސްނުމުގެ ވައްޓަފާޅި އަށަގަންނުވަން ޖެހިފައި!
ރާއްޖޭގައި ފަހަކަށް އައިސް ނެތެމުންދާ އެއް އާދައަކީ ނުވަތަ ގިނަ ބައެއްގެ ކިބައިގާ ނެތް އެއްކަމަކީ، ދުރު ވިސްނުމާއި، މުސްތަގްބަލަށް ވިސްނުމުގެ ވައްޓަފާޅިއެވެ.

ގައުމުގެ މުއައްސަސާތަކަށް ބަލައިލިކަމުގައިވިޔަސް، އަދި ވަކި ފަރުދުންނަށް ބަލައިލިކަމުގައި ވިޔަސް ފެންނަނީ ހަމަ އެއްގޮތަކަށެވެ. މުޅިންވެސް ދުވަހުން ދުވަހަށް އުޅެމުން ދާތަނެވެ. ވިސްނުން ހުންނަނީ މިއަދަށެވެ. މާދަމާއަށް ނުވަތަ އޭގެ އަނެއް ދުވަހަށް، ނުވަތަ އަނެއް އަހަރަށްވެސް ގިނަ ފަހަރު މިއޮންނަނީ ވިސްނާ ނުލެވިފައެވެ. އަބަދުވެސް ކަމެއް އައިސް ބޯމަތިވުމުން މެނުވީ ގިނަ ކަންތައްތަކަށް މިއޮންނަނީ އަޅާނުލެވިފައެވެ. ދުރާލާ ތައްޔާރުވެގެން ކަންކަމުގެ އިސްލާހީ ފިޔަވަޅު އަޅައިގެން ނުތިބެވެއެވެ.

ވިހި ވަނަ ޤަރުނުގައި ދުނިޔޭގެ ގިނަ ފެކްޓަރީތަކުގައާއި، ވިޔަފާރިތަކުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެއް ކުންފުނި އަނެއް ކުންފުންޏާއި ވާދަކުރުމުގެ ގޮތުން ވީހާވެސް ގިނަ މުދާ އުފައްދާ، ޕްރޮޑަކްޝަން އިތުރުކުރުމަށެވެ. އަދި އެންމެ ކާމިޔާބު ކުންފުންޏަކީ އެންމެ ގިނައިން، އެންމެ އަގު ހެޔޮކޮށް ތަކެތި އުފައްދާ މީހުންކަމުގައިވެސް ބެލެވުނެވެ. އެހެންނަމަވެސް، އަޅުގަޑުމެންނަށް އެކާވީސް ޤަރުނުގައި އެންމެ އިސްކަމެއް ދޭންޖެހިފައިމިވަނީ މުދަލާއި ޚިދުމަތުގެ ކޮލިޓީއަށެވެ. ކޮންމެހެން ހަމައެކަނި އޭގެ އަގަކަށްނޫނެވެ. 

މިހެންކަމުން، ވިޔަފާރިވެރިންގެ ވިސްނުން ބައްޓަންކުރަންޖެހިފައި މިވަނީ ދުރު މުސްތަގްބަލަށް ވިސްނާ، ކަސްޓަމަރުންގެ މަގްބޫލްކަން ހޯދުމަށެވެ. އެކަން ހާސިލްކުރެވޭނީ ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުކުރެވިގެނެވެ. އަދި ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެނެވެ. މިކަމަށްޓަކައި ބޭނުންވާ ރިސާޗް ހެދުމަށް، އަދި އިންވެސްޓްކުރުމަށް މިއަދު ބޮޑު ހަރަދެއް ކުރަންޖެހިދާނެއެވެ. ކުރު ރާސްތާގައި ކުންފުނީގެ ހަރަދު އިތުރުވެ، އާމްދަނީ މަދުވެ، ފައިދާ ކުޑަ ވެދާނެއެވެ. އެހެންނަމަވެސް، ދުރު މުސްތަގްބަލުގައި މުދަލާއި ހިދުމަތުގެ ފެންވަރު ރަގަޅުވެ، ފައިދާ އިތުރުކުރެވިދާނެއެވެ.

ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބަލައިލާއިރު، ބައެއް ވިޔަފާރިވެރިންގެ ފޯކަސް ހުންނަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ފައިދާއެއް ހޯދުމަށެވެ. މިގޮތުން މުދަލެއް އިމްޕޯރޓްކޮށްގެން ވިއްކާ ބައެއް ފަރާތްތަކުން ބަލަނީ ވީހާވެސް އަގުހެޔޮކޮށް މުދަލެއް އެތެރެކޮށްގެން ވީހާވެސް ބޮޑު އަގެއްގައި ވިއްކުމަށެވެ. މިހެންކަމުން ރާއްޖޭގެ ބާޒާރުގައި ހުންނަ ބައެއް މުދަލަކީ ނިސްބަތުން ފެންވަރުދަށް، އެހެންނަމަވެސް އަގު ބޮޑު މުދާކަމުގައި މިވަނީވެފައެވެ. ފެންވަރު ރަނގަޅު ތަކެތި ވިއްކުމަށް ފޯކަސް ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަށް މަދެވެ. 

ދުރު މުސްތަގްބަލްގައިވެސް ކާމިޔާބުކަމާއިއެކު ވިޔަފާރި ކުރިއަށް ގެންދިއުމަށްޓަކައި، ކަސްޓަމަރުންގެ އިތުބާރު ހޯދަންޖެހެއެވެ. މިކަމަށްޓަކައި، ވިއްކާ މުދަލާއި، ދެވޭ ހިދުމަތަކީ ފެންވަރު ރަގަޅު، ކަސްޓަމަރުން ހިތްހަމަޖެހޭ އެއްޗަކަށް ހަދަންޖެހެއެވެ. މައިކްރޮސޮފްޓް ފަދަ ދުނިޔޭގެބޮޑެތި ކާމިޔާބު ކުންފުނިތަކަކީވެސް އަބަދުމެ ދުރު މުސްތަގްބަލަށް ވިސްނާ، ދިރާސާތައް ކުރަމުން ގެންދާ ކުންފުނިތަކެވެ. އަބަދުވެސް ކުރިއަށް އޮތް 10 ނުވަތަ 15 އަހަރަށް ވިސްނައިގެން އާ އިޖާދުތައް ހަދަމުން ގެންދާ ފަރާތްތަކެކެވެ.

ހިދުމަތުގެ ވިޔަފާރި ކުރާ ފަރާތްތަކުންވެސް، ކަސްޓަމަރުން ބޭނުންވާ ގޮތަކީ ކޮބައިކަން އޮޅުންފިލުވައި، ކަސްޓަމަރުންގެ ފަރާތުން "ފީޑް ބެކް"' ނުވަތަ އެމީހުން ހިދުމަތާ މެދު ދެކޭ ގޮތް އޮޅުންފިލުވައި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިންވެސްޓްކުރަންޖެހޭނެއެވެ. އަބަދުމެ ވިސްނުން ހުންނަންޖެހޭނީ ކުރު މުއްދަތުގެ ފައިދާ އިތުރުކުރުމަކަށްނޫނެވެ.

ގިނަ ދުވަސްތަކަކަށް ވިޔަފާރި ކުރިޔަށް ގެންދިއުން ބިނާވަނީ ގިނަ ކަސްޓަމަރުން ހިފެހެއްޓުނު މިންވަރަކަށެވެ. އަދި ކުރިމަގުގެ ފައިދާ ބިނާވެގެންދާނީ ކަސްޓަމަރުންގެ ހިތްހަމަ ޖެހުން ބޮޑުވި މިންވަރަކަށެވެ. އެހެންނަމަވެސް، ކަސްޓަމަ ރިލޭޝަންސްގެ ދާއިރާގައި އަދިވެސް ގިނަ ވިޔަފާރިތައް މިއުޅެނީ ވަރަށް ފަހަތުގައިކަން ފާހަގަވެއެވެ.

ވަކި ފަރުދުންގެ ދިރިއުޅުމާއި އަމަލުތަކަށް ބަލާއިރުވެސް ގިނައިން ފެންނަނީ ދުރު މުސްތަގްބަލަށް ޕްލޭންތައް ރޭވިގެން ނުގެންދެވި، މިހާރަށް އެކަނި ފޯކަސް ކުރެވޭތަނެވެ. ތިމާއަކީ ވަކި ހިސާބަކުން މަސައްކަތް ކުރުން ހުއްޓާލަންޖެހޭނެ، އަދި އެއަށްފަހު ދުނިޔެ ދޫކުރުމާއި ހަމައަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެފަދަ އާމްދަނީއެއް ލިބޭނޭމަގަށް ވިސްނުން ބަހައްޓަނީ ނިސްބަތުން މަދު ބައެކެވެ. އާންމުކޮށް އުމުރުން 65 ނުވަތަ އެއަށްވުރެވެސް ކުރިން ރާއްޖޭގައި ބައެއް މީހުން ރިޓަޔަ ކުރެއެވެ. އޭގެ ފަހުންވެސް އިތުރު 25 ނުވަތަ 30 އަހަރު އަދި ދުނިޔޭގައި ހުރެދާނެކަމަށް ބަލަންޖެހޭނެއެވެ.

މިހެންކަމުން، މުސްކުޅިވެ މަސައްކަތް ކުރުން ހުއްޓާލައިގެން ހުންނަ ދުވަސްތަކުގައިވެސް މަހަކު ވަކި މިންވަރެއް އަމިއްލަ ފައިސާއިން ޚަރަދުކުރަން ހުރުމަކީ، މުޅި އުމުރު މަސައްކަތުގައި އުޅުނުއިރު މަހަކު ވަރަށް ކުޑަ މިންވަރެއް ރައްކާ ކޮށްލައިގެންވެސް ކުރެވިދާނެކަމެކެވެ. މުސްކުޅި އުމުރުގައި ދިމާވެދާ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުމަށްޓަކައިވެސް ފައިސާ ހަރަދުކުރަން ޖެހޭނެއެވެ. އަދި ރިޓަޔަ ކުރުމަށްފަހު އެކި ތަންތަނަށް ދަތުރުކޮށްލުމަކީވެސް ބައެއް މީހުން ފައިސާ ރައްކާ ކުރުމަށްހު ކުރާ ކަމެކެވެ. 

މިހުރިހާ ކަމަކަން ވެސް ތައްޔާރުވެވޭނީ، ނުވަތަ ފަހަށް ރައްކާކުރެވޭނީ މިއަދުގެ ބައެއް ހަރަދުތައް މަޑު ޖައްސާލައި، ނުވަތަ އެފަދަކަމަކަށް އިންވެސްޓްކުރެވިގެންނެވެ. ކޮންމެހެން ފައިސާ ބޭންކު އެކަންޓެއްގައި ބަހައްޓާކަށްވެސް ނުޖެހެއެވެ. އިންޝުއަރެންސް ކުންފުންޏަކުން "އޯލްޑް އޭޖް" އިންޝުއަރެންސް ޕެކޭޖެއް، ނުވަތަ ހެލްތު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެގެންވެސް، މިދެންނެވި މަގްސަދު ހާސިލްކުރެވިދާނެއެވެ. ހަމައެކަނި ބޭނުންވަނީ ދުރު މުސްތަގްބަލަށް ވިސްނުމުގެ އާދައެވެ.

ސަރުކާރުގެ ޕޮލިސީތަކާއި އަމަލުތަކަށް ބަލާއިރުވެސް ފެންނަންޖެހޭނީ ދުރު މުސްތަގްބަލުގެ ވިސްނުން ހުރެގެން ކުރެވޭ ޕްލޭންތަކާއި، އަދި ހިންގޭ ޕްރޮޖެކްޓްތަކެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ގާއިމްކުރެވިފައިވާ ޕެންޝަން ފަންޑަކީ މިދެންނެވުނު ވިސްނުމުގައި ކުރެވިފައި ހުރި ރަނގަޅު ކަމެކެވެ. އެހެންނަމަވެސް، އަދިވެސް ގިނަ ކަންތައްތައް ހުރީ ވަގުތީ ހައްލުތަކަށް ބަރޯސާވާންޖެހޭ ގޮތަކަށެވެ. 

ދައުލަތުގެ ހަރަދުގެ ކަންތައްތައް ބެލެހެއްޓޭ ގޮތް އެއީ އެއް މިސާލެވެ. އިގްތިސާދު ރަނގަޅުވެ، އާމްދަނީ އިތުރުވެގެން ދިޔަ ކަމުގައި ވިޔަސް، ފަހަށް ރައްކާކުރެވޭ އެއްޗެއް ނޯވެއެވެ. ދަރަނި ކުޑައެއް ނުވެއެވެ. މުސްތަގްބަލަށް ވިސްނާ، ފައިދާހުރި އިންވެސްޓްމަންޓްތަކެއް ނުހެދެއެވެ. 

"ވިސްނުން ބޮޑަށް ހުންނަނީ ކުރިއަށް އޮތް ދެތިން ހަތަރު އަހަރަށެވެ. ރައްޔިތުން ވޯޓުލާނެ ދުވަހަށެވެ. ގިނަ ޕޮލިސީތަކާއި ޕްރޮޖެކްޓް މިފަދައިން ހުރުމުން، ގައުމުގައި ދުރު މުސްތަގްބަލްގެ ޕްލޭންތަކަކަށް ކަންކަން ރޭވިގެނެއްނުދެއެވެ. ހަގީގަތުގައި، ރާއްޖެއަށް ލިބޭ ބޮޑު އާމްދަނީއަށް ބަލާއިރު، އެދެވޭ މިންވަރަކުން ރިޒާވެއް ގާއިމްކުރެވިދާނެއެވެ. އަދި، ދުނިޔޭގެ އެކި ގައުމުތަކުގައި އިންވެސްޓްކުރެވިދާނެއެވެ."

މުޅި ގައުމުގައި ދުރު މުސްތަގްބަލަށް ވިސްނުމުގެ އާދަ އަށަގެންނެވުމަށް ވަރަށް ބޮޑެތި ކަންތައްތައް ކުރަންޖެހެއެވެ. ވިޔަފާރިތަކުގެ ލެވެލްގައި އެފަދަ ވިސްނުމެއް ގެންގުޅެގެން މެނުވީ ދެމެހެއްޓެނިވި ވިޔަފާރިތަކެއް ނުހުންނާނެއެވެ. އަދި އަމިއްލަ ފަރުދުންގެ ލެވެލްގައި މިފަދަ ވިސްނުން ހުންނަންޖެހެއެވެ. އަދި ސަރުކާރާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގައިވެސް، ދުރު ރާސްތާގެ ޕްލޭންތައް ހެދި، ދުރު މުސްތަގްބަލަށް ވިސްނުން ބަހައްޓަންޖެހެއެވެ. ގައުމުގައި ރިސާރޗްކުރުމާއި، މަތީ ތައުލީމު ދިނުމާއި، ފައިދާ ދިގު ދެމިގެންދާފަދަ އިންވެސްޓްމަންޓްތަކަށް އިސްކަންދޭންޖެހޭނެއެވެ. މިއަދު ކުރަންހުރި ބައެއް ޚަރަދުތައް މަޑު ޖައްސާލައިގެން ނަމަވެސް، މުސްތަގްބަލަށް އިންވެސްޓްކުރަންޖެހޭނެއެވެ. އެހެނީ، މުސްތަގްބަލަށް ބެލުމެއްނެތި ކަންތައްތައް ކުރުމަކީ މޮޔަކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް